ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ސާފު ފައިދާ 367 މިލިއަން ރުފިޔާ

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 694 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލްގެ މާލީ ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވާ 694 މިލިއަން ރުފިޔާ އަކީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 17 ޕަސަންޓް އިތުރު އަދަދެކެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ލިބިފައިވަނީ 592 މިލިއަން ރުފިޔާ އެވެ.

ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 354 މިލިއަން ރުފިޔާ އެވެ. އެކަމަކު ތިންވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 367 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 13 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

ބީއެމްއެލްގެ ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރީގެ ފައިދާގެ ގޮތުގައި 503 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 485 މިލިއަން ރުފިޔާ އެވެ.

ތިންވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ އިތުރުވެފައިވާތީ ހިއްސާއަކަށް ޖެހޭ އާމްދަނީގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. ދެވަނަ ކުއާޓަރުގައި ހިއްސާއަކަށް 264 ރުފިޔާ ލިބިފައިވާއިރު ތިންވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހުނީ 273 ރުފިޔާ އެވެ. ނަމަވެސް މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މަދު އަދަދެކެވެ. ފުރަތަމަ ކުއާޓަރުގައި ހިއްސާއަކަށް 412 ރުފިޔާ ޖެހިފައިވެ އެވެ.

ބީއެމްއެލްގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފަހައްޓާފަ އެވެ.

ބީއެމްއެލްގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު މި ކުއާޓަރުގައި ބީއެމްއެލް އިން ވަނީ ރަނގަޅު މާލީ ނަތީޖާތަކެއްވެސް ހޯދާފަ އެވެ.