ގދ. ހޯޑެއްދޫ ވަލުތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ހޯދާފައިވާ ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ގިނަ އަދަދެއް މަސްތުވާތަކެތި ހޯދި ކަމަށް ބުނި ނަމަވެސް އެއީ ކިހާ އަދަދެއް މަސްތުވާތަކެތި ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް އަދި ސައުތު ޕޮލިސް ގުޅިގެން ހޯޑެއްދޫގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
މި އޮޕަރޭޝަންގެ ތެރެއިން އިތުރު ތަންތަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ. ނަމަވެސް އެތަންތަނުގެ މައުލޫމާތުވެސް ހިއްސާކޮށްފައެއް ނުވެ އެވެ.
ހޯޑެއްދޫ ވަލުތެރެއިން މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައި މިވަނީ މިދިޔަ އަންގާރަ ދުވަހު ފުލުހުން އެރަށުގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައި ވަނިކޮށެވެ. މީގެތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ވަނީ ކުއްލިއަކަށް މަރުވެފަ އެވެ. ފުލުހުން ދަނީ އޭނާގެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހެދުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އާއިލާ އިން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.