ތިލަމާލެ ބްރިޖު މަޝްރޫއާއި އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ އިތުރުކުރަން ސަޕްލިމަންޓްރީ ބަޖެޓްގައި ހިމަނައިފި އެވެ.
މިއަހަރުގެ ބާކީ އޮތް ދެ މަހަށް ބޭނުންވާ ފައިސާގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާ، އެކަމާ ގުޅޭ ތަފްސީލްތައް ހިމެނޭ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓްގައި އެންމެ ބޮޑު ހަރަދެއް ކުރަން ނިންމާފައިވަނީ ތިލަމާލެ ބްރިޖަށާއި އައްޑޫ މަގު ހެދުމުގެ މަޝްރޫއަށެވެ. މި ދެ މަޝްރޫއަށް އެކަނިވެސް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރުމަށް ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައިވެ އެވެ.
މިއަހަރުގެ ބަޖެޓްގައި ތިލަމާލެ ބްރިޖު މަޝްރޫއަށް ހަރަދުކުރަން ފާސްކޮށްފައިވަނީ 543.3 މިލިއަން ރުފިޔާ އެވެ. ސަޕްލިމެންޓްރީ ބަޖެޓުގައި އިތުރު 924 މިލިއަން ރުފިޔާ ފާސްކޮށްދިނުމަށް ހުށަހަޅާފައިވެ އެވެ. އައްޑޫ މަގު ހެދުމަށް މިއަހަރުގެ ބަޖެޓުގައި ފާސްކޮށްފައިވަނީ 109.2 މިލިއަން ރުފިޔާ އެވެ. ސަޕްލިމެންޓްރީ ބަޖެޓުގައި އިތުރު 80.4 މިލިއަން ރުފިޔާ ފާސްކޮށްދިނުމަށް ހުށަހަޅާފައިވެ އެވެ.
ތިލަމާލެ ބްރިޖު ހެދުމަށާއި އައްޑޫ މަގުތައް ހެދުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗާ އަށެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫއަށް ގާތްގަނޑަށް 1.1 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ސަރުކާރުން ލަފާކުރާއިރު މިމަޝްރޫއަށް ފައިސާ ހަމަޖައްސާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނެވެ. ތިލަމާލެ ބްރިޖު މަޝްރޫއަށް ހަރަދު ކުރަން ނިންމާފައިވާ 500 މިލިއަން ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ އެގްޒިމް ބޭންކުން ހަމަޖައްސާ ފައިސާ އެވެ.