އާޒިމާ ޝަކޫރު

މައްޔިތާގެ ހަށިގަނޑު ހިފެހެއްޓޭނީވެސް ސާމްޕަލް ނެގޭނީވެސް އާއިލާގެ ހުއްދަ ލިބިގެން: އާޒިމާ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ހދ. ހޯޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު
0%
0%
0%

އެއްވެސް މައްޔިތެއްގެ ހަށިގަނޑު ފަޅައި ސާމްޕަލް ނެގޭނީ އެ މީހާގެ ބަދަލުވެރިން ނުވަތަ ވާރިސުންގެ ހުއްދަ ލިބިގެން ކަމަށާއި އެ ނޫން ގޮތަކަށް އެކަން ކުރެވޭނީ ކޯޓު އަމުރެއް ހޯދައިގެން ކަމަށް ކުރީގެ ބަންޑާރަނައިބް އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އާޒިމާ މިހެން ވިދާޅުވެފައި މިވަނީ ގދ. ހޯޑެއްދޫގައި މިދިޔަ އަންގާރަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކު ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން އެ މީހާގެ އާއިލާގެ ނުރުހުމުގައި ފުލުހުން އޮޓޮޕްސީ ހެދުމަށް ތައްޔާރުވަމުންދާ ވަގުތެއްގަ އެވެ.

މިމައްސަލައިގައި އާޒިމާ ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން އާޒިމާ ވިދާޅުވީ މިމައްސަލައިގައި ކަންކުރަންވީ ގޮތް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

"އެއްވެސް މީހަކު ހިފާ ހައްޔަރުކޮށް 24 ގަޑިއިރަށް ވުރެ ގިނައިރު ހިފެހެއްޓޭނީ ފަނޑިޔާރެއްގެ ކުރިމައްޗަށް އެ މީހަކު ހާޒިރުކުރުމަށްފަހު އެކަމަށް ކޯޓުގެ އަމުރެއް ހޯދައިގެންނެވެ. މި މާއްދާ އަކުން މަރުވެފައި އޮތް މީހެއް އިސްތިސްނާއެއް ނުކުރެވެ އެވެ،" އާޒިމާ ވިދާޅުވި އެވެ.

ފޭސްބުކްގައި އާޒިމާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖިނާއީ އިޖުރައާތުގެ ގާނޫނަށް ބަލައިފިނަމަ އެއްވެސް މީހެއްގެ ހަށިގަނޑު ސާމްޕަލް ނެގޭނީ އެމީހަކުގެ ހުއްދަ ލިބިގެން ކަމަށެވެ. މިކަމުގައިވެސް މަރުވެފައި އޮންނަ މައްޔިތާ އިސްތިސްނާ ނުވާނެ ކަމަށާއި ސަބަބަކީ ޕޯސްޓްމޯޓަމް ހެދުމާ ބެހޭ ގާނޫނެއް ނެތުމުން ކަމުގައި ވިދާޅުވި އެވެ.

"އެހެންކަމުން މި ހުކުމަށް ބަލާއިރު މައްޔިތާގެ ހަށިގަނޑު ފަޅައި ސާމްޕަލް ނެގޭނީ އޭނާގެ ޝަރުއީ ބަލަދުވެރިޔާ ނުވަތަ ވާރިސުން ހުއްދަ ދިނީމަ އެވެ. މި ނޫން ގޮތަކަށް ޕޮލިސްގެ ތަހުގީގަކަށް ޕޯސްޓްމޯޓަމް ހަދަން ބޭނުންނަމަ ކޯޓުގެ އަމުރެއް ހޯދަންޖެހޭނެ އެވެ،" އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއިލާ ނުވަތަ ވާރިސުން ހަށިގަނޑު ހޯދަން ބޭނުންނަމަ އާއިލާއާ ހަށިގަނޑު ހަވާލުނުކޮށް ބޭއްވޭނީވެސް ހަމައެކަނި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އާޒިމާ ވިދާޅުވީ މައްޔިތާގެ ހަށިގަނޑަކީ ވާރިސުންގެ ހައްގެއް ކަމަށާއި އާއިލާގެ ނުރުހުމުގައި ހަށިގަނޑު ހިފެހެއްޓުމުގެ ބާރެއްވެސް ރާއްޖެއިން ފުރުވާލުމުގެ ބާރެއްވެސް އަދި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއްވެސް އެއްވެސް ގާނޫނަކުން ދައުލަތަށް ލިބިގެން ނުވާ ކަމަށެވެ.

"އެހެންކަމުން އާއިލާގެ ނުރުހުމުގައި އެކަން ކުރެވޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުންނެވެ،" އާޒިމާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދައުލަތުގެ ހަވާލުވެ ހުރި މީހާގެ ނުވަތަ މުއައްސަސާއެއްގެ އިހްމާލު އޮތް ކަމަށް ކޯޓަށް އެކަށީގެންވާ ޝައްކު އޮތް ހާލަތުގައި އާއިލާ އިން ނުވަތަ ކޯޓުން ގަބޫލުކުރާ ތަނަކުން ނޫނީ ޕޯސްޓްމޯޓަމް ނުހެދޭނެ ކަމަށްވެސް އަމުރުކުރެވިދާނެ ކަމަށެވެ.

ހޯޑެއްދޫން ހައްޔަރު ކުރި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވީ އެރަށު ސްވެން، އަބްދުﷲ ރަޝީދު (43 އ) އެވެ.

އާއިލާގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި އަބްދުﷲ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާއަށް ސިއްހީ ފަރުވާ ބޭނުންވާ ކަމަށް ފުލުހުންނަށް އެންގުމުން "ފެކް" ޖައްސަނީ ކަމަށް ބުނެ ފަރުވާ ދިނުން ލަސްކުރުމުންނެވެ. ފުލުހުން އަބްދުﷲ އަށް ފަރުވާ ދިނުމަށް އޭނާގެ ހަށިގަނޑު އެންމެ ފުރަތަމަ ގެންދިޔައީ ގދ. މަޑަވެއްޔަށެވެ. އެރަށު ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުގެ ޑޮކްޓަރުން ފުލުހުންނަށް އަންގާފައިވެ އެވެ.

އަބްދުﷲ މަރުވި މައްސަލަ ތަހުގީގުކުރުމަށް އޭނާގެ ހަށިގަނޑު މާލެ ގެނެސް މިހާރު ބާއްވާފައިވަނީ ގ. ސަހަރާގައި ހުންނަ މޯޗަރީގަ އެވެ.

އަވަސް އަށް މައުލޫމާތު ދެމުން އާއިލާގެ ފަރާތުން އަބްދުﷲގެ ބޭބެ ހަސަން އަހްމަދު ބުނީ ފިޓް ޖެހުން ފަދަ އެއްވެސް ސިއްހީ މައްސަލައެއް އަބްދުﷲގެ ނުހުންނާނެ ކަމަށެވެ. އޭނާ މަރުވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާ ލިބުން ލަސްވެގެން ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ.

"މެޔަށް ތަދުވެގެން ފުލުހުން ކައިރީ ފަރުވާއަށް މީހަކު އެދުނީމަ އެއީ ޑްރާމާއޭ ބުނެ ފަރުވާ ދިނުން ލަސްކުރަން ވީ ކީއްވެގެންތޯ. މިއީ ކިހާ ބޮޑު އިހްމާލެއްތޯ؟" ފުލުހުންގެ އަމަލުތަކާ ދޭތެރޭ ހަސަން ސުވާލު އުފެއްދި އެވެ.

ހަސަން ބުނީ އަބްދުﷲ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށާއި އޭނާގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ހަށިގަނޑުގެ ބައިތައް ވަކިކޮށް އަނިޔާދީގެން އޮޓޮޕްސީ ހަދަން އާއިލާއިން ބޭނުން ނުވާ ކަމަށެވެ.

"މިހާރު ދެ ދުވަސް މިވަނީ އަޅުގަނޑުމެންނާ ހަށިގަނޑު ހަވާލުނުކޮށް މޯޗަރީގައި ބާއްވާތާ. އެބޭފުޅުން ބޭނުންވަނީ ބާރުގެ ބޭނުންކޮށްގެން އޮޓޮޕްސީ ހަދަން،" އަބްދުﷲގެ ހަށިގަނޑު އާއިލާއާއި ހަވާލުކުރުމަށް ފުލުހުން ދެކޮޅު ހަދަމުންދާތީ ކަންބޮޑުވުންފާޅު ކުރަމުން ހަސަން ބުންޏެވެ.

އާއިލާގެ ނުރުހުމުގައި އަބްދުﷲގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދައިފިނަމަ ހަށިގަނޑާ ހަވާލު ނުވާނެ ކަމަށްވެސް އާއިލާ އިން ބުނެފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޓާޓީ

އޯކޭ، ޕޯސްޓް މޯޓަމް ހެދޭނީ ކޯޓު އަމުރެއް ލިބިގެން. އެކަމު އެއީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށަކުން ނޫން އަދި އެކަމަށް ޢާއިލާގެ ރުހުމެއްވެސް ބޭނުމެއް ނުވާނެ. ފުލުހުންގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައި ، "... ތަޙުޤީޤުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން މައްޔިތެއްގެ ހަށިގަނޑު ތަޙުލީލުކުރުމުގެ/އޮޓޯޕްސީ ހެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ." މިހެން ބަޔާންކޮށްފައި އޮންނާނެ. އަދި 24 މޭ 2022 ގައި ގެޒެޓުކޮށްފައިވާ "މަރުގެ މައްސަލަތައް ތަޙުޤީޤުކުރުމަށް ޕޯސްޓް މޯޓަމް ހެދުމުގައި ޢަމަލުކުރާނެ އިޖުރާޢަތުތަކުގެ ގަވާއިދު" ބަލާލަންފެނޭ. ނޫސްތަކުންވެސް ދެން ހަމަ މީހަކު އެއްޗެއް ބުނާއިރަށް އެ ޚަބަރަކަށް ހަދައިގެން ލިޔުނީމަ ރައްޔިތުންނަށް ވާނުވާ އޮޅޭ. މިއަށްވުރެ ޒިންމާދާރު ވާންޖެހޭނެ. އާޒިމާމެން ކަހަލަ ފުންނާބު އުސް ބޭފުޅުން ރަނގަޅަށް ރިސަރޗްނުކުރައްވާ ޕޯސްޓްކުރުމަކީވެސް ދެރަކަމެއް. ރައްޔިތުންނަށް ޤާނޫނު އޮޅި ބޮޑު ހާޖައިނުގަނޑަކަށްވޭ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345