ބަޖެޓު 2023

ބަޖެޓު ކޮމިޓީ މުގައްރިރަކަށް ނާޝިޒު، ނައިބަކަށް ބިގޭ

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ހަމަޖައްސައިފި އެވެ.

ބަޖެޓު ދިރާސާ ކުރަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތަށް 27 މެންބަރުން ހިމެނޭ ޖޮއިންޓް ކޮމިޓީ އަކުންނެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވީ 20 މެންބަރުންނެވެ.

ބަޖެޓު ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރަކަށް ނާޝިޒު ހަމަޖައްސަން ހުށަހެޅުއްވީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެެވެ. ކޮމިޓީގެ ނައިބް މުގައްރިރަކަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ހަމަޖެއްސުމަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު އެވެ.

މި ދެ ބޭފުޅުން މަގާމަށް ހަމަޖެއްސުމަށް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން 19 މެންބަރުންގެ އިއްތިފާގުން ވަނީ ހުށަހެޅުން ފާސްވެފަ އެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނާޝިޒް ވަނީ މިހާރު ހިނގަމުންދާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިހާބުވެވަޑައިގެންނެވި ފަހުން ހުށަހެޅުނު 2020 ވަނަ އަހަރާއި 2021 ވަނަ އަހަރާއި އަދި 2022 ވަނަ އަހަރު ބަޖެޓު ދިރާސާކުރި ކޮމިޓީގައި ވެސް މުގައްރިރުކަން ކުރައްވާފަ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވަނީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރާ އަޅާބަލާއިރު އަންނަ އަހަރު ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވާނެ ކަމަށް ލަފާކުރެވޭތީ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެކަމަކު އަންނަ އަހަރުގެ ބަޖެޓުން 40.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓަކީ ވެސް އަށް ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ.

ބަޖެޓު ބަހުސް މި މަހުގެ އަށްވަނަ ދުވަހު ފެށުމަށް ނިންމާފައިވާއިރު ބަޖެޓު ދިރާސާކުރުމަށްފަހު އެންމެ ލަސްވެގެން ނޮވެމްބަރު 17 ވަނަ ދުވަހުގެ ކުރިން ބަޖެޓު ކޮމިޓީގެ ރިޕޯޓް ރިޔާސަތަށް ފޮނުވަންޖެހެ އެވެ. އަދި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުން ނޮވެމްބަރު 22 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ. މިމަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަންޖެހެ އެވެ.

ފުރަތަމަ މަރުހަލާގައި ބަޖެޓް ބަހުސް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ނޮވެންބަރު 8،9 އަދި 10 ގައެވެ. ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތަށް ބަޖެޓް ކޮމެޓީއަށް ފުރުސަތު ދީފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި 17 ވަނަ ދުވަހު ބަޖެޓް ދިރާސާކުރުމަށް ފަހު ތައްޔާރު ކުރާ ރިޕޯޓް މަޖިލީހުގެ ރަައީސަށް ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ. ބަޖެޓަށް އިސްލާހު ހުށަހެޅުމަށް މެންބަރުންނަށް ދީފައިވަނީ ތިން ދުވަހުގެ ފުރުސަތެކެވެ.