އާދަމް ޝަރީފު އުމަރު

ބަޖެޓުގެ ނަންބަރުތައް ހަގީގަތަކަށް ނުހެދޭނެ: އާދަމް ޝަރީފް

އަންނަ އަހަރުގެ ބަޖެޓަކީ ހަގީގަތަކަށް ހެދޭނެ ބަޖެޓެއް ނޫން ކަމަށާއި ބަޖެޓް ހަދާފައިވަނީ ބަޖެޓެއް ހެދީމޭ ބުނަންވެގެން އެކަނި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓާ ގުޅިގެން އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ބަޖެޓުގައި ހިސާބު އަދަދުތަކެއް ނަމަކަށް ޖަހާފައި ހުރީ ކަމަށާއި އެއްވެސް އަދަދުތަކެއް ދިމާވެ ހަގީގަތަކަށް ނުހެދޭނެ ކަމަށެވެ.

ބަޖެޓުގައި މިއަހަރަށް ކަނޑައެޅި ދަރަނީގެ އަދަދަށްވުރެ އަންނަ އަހަރު ދަރަނީގެ އަދަދު މަތިވާނެ ކަމަށް ވިދާޅުވެ އެކަމަށްވެސް އާދަމް ޝަރީފް ފާޑު ވިދާޅުވި އެވެ.

"މިއީ ގަބޫލުކުރެވޭ ގޮތަކަށް ހަދާފައިވާ ބަޖެޓެއް ނޫން. އަދި މިގޮތަށް ހިސާބު ނަންބަރުތަކެއް ނަމަކަށް ޖަހާފައި ހުރުން މިއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ކަމަށް ބުނެ ބަޖެޓުގައި ހިމަނާފައިވާ ގިނަ މަޝްރޫއުތަކަކީ ވެސް ނަމަކަށް ހިމަނާފައި ހުރި މަޝްރޫއުތަކެއް ކަމަށެވެ. ހުރިހާ ރަށެއްގައިވެސް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބަޖެޓު ކޮށްފީމޭ ބުނަން އަދަދުތަކެއް ހިމަނާފައިވުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމުގައިވެސް ވިދާޅުވި އެވެ. ބަޖެޓުގައި ބައެއް ރަށްރަށުގެ ނަން ހިމަނާފައި ނެތް ކަންވެސް އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ސަރުކާރުން ބަޖެޓު ހަދާފައި މިވަނީ ސީދާ ވޯޓަށް ނުފޫޒު ފޯރުވަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ދުނިޔޭގެ އިގްތިސާދަށް އަންނަ ނޭދެވޭ ބޮޑެތި ބަދަލުތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. ގިނަ ގައުމު ތަކުން އަދިވެސް ކޮވިޑްގެ ސަބަބުން ލިބުނު އިގްތިސޯދީ ގެއްލުމުން އަރައިނުގަނެވޭ ކަމަށާއި އަދި ކޮވިޑުގެ ކަންކަމާއި ރަޝިއާ ޔުކްރޭން ހަނގުރާމައާ ގުޅިގެން ލިބޭ ގެއްލުންތަކަށް ވެސް ސަމާލުކަން ދީފައި ނުވާ ކަމަށެވެ.

"ސަރުކާރުން މި ބުނަނީ ރައްޔިތުންނަށް ކަންކަން ކޮށްދޭނަމޭ. އެކަމަކު ރައްޔިތުންގެ ޖީބުންނޭ ހަރަދު ކުރަން ޖެހޭނީ. މިއީވެސް ވެނު މަސް ވެނަށް ކާންދިނުމެއް ނޫންތޯ؟" އާދަމް ޝަރީފް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 42.7 ބިލިއަން ރުފިޔާ އެވެ. ދައުލަތަށް އަންނަ އަހަރު އާމްދަނީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރު 40.6 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓަކީ 8 ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ.

އަންނަ އަހަރުގެ ބަޖެޓަކީ ހަގީގަތަކަށް ނުހެދޭނެ ބަޖެޓެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ފިނޭންސް މިނިސްޓަރު އަމީރު ގެންދަވަނީ ބަޖެޓު ހަގީގަތަކަށް ހެއްދެވޭނެ ކަމަށް ވިދާޅުވަމުންނެވެ. އަދި ރާއްޖޭގެ އިގްތިސާދު މިހާރު ހުރީ ރަނގަޅު މިސްރާބަކަށް ކަމަށާއި އިގްތިސާދު މެނޭޖުކުރެވޭނެ ކަމަށްވެސް އަމީރު ވިދާޅުވެފައިވެ އެވެ.