ފިނިޕޭޖް

28 އަހަރު ފަހުން ޓެޑްރީގެ ފިލްމަކުން ރީކޯ މޫސަ ފެންނަނީ

ރާއްޖޭގެ އެންމެ މޮޅު އެއް ޑައިރެކްޓަރު -- މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ ކުރިއަށް އޮތް ފިލްމު -- "ލަސްވިޔަސް" އަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ. ސަބަބަކީ ޓެޑްގެ ފިލްމެއް އާންމުންނަށް ނުފެންނަތާ ގިނަ އަހަރުތަކެއް ވެފައިވާތީ އެވެ.

ޓެޑްރީގެ "ލަސްވިޔަސް" އަށް އާންމުންގެ ސަމާލުކަން މިހާރު މިވަނީ އިތުރަށް ބޮޑުވެފަ އެވެ. ގިނަ ދުުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ތަޖުރިބާކާރު މަޝްހޫރު އެކްޓަރު އަދި ރައްޔިތުންގެ މަޖިލީގެ ކުރީގެ ނައިބްރައީސް ރީކޯ މޫސާ މަނިކު، ޓެޑްގެ ފިލްމު ފެންނާތީ އެވެ.

ޓެޑްގެ ފިލްމުގައި މޫސާގެ މުހިއްމު ރޯލެއް އޮތް ކަން ޓެޑް ހާމަކުރީ އިއްޔެ ސޯޝަލްމީޑިއާގަ އެވެ.

ޓެޑްރީ ބުނީ 1994 ވަނަ އަހަރު ރީކޯ މޫސައާއި އެކު ދެރިޔާގައި މަަސައްކަތް ކުރިފަހުން މޫސައާއި އެކު ފިލްމީ މަސައްކަތެއް މިކުރަނީ އަލަށް ކަމަށެވެ. ދެރިޔާ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި މޮޅު ފިލްމެކެވެ. އަދި ދެރިޔާ ވާދަކުރި ފިލްމު އެވޯޑްސްގައި އެ އަހަރު އެންމެ ގިނަ އެވޯޑް ހޯދީ ވެސް ދެރިޔާ އެވެ.

އެހެންވެ ޓެޑްރީގެ އުފެއްދުންތެރިކަމާއި މޫސަގެ ތަޖުރިބާ އެއްވުމުން "ލަސްވިޔަސް" މޮޅުވެފައި ރީތި ވާނެ ކަން އެއީ މިހާރުވެސް ޔަގީންކުރެވޭނެ ކަމެކެވެ.

"ލަސްވިޔަސްގައި މޫސަގެ ރޯލަކީ، ކޯމިޔޯ އެއް ނޫން،" މޫސަގެ ރޯލާ ގުޅޭގޮތުން ޓެޑްރީ ވާހަކަދައްކަން ބޭނުންވީ ކުރުކޮށް ފޮނިކޮށެވެ.

ފިލްމު ބަލައިގެން މޫސަގެ ރޯލު ވަޒަން ކުރަން ބެލުންތެރިންނަށް ޓެޑްރީ ދޫކޮށްލީ އެެވެ.

މޫސާ މިފިލްމުގައި ބައިވެރިވުމުން ޓެޑްރީއަށް އެކަން އެންމެ ހާއްސަވާ ގޮތަކީ މޫސަ ތަމްސީލްކުރާ ރޯލަކީ މަރުހޫމް ކޮއްޔަ ހަސަން މަނިކު ކުރިން އަދާކުރަން ހަމަޖެހިފައިވާ ރޯލު ކަމުގައި ވުމެވެ. \

ހަސަނާއި މޫސަ އަކީ ވަރަށް ގާތް ދެރަހުމަތްތެރިން ކަމުގައިވާތީ ހަސަން ނެތުމުގެ ހުސްކަން ފޫބައްދަން އެންމެ އެކަށޭނަ އެކްޓަރަކީ މޫސަ ކަމުގައި ޓެޑް ގަބޫލުކުރެ އެވެ.

ލަސްވިޔަސްގައި ރީކޯ މޫސާ ފެންނާނެ ރޯލު މިހާރު ޝޫޓުކޮށް ނިންމައިފި އެވެ. ބައްޔެއް ތަހައްމަލް ކުރާ ކުޑަ އަންހެން ކުއްޖެއްގެ ވާހަކަ ގެނެސްދޭ މިފިލްމުގެ މަސައްކަތް ކުރަމުންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

މި ފިލްމުގެ އެންމެ މުހިއްމު އަދި އެންމެ ބޮޑު އެއް ރޯލުން ފެނިގެންދާނީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ އެވެ.