ފިނޭންސް މިނިސްޓްރީ

ސަރުކާރު ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން 300 މިލިއަން ރުފިޔާ ދީފި

ސަރުކާރު ހިއްސާވާ ކުންފުނިތައް -- ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ)ތަކަށް ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް ޓްރެޝަރީ ލޯނުގެ ގޮތުގައި 300 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކި ސަބަބުތަކާއި ގުޅިގެން ލޯނު ދެވޭ ކަމަށެވެ.

މީގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދައުލަތުގެ ބަޖެޓުން ދެވޭ ޓްރެޝަރީ ލޯނާއި ސަރުކާރުން ބޭނުންވާ އެކި މަޝްރޫއުތައް ހިންގުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ނެގޭ ލޯނުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ހިންގޭ މަޝްރޫއުތަކަށް ކަނޑައެޅިގެން އެ ކުންފުނިތަކަށް އޮންލެންޑް ކުރެވޭ ލޯނުތައްވެސް ހިމެނޭ ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު 52.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު 2021 ވަނަ އަހަރު 197.8 މިލިއަން ރުފިޔާ އަދި 2020 ވަނަ އަހަރު 400 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން އެކި މަޝްރޫއުތަކަށް އޮން-ލެންޑް ކޮށްފައިވާ ލޯނުތަކުގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ އެމްއޭސީއެލް އެވެ. އެއީ އެއާޕޯޓުގެ ޓާމިނަލް އަދި ރަންވޭ ތަރައްގީކުރުމުުގެ މަޝްރޫއަށް ނަގާފައިވާ ލޯނުތައް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސަރަުކާރު ހިއްސާވާ ކުންުފުނިތަކަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި އަދި އޮންލެންޑް ކޮށްފައިވާ ލޯނުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާ ބައެއް ލޯނުތަކަށް ސަރުކާރުން ގެރެންޓީދީފައިވާކަން ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. މީގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެޗްޑީސީ އަދި އެފްޑީސީއަށް ގެރެންޓީ ދީފައިވާ ލޯނުތައް ކަމަށް ފިނޭންސް މިނިސްޓްރީގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައިވެ އެވެ.