ބަޖެޓު 2023

ބަޖެޓަށް ވޯޓު ނުދޭންވީ ސަބަބެއް ނެތް: ނާޝިޒު

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވޯޓު ނުދޭންވީ ސަބަބެއް ނެތް ކަމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނާޝިޒު ވިދާޅުވީ ބަޖެޓަށް ވޯޓު ނުދޭން ވާހަކަ ދައްކަވާ ބޭފުޅުން ދައުލަތުގެ އާމްދަނީ އިތުރުނުކުރުމަށް ގޮވާލައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެފަދަ ބޭފުޅުން އަމަލުކުރައްވަނީ ގޮވާލެއްވުމާ ދިމާ އިދިކޮޅަށް ކަމުގައިވެސް ވިދާޅުވި އެވެ.

"އާމްދަނީ އިތުރުނުކުރާށޭ، ގައުމު ބަނގުރޫޓުވަނީ އޭ، ހަރަދު ކުޑަކުރާށޭ މިކަހަލަ ނެރެޓިވްއެއް މައިގަނޑުކޮށް އޮތީ. އެހެން ނަމަވެސް ހަމަ އެ ބޭފުޅުންވެސް [ބަޖެޓާއި ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުން] އެބަހުރި، އެވާހަކަ އެންމެ ބާރަށް ދެއްކެވި ބޭފުޅުންވެސް ދާއިރާގެ ކަންކަން އިތުރުކުރަން ހުށަހަޅާފައި." ނާޝިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޖެޓާ ދެކޮޅަށް ބައެއް މެންބަރުން ދައްކަވާ ވާހަކަތައް ދިމާ ނުވާ ކަމަށާއި ބަޖެޓާ ގުޅޭގޮތުން ގޯސްކޮށް ވާހަކަދައްކަވަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

ބައެއް ސިޔާސީ ބޭފުޅުން ގައުމު ބަނގުރޫޓުވުމުގެ ބިރު އޮތް ކަމަށް ބުނެ ވާހަކަ ދައްކަވަމުން ގެންދަވާއިރު ގައުމު ބަނގުރޫޓުވުމާއި އެންމެ ދުރަށް ދެވޭނެ ގޮތަކީ އާމްދަނީ އިތުރުކުރުން ކަމަށް ނާޝިޒު ވިދާޅުވި އެވެ. ނަމަވެސް ބަޖެޓާ ދެކޮޅު ބޭފުޅުން އާމްދަނީ އިތުރުކުރުމަަށްވެސް ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވި އެވެ.

"މިއީ ބަޖެޓު ގޯސްވެގެން، ރަނގަޅުވެގެން ވޯޓު ނުދޭންޖެހޭ ސަބަބެއް އޮތް ކަމެއް ނޫން. ވޯޓު ނުދެންޏާ ސީދާ ސިޔާސީ ސަބަބުތަކަށްޓަކައި ވޯޓު ނުދޭނީ." ނާޝިޒު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓު ދިރާސާކުރި ކޮމިޓީން ބަޖެޓު ފާސްކުރީ 160 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހު އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ މިހާރުގެ ޖުމުލަ އަދަދަކީ 42.8 ބިލިއަން ރުފިޔާ އެވެ.

ނާޝިޒު ވިދާޅުވީ 160 މިލިއަން ރުފިޔާގެ ތެރެއިން މައިގަނޑު ބޮޑު ބައެއްގައި ހިމެނެނީ ރަށްރަށުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް އިތުރުކުރެވުނު ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ. މީގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވި ގިނަ ކަންކަން ބަޖެޓުގައި ހިމެނިފައިވާނެ ކަމުގައިވެސް ނާޝީޒު ވިދާޅުވި އެވެ.

