އޭސީސީ

އެމްޑީޕީ ހަރުގޭގައި ތަޅުން އެޅި މައްސަލަ އޭސީސީއަށް

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެމްޑީޕީގެ ހަރުގެއެއްގައި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ތަޅުން އަޅައިދިން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އޭސީސީގެ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ ވިދާޅުވީ މި މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ މި މަހުގެ ތެރޭގައި ކަމަށެވެ.

"މައްސަލަ ބެލުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. ތަހުގީގު ހިނގަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލް މިވަގުތު ދެވޭކަށް ނެތް،" ނިޝާން ވިދާޅުވި އެވެ.

އެފްކޮންސް އަކީ އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކުންފުންޏެވެ. އެ ކުންފުނިން މަސައްކަތް ފެށީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

އައްޑޫގައި 107 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު މިމަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުން އެގައުމުގެ އެގްޒިމް ބޭންކް މެދުވެރިކޮށް ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމުގެ ދަށުންނެވެ.

މަގު ހެދުމުގެ މި މަޝްރޫއުގެ އިތުރުން މި ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ތިލަމާލެ ބްރިޖްގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏަށެވެ.