މޯލްޑިވްސް ކަސްޓަމްސް ސާވިސް

ސިނގިރޭޓު އެތެރެކުރި އަދަދު ދަށަށް

ރާއްޖެއަށް ސިނގިރޭޓު އެތެރެކުރާ މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސިނގިރޭޓަކީ ރާއްޖޭގައި އެންމެ ބޮޑު އަދަދަކުން ޓެކްސް ނަގާ ބާވަތެވެ. މިހާރު ކޮންމެ ސިނގިރޭޓަކުން ތިން ރުފިޔާގެ ޓެކްސް ނަގަ އެވެ.

ފާއިތުވި އަހަރުތަކުގައި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ވަނީ އިތުރުކޮށްފަ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއެކު ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.

ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީއަށް ގެނައި ބަދަލު

  • ޑިސެމްބަރު 2011 - ކޮންމެ ސިނގިރޭޓަކުން 0.90 ލާރި
  • އެޕްރީލް 2015 - ކޮންމެ ސިނގިރޭޓަކުން 1.25 ރުފިޔާ
  • މާޗް 2017 - ކޮންމެ ސިނގިރޭޓަކުން ދެ ރުފިޔާ އަދި ސިނގިރޭޓު އަގުގެ 25 އިންސައްތަ
  • އޮގަސްޓް 2020 - ކޮންމެ ސިނގިރޭޓަކުން ތިން ރުފިޔާ އަދި ސިނގިރޭޓު އަގުގެ 25 އިންސައްތަ

ކަސްޓަމްސް އިން ހާމަކުރި ގޮތުގައި ސިނގިރޭޓު އިމްޕޯޓްކުރާ އަދަދު މިހާރު ދަނީ ދަށަށް ދަމުންނެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ސިނގިރޭޓު އިމްޕޯޓުކުރީ 2016 ވަނަ އަހަރު އެވެ. 2021 ވަނަ އަހަރު ރާއްޖެއަށް ސިނގިރޭޓު އިމްޕޯޓުކުރި އަދަދު ވަނީ 2016 ވަނަ އަހަރާއި އަޅާބަލާއިރު 31 އިންސައްތަ ދަށަށް ގޮސްފަ އެވެ.

ސިނގިރޭޓު އެތެރެކުރި މިންވަރު ދަށަށް ދިޔަ ނަމަވެސް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖެއަށް އީ ސިނގިރޭޓު އެތެރެކުރި މިންވަރު ވަނީ ހަތް ގުނަ އިތުރުވެފަ އެވެ.

އެނާޖީ ޑްރިންކްސް އިން ނަގާ ޓެކްސް އިތުރުކުރީ 2017 ވަނަ އަހަރު އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން 2017 ވަނަ އަހަރާއި އަޅާބަލާއިރު 2021 ވަނަ އަހަރު އެނާޖީ ޑްރިންކްސްގެ އިމްޕޯޓު ވެސް ވަނީ 57 އިންސައްތަ ދަށަށް ގޮސްފަ އެވެ.