ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިޔާނާތް ބަލަން މިނިވަން މާހައުލެއް ހޯދައިދީފިން: ރައީސް

ކޮރަޕްޝަނާ ދެކޮޅަށް މިސަރުކާރުން ކުރި މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ މިނިވަން މާހައުލެއް ގާއިމުކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މިނިވަން މާހައުލު ސަރުކާރުން ވާނީ ގާއިމުކޮށްދީފައި ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ އަމަލުތައް ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް އަދި އިދާރާ އަކުން ހިންގާ ތަހުގީގަކަށްވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މިސަރުކާރަށް ހަތަރު އަހަރު ފުރެންދާއިރު ކޮރަޕްޝަނާ ދެކޮޅަށް ރަނގަޅު މަސައްކަތްތަކެއް މިސަރުކާރުން ކޮށްފައިވާ ކަން ފާހަގަކުރައްވާފަ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ބައިނަލްއަގްވާމީ މުޖުތަމައުން މިއަދު ބަލައިގަންނަ ކަމުގައިވެސް ވިދާޅުވި އެވެ.

"ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް ފަރުވާ ބޭނުންވެފައިވާ އެންމެ ބޮޑު ބަލި. އެބައްޔަށް އޮތް ޝިފާއަކީ ހާމަކުރުމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަތުން،" ރައީސް ވިދާޅުވި އެެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަނުގެ ހިރާސްތައް ދެނެގަނެ، ނަޒާހަތްތެރިކަމާއެކު ހިންގުމުގެ ނިޒާމު ބައްޓަން ކުރުމުގެ މައްޗަށް މިފަހަރުގެ މަހާސިންތާ އަމާޒުކޮށްފައިވުމަކީ މި މަހާސިންތާގެ މުހިއްމުކަން ބޮޑުވެގެންދާ ކަމެއް ކަމަށެވެ. މީގެ އިތުރުން މި މަހާސިންތާއިން ފުރޭނިގެން އަންނަ ހިޔާލުތަކާއި ހުށަހެޅުންތަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވާފައިވެ އެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ތިންބާރާއި މަދަނީ މުޖުތަމައުގެ ތެރޭގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ދައުރެއް ބަދަލުވެ ވެރިކަން ފުރޮޅުނަސް އެ އަންނަ ކުއްލި ބަދަލާއިއެކު ހުރިހާ ކަމެއް ވަގުތުން ރަނގަޅުވެ އިސްލާހުވެގެން ނުދާނެ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.

"ކަންކަމަށް ހުޅުވިފައި ހުންނަ ދޮރުތަކާއި ވެފައި އޮންނަ ޒަމާންވީ އާދަ ހަމަ އެވަގުތު ބަދަލުވެސް ނުވެދާނެ. އަދި ވަކިން ހާއްސަކޮށް ކަމެއް މާގިނަ ދުވަހު ދެމި އާދައަކަށް ވުމުން ނުރަނގަޅު އޮންނަނީ ރަނގަޅެއްގެ ގޮތުގައި ބެލެވިފައި. ގޯސް އޮންނަނީ އެއްގޯސްވެފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޮރަޕްޝަނާއި ފަސާދަޔާއި ނާޖާއިޒު ފައިދާ ނެގުމަކީ ދައުލަތުގެ ތެރޭގައި އިންތިޒާމުވެފައި އޮންނަ ރީތި ކަމެއްގެ ގޮތުގައި ވެރިން ދެކި އެ ނަމޫނާ ދެއްކުމަށް ވުރެ ބޮޑު ގޯހެއް އެއްވެސް ގައުމަކަށް ނޯންނާނެ ކަމަށެވެ. އަދި ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ ޖާއިޒު ކަމެއްގެ ގޮތުގައި ގަބޫލުކޮށް އެކަމަށް ހިތްވަރު ދިނުމަށް ވުރެ ބޮޑު ނުބައެއް ނޯންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުން،" ރައީސް ވިދާޅުވި އެވެ.

އެންޓި-ކޮރަޕްޝަން ކޮންފަރެންސަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ބަނޑޮސް ރިސޯޓުގައި ކުރިއަށް ގެންދާ މަހާސިންތާ އެކެވެ. މިމަހާސިންތާގައި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުންނާއި، ސަަރުކާރުގެ ކުންފުނިތަކުން ބައިވެރިވެ އެވެ.