އައިއެމްއެފް

ތަރައްގީގައި ހޯދި ކާމިޔާބުން ރާއްޖޭގެ ޓޫރިޒަމަށް އިންގިލާބީ ކުރިއެރުމެއް ލިބޭނެ: އައިއެމްއެފް

  • މާލީ ބައެއް ގޮންޖެހުންތަކާ ކުރިމަތިވާނެ
  • ގޮންޖެހުންތަކާ ކުރިމަތިލާނެ ލަފާ ވާނީދީފައި
  • މޫސުމީ ބަދަލުން ސަލާމާތްވާން ރަނގަޅަށް މަސައްކަތް ކުރޭ

ވޭތުވެދިޔަ އަހަރު ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ބޮޑު ކުރިއެރުމެއް ލިބުމުގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް އިންގިލާބީ ކުރިއެރުމެއް ލިބޭނެ ކަމަށާއި ނަމަވެސް އެއާއެކު ރިސްކުތަކެއް ވެސް އަންނާނެ ކަމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފް އިން މިހެން ބުނީ މިމަހު ހަތަރަކުން ފެށިގެން މިއަދާ ހަމަޔަށް އެ ޖަމިއްޔާގެ ޓީމަކުން، 2015 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ހާލަތު ބެލުމަށް ހެދި ސާވޭއަކަށް ފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރަމުންނެވެ.

ރާއްޖެއަކީ އައިއެމްއެފްގެ މެމްބަރަކަށްވާތީ އެޖަމިއްޔާއިން ކޮންމެ އަހަރަކު ވެސް މި ސާވޭ ހަދައި އައިއެމްއެފްގެ ބޯޑަށް ރިޕޯޓެއް ހުށަހަޅަ އެވެ.

މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އައިއެމްއެފް އިން ރާއްޖެއަށް ސާވޭ ހަދަން އައި ޓީމުގެ އިސްކޮށް ހުންނަވައި އެލިސަން ސްޓުވަޓް ވިދާޅުވީ އެޓީމުން ރާއްޖޭގެ އިގްތިސޯދީ ހާލަތު ބެލި އިރު މައިގަނޑު ތިން ކަމަކަށް ސަމާލުކަން ދިން ކަމަށާއި އެއީ އިގްތިސޯދަށް އައި ބަދަލުތަކަށާއި، އުމްރާނީ ތަރައްގީއަށް އައި ކުރިއެރުން އަދި މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ކުރާ އަސަރުތަށް ކުޑަ ކުރުމަށް ކުރާ މަސައްކަތްތަކަށް ކަމަށެވެ.

އެގޮތުން އިގްތިސޯދަށް އައި ބައެއް ބަދަލުތަކަށް ބަލައި އިރު ފާހަގަކޮށްލެވެނީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ޓޫރިޒަމް އިން ކުރިއެރުން ތަކެއް ލިބިފައިވީ ނަމަވެސް މިދިޔަ އަހަރު ޓޫރިޒަމްއާއި ޖުމްލަކޮށް އިގްތިސޯދީ ގޮތުން ދަށްވެފައި ހުރި ކަމަށެވެ. އެހެން ނަމަވެސް ވިޒިޓް މޯލްޑިވްސް ކެމްޕެއިންގެ ދަށުން ޓޫރިޒަމްއަށް އެހެން މާކެޓްތަކަށް އަމާޒުކޮށްފައިވާތީ މިއަހަރު އެ ދާއިރާ ރަނގަޅުވާނެ ކަމަށް އެލިސަން ވިދާޅުވި އެވެ.

"މީގެ އިތުރުން އަޅުގަނޑުމެން ދެކޭ ގޮތުގައި ރާއްޖޭގެ އުމްރާނީ ތަރައްގީއަށް މިއައި ކުރިއެރުމުގެ ސަބަބުން ކުރިޔަށް އޮތްތާގައި ޓޫރިޒަމް ފުޅާވެ އެދާއިރާ އަށް އިންގިލާބީ ބޮޑު ކުރިއެރުމެއް ލިބޭނެ. ނަމަވެސް އެއާއެކު މާލީ ގޮތުން ބައެއް ރިސްކުތަށް އައުން އެކަށީގެންވެ،" އެލިސަން ވިދާޅުވި އެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލައި އެލިސަން ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެގެ މަޝްރޫއުގެ ސަބަބުން ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު އިތުރުވެ އެދާއިރާ ފުޅާ ވާނެ ކަމަށާއި ނަމަވެސް އެ މަޝްރޫއުއަށް ގަނަ އަދަދެއްގެ ފައިސާ ބޭރުގައުމު ތަކުން ދަރަންޏަށް ނަގަން ޖެހޭނެ ކަމަށެވެ. މިހާރުވެސް ސަރުކާރުން ބައެއް ދަރަނިތަށް ދައްކަމުން އަންނަ އިރު އޭގެ މައްޗައް ބޮޑެތި އަދަދަށް ފައިސާ ބޭރުގައުމުތަކުން ނެގުމުގެ ސަބަބުން ގޮންޖެހުންތަކަކާއި ކުރިމަތި ލާން ޖެހިދާނެ ކަމަށް އެލިސަން ވިދާޅުވި އެވެ.

"ނަމަވެސް މިފަދަ މަޝްރޫއުތަށް ހިނގުމަށް ކުރިޔަށް އޮތްތާ ހަރަދު ކުރާނެ ގޮތާއި ދަރަނިތަށް ދައްކާނެ ގޮތުގެ ލަފާ ސަރުކާރަށް އަޅުގަނޑުމެން އެރުވިން. އެގޮތުން ދައުލަތަށް ފައިސާ ވަންނާނެ ގިނަ ގޮތްތަކާއި މެދު މަޝްވަރާކޮށްފަ ވާނެ. އެގޮތުން މިހާރުވެސް އެއާޕޯޓް ސަރުކާރުން ޓެކްސް ނަގައި ހަމަ މި ގޮތަށް އެހެން ޕްރޮޖެކްޓުތަކަށް ވެސް ނަގަން ޖެހޭނެ. މިހާރު ފައިސާ އެއްކުރަން ފަށާފިއްޔާ ފަހުން އެދަރަނިތަށް ދައްކަން ފަސޭހަވާނެ،" އެލިސަން ވިދާޅުވި އެވެ.

އައިއެމްއެފްގެ އިން ހެދި ސާވޭގައި މޫސުމަށް އަންނަ ބަދަލު ތަކުން ސަލާމަތް ވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށާއި އަދި ޕެރިހުގައި ބޭއްވި ކޮޕް21 ސަމިޓުންވެސް ގިނަ ފައިދާ ތަކާއި ކުރި އެރުންތަކެއް ރާއްޖެއަށް ލިބޭނެ ކަމަށް ފެންނަ ކަމަށް އެލިސަން ވިދާޅުވި އެވެ.