އިތުރުކުރެވުނު 160 މިލިއަން ރުފިޔާގެ ތެރެއިން ލަފާކުރެވޭ ގޮތުގައި 130 މިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ މަޝްރޫއުތައް ކަމުގައިވެސް ވިދާޅުވި އެވެ. އަދި 30 މިލިއަން ރުފިޔާއަކީ އޮފީސްތަކުގެ ބަޔަށް އިތުރުކުރެވުނު އަދަދު ކަމަށެވެ.

"ޕީއެސްއައިޕީ ޕްރޮގްރާމާއި ދޭތެރޭ އަޅުގަނޑަށް ބުނެވެން އޮތީ މި ސަރުކާރުން މި ވޭތުވެދިޔަ ތިން އަހަރު ހަތަރު އަހަރުގެ ތެރޭގައި ހަގީގަތުގައިވެސް ބަޖެޓުކުރި ޕީއެސްއައިޕީ ޕްރޮގްރާމުން ކުރެވުނު ކަންތައްތަކުގެ ތެރެއިން ބޮޑު ބައެއް މިދަނީ ތަންފީޒުކުރެވެމުން. އެގޮތުން ގާތްގަނޑަކަށް 70 – 80 ޕަސެންޓް ތަންފީޒު ކުރެވެމުންދޭ،" ނާޝިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއެއް ބަޖެޓުގައި ހިމެނިއްޖެނަމަ އެކަން ކުރެވޭނެ ކަމަށް މަޖިލީހުގެ މެންބަރުން މިހާރު ގަބޫލުކުރައްވާ ކަމަށާއި ބަޖެޓު ކޮމިޓީގައި ދިރާސާކުރިއިރު މަޝްރޫއުތައް ބަޖެޓުގައި ހިމެނުމަށް މެންބަރުން ވަރަށް ބޮޑަށް ބާރުވެސް އެޅުއްވި ކަމަށެވެ.

ނާޝިޒު ވިދާޅުވީ މިހާރު ބަޖެޓު ފައިނޭންސް ކުރުމަށް ސަރުކާރުން ހުށަހަޅާފައި އޮތް ގޮތާއި ޖީއެސްޓީ ބޮޑުކުރުމުގެ ބިލު ފާސްވެގެން ދިއުމުން ބަޖެޓުގައި ހުރި ކަންކަމަށް ހަރަދުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން ހުށަހެޅިފައިވާ ބަޖެޓާއި އިތުރުކުރެވުނު މަޝްރޫއުތަކުގެ ބޮޑު ބައެއް ހަގީގަތަކަށް ހެދިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނާޝިޒު ވިދާޅުވީ މި ސަރުކާރުގެ ހަތަރު އަހަރަށް ބަލާނަމަ ބަޖެޓު ހުށަހެޅުމުގައި ގެންގުޅެފައިވަނީ އެއް ގޮތްތަކެއް ކަމަށެވެ. އެއީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ހާލަތު ރަނގަޅު ކުރުން ކަމުގައި ވިދާޅުވި އެވެ.ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ލަފާފުރުމުގެ އިތުރުން ފެނާއި ނަރުދަމާ ފަދަ ކަންކަން ގާއިމުކުރުމަށް މިދިޔަ ހަތަރު އަހަރު ބަޖެޓުން ބޮޑު ބައެއް ހޭދަކުރިކަން ގަބޫލުކުރަން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"އަންނަ އަހަރުގެ ބަޖެޓަކީ ސިޔާސީ ބަޖެޓެއް ނަމަ ރެވެނިއު އިތުރުކުރާ ކަށެއް ސިޓިން ޕްރެޒިޑެންޓެއް ހުށަހެއް ނާޅާނެ،" އަންނަ އަހަރަކީ ސިޔާސީ ބަޖެޓެއް ކަމަށް ބައެއް މެންބަރުން ވިދާޅުވާތީ އެކަމަށް ރައްދު ދެއްވަމުން ނާޝިޒު ވިދާޅުވި އެވެ. ސިޔާސީ ބަޖެޓެއް ކަމަށް ބައެއް މެންބަރުން ވިދާޅުވަނީ އަންނަ އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރު ކަމަށްވާތީ އިންތިހާބަށް އަމާޒުކޮށް ބައެއް ރަށްރަށަށް ކަންތައްތަކެއް ކޮށްދިނުމަށް އެކަށީގެން ނުވާ ކުދި އަދަދުތައް ބަޖެޓުގައި ހިމަނާފައިވާތީ އެވެ.

