އައްޑޫ ސިޓީގައި ހަދާފައިވާ ފުލުހުންގެ ތަމްރީން މަރުކަޒު -- ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގައި ކުރިއަށް ގެންދާ ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ ގިނަ އަދަދެއްގެ ފުލުހުން ބަލިވުމާ ގުޅިގެން ތަމްރީން މެދު ކަނޑާލި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ ބައެއް ފުލުހުން ބަލިވެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ކަމަށް ބުނެ އާއިލާތަކުން އެ ވާހަކަތައް ދައްކާތީ ސުވާލުކުރުމުންނެވެ.
ފުލުހުންގެ މީޑިއާ އިން އަވަސް އަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ކޮލެޖުގައި ސިއްހީ މައްސަލަތައް ގިނަވެގެން ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމު ހަތަރު ދުވަހަށް މެދުކަނޑާލަން ޖެހުނު ކަމަށެވެ.
ބަލިވެގެން ދެ މީހަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެކަމަކު ތަމްރީންތައް މިހާރު އަލުން ފަށާފައިވާ ކަމަށްވެސް ބުންޏެވެ.
ތަމްރީން ހަދަމުންދާ ފުލުހުންގެ އާއިލާތަކުގެ ބައެއް މީހުން ބުނި ގޮތުގައި ތަމްރީން ހަދަމުންދާ ފުލުހުންތަކެއް ބަލިވީ އެ މީހުންނަށް ދޭ ކާބޯތަކެތީގެ ސާފުތާހިރުކަން ކުޑަވުމުންނެވެ. މިކަމުގައި ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.