އެމްއާރުއެމް

ސަރުކާރުގެ ފޯޅަވަހި ސިޔާސަތާ އެމްއާރްއެމް ދެކޮޅު

ފޯޅަވަހި ނުވަތަ ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖެއިން ތާއީދުކުރަން ނިންމާފައިވާ ކަމަށް ބުނުމާ ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއާރްއެމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަކީ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ދިވެހިންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމަކީ އެމްއާރްއެމްގެ މަގުސަދެއް ކަމަށެވެ. އެހެންވެ އެފަދަ އެއްވެސް ކަމަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް އެމްއާރްއެމް އިން ތާއީދު ނުކުރާނެ ކަމަށް ޔަގީންކޮށްދީފައިވެ އެވެ.

ރާއްޖެއާއި ފޯޅަވަހީގެ އިގްތިސާދީ ސަރަހައްދު ފުށުއަރާތީ އެ ބައި ޑީލިމިޓް ކުރުމަށް މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލެއްގައި ހިނގަމުން ދަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް އދ.ގެ އާންމު މަޖިލީހުގައި ވޯޓު ދޭން ނިންމާފަ އެވެ. މިސަރުކާރުން އެގޮތަށް ނިންމީ ރާއްޖެ އަކީ ގައުމުތައް އަޅުވެތި ކުރުމާ ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އައި ގައުމެއް ކަމަށް ބުނުމަށްފަހު އެވެ. ސަރުކާރުގެ މި ނިންމުމަށް ފާޑު ކިޔުމަށްފަހު އެމްއާރްއެމް އިން ބުނީ އެއީ އަޅުވެތިކަމާ ދެކޮޅު ސިޔާސަތަކީ ހަމައެކަނި މިސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާ ސަބަބު ވެސް އެމްއާރް އިން ބުނެދީފައިވެ އެވެ.

"މޮރިޝަސް އިން ބޭނުންވާ ގޮތަށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ، އިނގިރޭސީންގެ އަތް ދަށުން މޮރިޝަސް މިނިވަންވީއިރު ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް ނުވާތީއާއި ފޯޅަވަހި މޮރިޝަސްގެ ދަށަށް ހިނގައްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކުޑަވެ، އިގްތިސާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ގުދުރަތީ ވަސީލަތްތަކަށްވެސް އުނިކަން ލިބޭނެތީ އެވެ،" ބަޔާނުގައިވެ އެވެ.

އެމްއާރްއެމް އިން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބުނާގޮތުން ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަހައްދެއް ހާއްސަ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ރާއްޖެއަށް ވެސް ލިބިފައިވާ ކަމަށެވެ. ބައިނަލްއަގްވާމީ މިއުސޫލާ ހިލާފަށް ޗާގޯސްގެ މައްސަލައިގައި ހައްލު ހޯދުމަށް އިނގިރޭސިވިލާތާ އެކީގައި 1992 ވަނަ އަހަރު ދިވެހި ސަރުކާރުން މަޝްވަރާކޮށް އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް ސޯލިހްގެ ސަރުކާރުން ބުނެފައިވާތީ ރައީސް މައުމޫން އަބްދުލްގައްޔޫމު ޒައީމު ކަން ކުރައްވާ އެމްއާރްއެމް އިން ވަނީ ރައީސް ސޯލިހްގެ ސަރުކާރުން ދައްކާފައިވާ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ފޯޅަވަހީގެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަލުވީ ގޮތް ހާމަކުރަންޖެހޭނެ ކަމަށްވެސް ބުންޏެވެ.

"މީގެކުރިން ދިވެހި ދައުލަތުން މި ދެންނެވުނު ސަރަހައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްބަސްވެ ސޮއިކޮށްފައެއް ނުވާނެ އެވެ. އެކަން އެހެން އޮތްއިރު 2019ގައި މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތުމާ ދެކޮޅަށް ވޯޓު ދިނުމަށްފަހު އެ ސިޔާސަތު ބަދަލުވި ސަބަބު ހާމަވެފައި ނެތުމުން އޭގެ އަޑީގައި ކަންތައްތަކެއް ވާނެ ކަމަށް ރައްޔިތުން ދެކޭތީ ކަން ހިނގާ ދިޔަ ގޮތް ހާމަކުރުން މުހިއްމު ކަމަށް އެމްއާރްއެމް އިން ދެކެމެވެ،" ބަޔާނުގައިވެ އެވެ.

އެމްއާރްއެމް އިން ބުނީ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް ގަބޫލުކުރަން ސަރުކާރުގެ ސިޔާސަތަށް އައި ކުއްލި ބަދަލާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ހައިސިއްޔަތު ސަރުކާރުން ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދާ ގުޅުންހުރި މައްސަލައަކަށް ވެފައި އިގްތިސާދީ ގޮތުން ދިވެހި އާއިލާތަކަށް ބޮޑު މަންފާއެއް ލިބެމުން އަންނަ މަސްވެރިކަމުގެ ދާއިރާއަށް ވެސް ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ މައްސަލައެއް ކަމަށެވެ. އަދި މިމައްސަލައިގައި ސަރުކާރުގެ ނިންމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މިކަމުގައި މަޖިލީހުގެ ބަހެއްވެސް ސަރުކާރުން ހޯދާފައި ނުވާތީ އެކަމުގައިވެސް އެމްއާރްއެމް އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މީގެއިތުރުން މިމައްސަލައިގައި ރާއްޖޭގެ ފަރާތުން ބައިނަލްއަގްވާމީ ފަރާތްތަކާ އެކު ވަކާލާތު ކުރުމުގައި، ކަމުގެ ފަންނީ މާހިރުން ދިވެހިންގެ ތެރޭގައި ތިއްބެވިއިރު މިފަދަ ގިނަ ބޭފުޅުންގެ ލަފައާއި މަޝްވަރާ ހޯދާފައި ނުވާތީ ހިތާމަކުރާ ކަމަށްވެސް ބުންޏެވެ.

"އެހެންކަމުން މިކަމުގެ ސައްހަ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާ ކޮށްދެއްވުމަށް ސަރުކާރަށް މި ޕާޓީ އިން ގޮވާލަމެވެ. އަދި ރާއްޖޭގެ ސިޔާދަތީ ހައްގަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ނިންމުމަކަށް އެމްއާރްއެމް އިން ތާއީދެއް ނުކުރާނެ އެވެ. އަދި އެފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިވާނަމަ އެ ނިންމުން ބަދަލު ކުރުމަށް ވެސް އެމްއާރްއެމް އިން ގޮވާލަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.