ލައިފްސްޓައިލް

30 އިންޗީގެ ކުޑަ މީހާގެ ކައިވެނީގެ އުއްމީދު ހަގީގަތަކަށް

އިސްކޮޅުގައި 30 އިންޗި ހުރި އަޒީމް މަންސޫރީ، 27، ކައިވެނި ކުރާނެ އަންހެނަކު ހޯދަން ފާއިތުވީ ފަސް އަހަރު ދުވަހުއްސުރެ ކުރަމުންދިޔަ މަސައްކަތް ހަގީގަތަކަށްވެ ކައިވެންޏަށް ތައްޔާރުވެއްޖެ އެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މީރަޓްގެ ކައިރާނާ އަވަށުގައި ދިރިއުޅޭ އަޒީމްގެ ކައިވެނީގެ ތައްޔާރީތައް މިހާރު ފެށިގެން ކުރިއަ އެބަދެއެވެ. މި ކައިވެނި އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގަ އެވެ.

އަޒީމްގެ ހަޔާތުގެ ބައިވެރިޔަކީ ހަޕޫޑް ކިޔާ އަވަށެއްގައި ދިރިއުޅޭ ހަމަ އޭނާ ކަހަލަ އިސްކޮޅުން ކުޑަ އަންހެނެކެވެ. އެހެންވެ އަޒީމް ހުރީ އޭނާގެ ވާން އުޅޭ އަނބިމީހާ އާ ވަރަށް ހިތްހަމަޖެހިފަ އެވެ.

"އަހަރެންގެ ވާން އުޅޭ އަނބިމީހާއަށް މީރުކޮށް ކައްކަން އެނގޭ. އަދި އޭނާއަކީ ތައުލީމީ މީހެއް. އޭނާ އަހަރެންގެ ހަޔާތަށް އައުމުން އަހަރެންގެ ހަޔާތުގައިވާ އެކަނިވެރިކަން ނެތިގެން ދާނެކަމަށް އުންމީދުކުރަން،" އަޒީމް ބުންޏެވެ.

އަޒީމްގެ ކައިވެނި ޕާޓީގައި އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޗީފް މިނިސްޓަރު އަދިތުޔާނާތު އާއި އަކިލޭޝް ޔާދަވް ބައިވެރިކުރަން އޭނާ ބޭނުމެވެ. ނަމަވެސް އޭނާގެ ކައިވެނީގެ ދައުވަތު މީގެން އެއްވެސް ބޭފުޅަކު އަދި ގަބޫލުކުރިކަމެއް ޔަގީނެއް ނޫނެވެ.

އަޒީމް ވަނީ ޗީފް މިނިސްޓަރު އަކިލޭޝް އާ 2019ގައި ބައްދަލުކޮށް އޭނާ ކައިވެނިކުރާނެ މީހަކު ހޯދުމުގައި އެހީތެރިވެދޭން އެދިފަ އެވެ. އަދި ހަމަ އެ އަހަރުގެ ފަހުކޮޅު އޭނާ ދެ ފަހަރެއްގެ މަތިން އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަނަށް ގޮސް ފުލުހުން ކައިރީ ވެސް ކައިވެނިކުރާނެ މީހަކު ހޯދައިދޭން އެދި އާދޭސް ކޮށްފައި ވެއެވެ. އެންމެ ފަހުން ފުލުހުން އޭނާ ހިތްހަމަޖެހޭ ޖަވާބެއް ނުދިނުމުން ޕޮލިސް ސްޓޭޝަން ބޭރުގައި އިށީނދެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްވެސް އަޒީމް ކޮށްފައި ވެއެވެ.

އަޒީމްގެ ވާހަކަ މީޑިއާތަކަށް އެރީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށުމުންނެވެ. އަދި މި ޚަބަރު މުޅި ސަރަހައްދަށް ފެތުރުމުން ކައިވެނީގެ ޕްރޮޕޯސަލްތައް އަޒީމްގެ ގެޔަށް އަންނަން ފެށި އެވެ.

އަޒީމް ކައިވެނިކުރަން މިއުޅޭ ބުޝްރާ ނަމަކަށް ކިޔާ ޒުވާން އަންހެން މީހާ އަކީ ވެސް އޭނާގެ ގެޔަށް އެ ދުވަސްވަރު އައި ޕްރޮޕޯސަލް އެކެވެ.

އަޒީމްގެ ކައިވެންޏަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބުޝްރާ އަކީ އޭނާއަށް އެންމެ ކަމުދިޔަ ފަރާތެވެ. އަދި މިދިޔަ އަހަރު އެޕްރީލް މަހު އަޒީމް އާއި ބުޝްރާ ވަނީ އެންގޭޖްވެފަ އެވެ.

އަޒީމް އަށް ވުރެ ބުޝްރާ އެއް އިންޗި ދިގެވެ. ނަމަވެސް ދެ މީހުން އުމުރުގެ ގޮތުން ބަލާއިރު އެއްވަރެވެ.

އަޒީމް އަކީ އޭނާގެ ބޭބެގެ ކޮސްމެޓިކްސް ފިހާރައެއްގައި މަސައްކަތްކުރާ މީހެކެވެ. އަޒީމް ބުނި ގޮތުގައި ކައިވެންޏަށްފަހު އޭނާ ގަސްތުކުރަނީ އަމިއްލަ އަށް ފިހާރައެއް ހުޅުވާށެވެ.

ކައިވެންޏަކީ ބޮޑު ޒިންމާއެއް ކަމަށާއި އޭނާއަށް ކުޅަދާނަވެގެންވީ އެންމެ ރަނގަޅަކަށް އެ ޒިންމާ އަދާކުރަން ބޭނުންކަމަށް އަޒީމް ބުންޏެވެ.