ވޮޝިންޓަން އިރްވިން 1819 ގައި ލިޔުނު ކްލެސިކް އެއްގައި ރިޕް ވެން ވިންކްލް ކިޔާ މީހަކު އުޅެ އެވެ.
މި ވާހަކައިގައި ބުނާ ގޮތުގައި މި މީހާ 20 އަހަރު ވަންދެން އެއްގޮތަކަށް ވެސް ނުހޭލާ ނިދާފައި އޮތެވެ. އެ ޒަމާނަށް ބަލާއިރު މިއީ މީހުންނަށް ގަބޫލުކުރަން ދަތި ޚިޔާލީ ވާހަކައެއް ނަމަވެސް އޭގެ އެތައް އަހަރެއް ފަހުން 1871 ވަނަ އަހަރު ހަމަ މިފަދަ ހަގީގީ ހާދިސާއެއް އިންގްލެންޑްގައި ހިނގާފައި ވެއެވެ.
އުމުރުން 11 އަހަރުގެ އެލެން ސެޑްލާ ނިދާފައި ނުހޭލާ ނުވަ އަހަރު ދުވަހު އޮތް ކަމަށް އިންގްލެންޑްގައި އެ ދުވަސްވަރު ނެރުނު ނޫހެއްގައި ލިޔެފައި ވެއެވެ. ސެޑްލާގެ ގެ ހުންނަނީ ޓާވީލް ކިޔާ ކުޑަ އަވަށެއްގަ އެވެ.
"ސްލީޕިން ގާލް އޮފް ޓާވީލް"ގެ ނަމުން ގިނަ ބަޔަކު މިއަދުވެސް ސެޑްލާ ދަނެ އެވެ. ސެޑްލާ މިހާ ގިނަ އަހަރުތަކަކު ނިދާފައި އޮތީ މީހަކު ހެދި ފަންޑިތަ އަކުން ޖާދޫއަކުން ނޫނެވެ. ދުނިޔޭން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއްގެ ސަބަބުންނެވެ.
އެލަން ސެޑްލާ އަކީ ދެމަފިރިއަކަށް ލިބުނު 12 ދަރިންގެ ތެރެއިން ކުއްޖެކެވެ. ނިދުމުގެ މައްސަލަ ދިމާވުމުގެ ކުރިންވެސް ވަރަށް ގިނަ ސިއްހީ މައްސަލަތައް ސެޑްލާ އަށް ދިމާވެފައި ވެއެވެ.
އުމުރުން 11 އަހަރުގައި ސެޑްލާ ނާސްމެއިޑެއްގެ ގޮތުގައި މަސައްކަތްކުރަން މާލޯ ކިޔާ ރަށަކަށް ދިޔަ އެވެ. މާލޯގައި ސެޑްލާ ހުރި ދުވަސްތަކުގައި ވަރަށް ގިނައިން ބޮލުގައި ރިއްސާ ބޯ އަނބުރާ އަދި އެނޫންވެސް ހަށިގަނޑަށް އުނދަގޫތަކެއް ވާކަމުގެ ޝަކުވާތައް ކުރި އެވެ.
އޭނާގެ މި ސިއްހީ މައްސަލަތައް ބޮޑުކަމުން އަދާކުރަން ދިޔަ ވަޒީފާ ވެސް އެކަށީގެންވާ ގޮތަކަށް އަދައެއް ނުކުރެވުނެވެ.
އެހެންވެ މި ޒުވާން ކުއްޖާ އެނބުރި ޓާވީލް އަށް ދިޔައީ އެވެ. އަދި ޓާވީލްއަށް ދިއުމާއެކު އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް 18 ހަފުތާ ވަންދެން ފަރުވާ ދިނެވެ.
ހޮސްޕިޓަލުން ދޫކޮށްލިއިރުވެސް ސެޑްލާގެ ހާލު އެހާ ރަނގަޅެއް ނޫނެވެ. އެ ދުވަސްވަރު އުޅުނު ޑޮކްޓަރުންނަށް ހަގީގަތުގައި ސެޑްލާއަށް ވާ ގޮތެއް ނޭނގޭތީ އޭނާއަށް ފަރުވާކުރަން ޖެހޭ ގޮތެއް ނޭނގުނެވެ.