އާމްދަނީ އިތުރުކުރަން ޓެކްސް ބޮޑުކުރަން ޖެހުނީ ނާޝިޒު ވިދާޅުވި ގޮތުގައި ރަޝިއާ-ޔޫކްރެއިން ހަނގުރާމަ އާއި ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ގޮންޖެހުންތަކުގެ ތެރެއިން އަރައިގަތުމަށް ކަމަށް ވިދާޅުވި އެވެ.

ނާޝިޒު ވިދާޅުވީ ބަޖެޓާއެކު ހުށަހަޅާ ރިކޮމަންޑޭޝަންތަކުގެ ތެރޭގައި ދައުލަތަށް ލިބެންޖެހޭ ފައިސާ، އެ ފައިސާ ލިބެންޖެހޭ ފަރާތްތަކުން ހޯދުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި އެކަން ހާސިލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން ހިމެނޭ ކަމަށެވެ. ނުލިބި ހުރި ފައިސާގެ ތެރޭގައި ޓެކްސް ނޫން ފައިސާ ވެސް ހިމެނޭ ކަމަށާއި މީގެތެރޭގައި ކުލީގެ ފައިސާ އާއި ނުހިނގާ ހުރި ރިސޯޓުތަކުން ލިބެންޖެހޭ ފައިސާ އާއި އެކި ކަހަލަ ޖޫރިމަނާތައް ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.

"އެއީ ރިއަލިސްޓިކަލީ ވިސްނާ ކަމަށްވަންޏާ އޯވަ ނައިޓް ނޫނީ މާދަމާ ނޫނީ އަނެއް ދުވަހުން ހޯދޭނެ އެއްޗެއް ކަމަށް އެއްވެސް ފަރާތަކުން ގަބޫލެއް ނުކުރާނެ،" ނާޝިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިސާ ނުދައްކާ ފަރާތްތަކުގެ މުދާ ދައުލަތަށް ނެގުމާށް ގާނޫނީ މަރުހަލާތައް ފުރިހަމަ ކުރަންޖެހޭ ކަމަށެވެ. އަދި ނުލިބިވާ ފައިސާ ރަނުން ރަނަށް އަދި އަކުރުން އަކުރަށް ވަގުތުން ވަގުތަށް ލިބިދާނެ ކަމަށް އެއްވެސް ފަރާތަކުން ގަބޫލުކުރުމަކީ ކޮށި ވިސްނުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ނާޝިޒު ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ގާނޫނީ ގޮތުން ހުރަސްކުރަންޖެހޭ ކަންކަން ހުންނަ ކަމަށާއި މީހެއްގެ މުދަލެއް ވަކި ބޭނުމަކަށް ސަރުކާރުން ވިއްކާލާނަމަ ފުރިހަމަކުރަންޖެހޭ މަރުހަލާތަކެއް ހުންނަ ކަމަށެވެ. މިސާލު ދެއްކެވީ ބޭންކަށް ލޯނު ނުދެއްކުމުން ދަށު ކޯޓާއި ހައިކޯޓު އަދި ސުޕްރީމް ކޯޓު މަރުހަލާގައި މައްސަލަ ކުރިއަށް ގެންދާ ގެންދިއުމަށެވެ.

ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމަށް ސަރުކާރުގެ މެންބަރަކަށްވުމުން ހުރަހެއް ނެތް ކަމަށާއި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ސަރުކާރަށް ބާރުއަޅުއްވާނެ ކަމުގައިވެސް މާލިއްޔަތުގެ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވަވާ ނާޝިޒު ވިދާޅުވި އެވެ.