ދިރާގު

އަައިއެފްސީ އާއި އޭޑީބީ އިން ދިރާގަށް 55 މިލިއަން ޑޮލަރު ދެނީ

ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ރަނގަޅުކޮށް ކަނެކްޓިވިޓީ ހަރުދަނާ ކުރުމަށް އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ދިރާގަށް 55 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެއްޖެ އެވެ.

ދިރާގުން ބުނީ މީގެތެރެއިން 25 މިލިއަން ޑޮލަރު ބޭނުންކުރާނީ 5ޖީގެ ހިދުމަތާއި ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް މިހާރު ނުލިބޭ ރާއްޖޭގެ ގިނަ ރަށްތަކަކަށް އެ ހިދުމަތް ދިނުމަށް ކަމަށެވެ. އަދި އިންޓަނެޓްގެ ހިދުމަތް ހޯދުމަށް ކަސްޓަމަރުން ޑޭޓާ ބޭނުންކުރާ މިންވަރު އިތުރުވަމުން ދާތީ ދިރާގުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ދިރާގުގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ފުޅާކުރުމުގެ މަޝްރޫއަށްވެސް މި ފައިސާ ބޭނުންކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.

އެ ކުންފުނިން ބުނީ ބާކީ 30 މިލިއަން ޑޮލަރު ބޭނުންކުރާނީ ގްލޯބަލް ސުޕަހައިވޭއާ ރާއްޖެ ގުޅުވައިދޭ ދިރާގުގެ ސީ-އެމްއީ-ޑަބްލިޔުއީ 6 ސަބްމެރިން ކޭބަލް ސިސްޓަމް މަޝްރޫއަށް ކަމަށެވެ. އަދި މިއީ ރާއްޖެ ގްލޯބަލް ޑިޖިޓަލް ހަބަކަށް ހެދުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށްވެސް ދިރާގުން ބުނެ އެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ ރާއްޖޭގެ "އެންވަޔަރަންމަންޓަލް، ސޯޝަލް އެންޑް ގަވާނަންސް" (އީއެސްޖީ) ފަންކްޝަން ގާއިމުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އިންވެސްޓްމަންޓެއް ކަމަށެވެ.

"އަޅުގަނޑުމެން އަމާޒު ހިފާފައިވަނީ ޔޫއެންޑީޕީގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ދިރާގުން ވަނީ އައިއެފްސީ އާއި އޭޑީބީ ސޭފްގާޑް ޕޮލިސީ ސްޓޭޓްމަންޓް (2009)އާ އެއްގޮތަށް ތިމާވެއްޓާއި އިޖުތިމާއީ މެނޭޖްމެންޓް ނިޒާމެއްވެސް ގާއިމުކޮށްފަ އެވެ.

އައިއެފްސީގެ ރީޖަނަލް ޑިރެކްޓަރު ފޯ ސައުތު އޭޝިއާ ހެކްޓާ ގޯމޭޒް އަންގް ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް އައިއެފްސީން ދިރާގަށް ކުރާ އިންވެސްޓްމަންޓަކީ ވަކިވަކި ރަށްތަކެއްގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލުމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭނެ އަގުހުރި އިންވެސްޓްމަންޓަކަށް ވާނެ ކަމަށެވެ.

އޭޑީބީގެ ޕްރައިވެޓް ސެކްޓާ އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް ސުޒޭން ގަބޯރީ ވިދާޅުވީ މިއީ ރާއްޖެ ކަހަލަ ގިނަ އަދަދެއްގެ ރަށްތަކެއްގެ މައްޗަށް އާބާދީ ފެތުރިފައި އޮންނަ ޖަޒީރާ ގައުމަކަށް ވަރަށް މުހިއްމު މަޝްރޫއަކަށް ކުރާ ހޭދައެއް ކަމަށެވެ.

"ރާއްޖޭގައި އަވަސް އަދި އަގުހެޔޮ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް މި އިންވެސްޓްމަންޓް އެހީތެރިވެދޭނެ،" ސުޒޭން ވިދާޅުވެފައިވެ އެވެ.

އައިއެފްސީ އަކީ ކުރިއަރަމުން އަންނަ މާކެޓްތަކުގައި އަމިއްލަ ވިޔަފާރިތަކުގެ ތަރައްގީއަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު މުއައްސަސާ ކަމުގައިވާ ވޯލްޑް ބޭންކް ގްރޫޕްގެ މެމްބަރެކެވެ.