ގޭގައި އޮއްވާ ސެޑްލާ އަށް ފިޓް ޖެހެން ފެށި އެވެ. އެގޮތަށް އެތައް ފަހަރަކު ފިޓް ޖެހިފައި ނިދުނު ގޮތަށް ދެން ނުހޭލެވުނީ އެވެ. އޭގެ ފަހުން ނުވަ އަހަރު ފާއިތުވީއިރުވެސް ސެޑްލާ އޮތީ ނިދާފަ އެވެ.
ބަކްސް ފްރީ ޕްރެސްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި އެލަން ސެޑްލާ ނިދާފައި އޮންނަ ވާހަކަ މުޅި އެ ސަރަހައްދަށް މަޝްހޫރުވެ ވަރަށް ދުރު އަވަށްތަކުން ވެސް އޭނާ ދެކިލަން ގިނަ އަދަދެއްގެ މީހުން އެ ގެޔަށް ޒިޔާރަތް ކުރަމުން ދިޔަ އެވެ.
ސެޑްލާ ނިދާފައި އޮއްވާ އޭނާގެ މަންމަ އޭން އޭނާއަށް ކިރާއި ސައި ފަދަ ދިޔާ އެއްޗެތި ބޯންދީ އޭނާ ސާފުކޮށް ބަލަހައްޓަމުން ގެންގޮސްފައި ވެއެވެ.
ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތެއް ނެތި ސެޑްލާ އޮތުމުން އޭނާގެ އަނގަ ވެސް އޮތީ "ތަޅު"ލެވިފަ އެވެ. ހުޅުވަން އުޅުނަސް ނުހުޅުވެ އެވެ. އެހެންވެ އޭނާގެ މަންމަ ކުރާ ކަމަކީ ސެޑްލާގެ ދަތެއް ވެއްޓިގެން ހެދިފައި އިން ބާގަނޑަކުން ފޯންޗެއްގެ އުޅައްގަނޑު ކޮއްޕައިގެން އޭނާގެ އަނގަޔަށް ދިޔާ އެއްޗެތި އަޅަނީ އެވެ.
ނިދާފައި އޮތް ނުވަ އަހަރު ތެރޭގައި ސެޑްލާ އަށް އެއްގޮތަކަށްވެސް ބޮޑުކަމު ނުދެވި ވެސް އެތައް ދުވަހެއް ދެއެވެ. އަދި ކުޑަކަމުވެސް ދަނީ ވަރަށް މަދުންނެވެ. އޭނާ ދެކިލަން އެ ގެޔަށް ޒިޔާރަތްކުރާ ބައެއް މީހުން އޭނާގެ ގަޔަށް ޕިން ހަރައިގެން ވެސް ހަރަކާތެއް ކުރޭތޯ ބަލަ އެވެ. ނަމަވެސް ކޮންމެ ކަމެއް ކުރިޔަސް ސެޑްލާއަކަށް ނުހޭލެވެ އެވެ.
ސެޑްލާ އޮތް ގެ މަޝްހޫރުވެފައިވަނީ "ސްލީޕީ ކޮޓެޖް"ގެ ނަމުންނެވެ. ޑޮކްޓަރުންނާއި ރިޕޯޓަރުން ވެސް ވަރަށް ގިނައިން މި ކޮޓެޖަށް ޒިޔާރަތް ކުރަމުން ދިޔަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ސެޑްލާއަށް ވެގެން އުޅޭ ގޮތެއް ނޭނގުނެވެ.
ގިނަ ދުވަސް ތަކަކު ނިދާފައި އޮތުމުން ސެޑްލާގެ ގައިގެ މަސްތައް ވިރިގެން ގޮސް ފަހުން ފަހުން އޭނާ އޮތީ ހިކި ކަށިކޮޅަކަށް ވެ އެވެ. ކޮލާއި ދެލޯ ވެސް ހުރީ މުޅިން ވަޅުވަދެފަ އެވެ.
ގައިގައި ހުރި ތުނިތުނި މަސް ފަށަލަ މަޑުވެފައި ހަންގަނޑަށް ހުރި ދޫވެފަ އެވެ.
އޭނާގެ ދެ ފައި ވެސް ހީވަނީ ގަނޑުފެންކޮޅެއްހެނެވެ. އަދި ނޭވާލާލެއް މަޑުކަމުން ވަރަށް ބޮޑަށް ވިސްނައިގެން ހުރިއްޔާ ނޫނީ ނޭވާލާކަން ނުވެސް އެނގޭ އެވެ.
