ވިޔަފާރި

"ތާޒާ" ފެން އަތޮޅުތަކަށް ޑިސްޓްރިބިއުޓް ކުރަން އެޖެންޓުން ކަނޑައަޅައިފި

އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް (އައިބީއެމް) ގެ "އެޓޯލް އެޖެންޓް" މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއަކީ އައިބީއެމްގެ ފަރާތުން ސަރުކާރުގެ ޒުވާނުން ކުރިއެރުވުމުގެ ސިޔާސަތައް އެއްބާރުލުދިނުމުގެ ގޮތުން ފެށި މަޝްރޫއުއެކެވެ.

"އެޓޯލް އެޖެންޓް" މަޝްރޫއުގެ މަގުސަދަކީ، ވިޔަފާރިތައް ހިންގުމަށް ޒުވާނުން ޝައުގުވެރިކުރުވުމާއި ކުންފުނީގެ ސީއެސްއާރު ހަރަކާތްތައް އިތުރަށް ފުޅާކުރުމާއި ދިވެހިންގެ ތެރޭގައި ދިވެހި އުފެއްދުންތަކަށް ޝައުގުވެރިކަން އިތުރުކުރުމެވެ. ފެންބިލްޑިން ގައި މިއަދު އޮތް ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ އެޓޯލް އެޖެންޓުންގެ ގޮތުގައި ހޮވިގެންދިޔަ ފަރާތްތަކަށް ލިޔުން ހަވާލުކުރައްވާފައެވެ.

"ތާޒާ" ފެން އަތޮޅުތަކަށް ޑިސްޓްރިބިއުޓް ކުރުމަށް އެޓޯލް އެޖެންޓުން ކަނޑައެޅިގެން ދިޔައީ ޕްރޮގްރާމަށް ޝައިގުވެރިވެ ޕްރޮޕޯސަލްތައް ހުށަހެޅި ފަރާތްތަކުގެ މެދުގައި ކަނޑައެޅިފައިވާ އުސޫލުން އެންމެ ރަނގަޅު ހުށަހެޅުންތައް ފޮނުވި ފަރާތްތަކުގެ މެދުގައެވެ. އެގޮތުން 8 އަތޮޅަކުން ޖުމްލަ 12 އެޖެންޓުން ވަނީ ހޮވާފައެވެ.

އައިބީއެމްގެ ޖެނަރަލް މެނޭޖަރު މުހައްމަދު ޝިފާގު ވިދާޅުވީ، އެޓޯލް އެޖެންޓުންނަށް "ތާޒާ" ފެން ކަނޑައެޅިފައިވާ ހާއްސަ އަގުތަކެއްގައި ލިބިގެން ދާނެ ކަމަށެވެ. އަދި "ތާޒާ" ފެން މާކެޓްކުރުމާއި ވިޔަފާރި ކުރި އެރުވުމަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު އައިބީއެމްގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

އައިބީއެމްގެ އެމްޑީ ފަޒުލް ވިދާޅުވީ، އެޓޯލް އެޖެންޓުންގެ މަސައްކަތަށް ބެލުމަށްފަހު އިތުރު ޑިސްކައުންޓްތަކާއި އިނާޔަތްތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަތޮޅުތަކުގެ ތެރޭގައި ފެން ޕްލާންޓްތަށް ގާއިމުކުރުމަށް މަސަައްކަތްތައް ކުރި ނަމަވެސް އޭގެ ސަބަބުން އެޖެންޓުންނަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

އެޓޯލް އެޖެންޓުންގެ ޒިންމާއަކީ ކަނޑައެޅުނު އަތޮޅެއް ނުވަތަ ސަރަހައްދެއްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި "ތާޒާ" ފެން ފޯރުކޮށްދިނުމެވެ.