ސެޑްލާގެ މި ހާލަތު ރަނގަޅުކުރެވޭތޯ ބޭސް ފަރުވާ ކުރުމަށް ފައިސާގެ އެހީއަށް ސެޑްލާގެ އާއިލާއިން އެދުނެވެ. އަދި އޭނާއަށް ޒިޔާރަތްކުރާ ގިނަ ބަޔަކު އެމީހަކަށް ލިބުނު ވަރަކުން ފައިސާ ހަދިޔާވެސް ކުރި އެވެ. އެކަމަކު މިއީ ސެޑްލާއޭ ކިޔައިގެން ފޭކް ވާހަކައެއް ދައްކައިގެން އެ އާއިލާއިން ފައިސާ ހޯދަން ކުރާ ކަމެއްގެ ގޮތުގައި ވެސް ބައެއް މީހުން ގަބޫލުކުރި އެވެ.
ސެޑްލާ ބަލަހައްޓަމުން ދިޔައީ އޭނާގެ މަންމަ އެވެ. 1880 ވަނަ އަހަރު ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި ސެޑްލާގެ މަންމަ މަރުވި އެވެ. އަދި މަންމަ މަރުވިތާ މާގިނަ ދުވަހެއް ސެޑްލާއަށް ނިދިން ހޭލެވުނެވެ.
އެހެންވެ މަންމަ ސެޑްލާއަށް ބޭހެއް ދީގެން އަބަދު ނިންދަވާފައި ބޭއްވީ ކަމަށްވެސް ބައެއް މީހުން ޝައްކު ކުރި އެވެ.
ލަންޑަންގެ ޑޮކްޓަރުން ސެޑްލާ އަށް ފަރުވާ ދޭން އަމިއްލައަށް ވޮލަންޓިއާ ކުރި އެވެ. ނަމަވެސް ސެޑްލާގެ މަންމަ އެކަމާ އެއްބަސް ނުވީ އެވެ. އަދި އެ ގެޔަށް އަންނަ ޑޮކްޓަރުން ވެސް މާ ގިނައިރު ސެޑްލާ ކައިރީގައި ހުރުމުގެ ހުއްދައެއް އޭނާގެ މަންމަ ނުދެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބައެއް ރޭ ރޭ ސެޑްލާ ކުޑަދޮރު ކައިރީގައި އިށީނދެ އިންދާ މީހުންނަށް ފެނިފައި ވެއެވެ.
މީހުންގެ ޝައްކުތައް މިގޮތަށް ހުއްޓަސް މި ޒަމާނުގެ މެޑިކަލް އެކްސްޕާޓުން ބުނަނީ ސެޑްލާ އަށް ޖެހިފައިވަނީ ނާކޮޕެލްސީ ކިޔާ ބައްޔެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މާޔޯ ކްލިނިކްގެ މައުލޫމާތުތަކަށް ބަލާއިރު މި ބަލި ޖެހޭ މީހުންގެ ނިންޖަށް ބަދަލު އާދެ އެވެ. އަދި ނިދާ ގޮތަށް ނުހޭލެވި އެތައް ދުވަހަކު އޮވެ އެވެ.
ނުވަ އަހަރު ފަހުން ސެޑްލާ އަށް ނިދިން ހޭލެވުނުއިރު އޭނާގެ ކުރީގެ ހުރިހާ ހަނދާނެއް ވަނީ ގޮއްސަ އެވެ. އަދި އޭނާގެ ހެދިބޮޑުވުން ވަނީ މުޅިން ހުއްޓިފަ އެވެ. އަދި ލޮލުގެ ފެނުން ވެސް ވަނީ ދެރަވެފަ އެވެ. ނަމަވެސް ސިއްހީ ގޮތުން އެނޫން އެއްވެސް މައްސަލައެއް އޭނާއަށް ފަހަކުން ދިމަލެއް ނުވެ އެވެ.
ފަހުން ސެޑްލާ ކައިވެނިކޮށް ހަ ދަރިން ވެސް ވިހާފައިވެ އެވެ. އޭނާ މަރުވީ 1911 ވަނަ އަހަރު ކަމަށް އެމިއުސިން ޕްލެނެޓް ކިޔާ މަޖައްލާއެއްގައިވާ ހަބަރެއްގައި ބުނެފައިވެ އެވެ.