ޗާގޮސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމުގައި ސިޔާސީ ޕާޓީތައް ބައިވެރިކުރުމަށް ގޮވާލާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުވައިފި އެވެ.
އެމްއެންޕީ އިން މިއަދު ފޮނުވި ސިޓީގައި ވަނީ ޗާގޮސް މައްސަލާގައި ސަރުކާރުން ނިންމުންތައް ނިންމުމުގެ ކުރިން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް އެދިފަ އެވެ.
ޗާގޮސް މައްސަލާގައި ސަރުކާރުން ކަން ކުރަމުންދާ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްއެންޕީ އިން ނެރުނު ބަޔާނެއްގައި ބުނީ މޮރިޝަސް ސަރުކާރަށް ދިވެހި ސަރުކާރުން ފޮނުވި ސިޓީ އާންމުކޮށްފައިނުވާ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަ ދީފައިނުވާ ކަމަށެވެ.
އެމްއެންޕީ އިން ބުނީ ދިވެހި ގައުމީ މަސްލަހަތު ދިފާއު ކުރުމަށް ދިވެހިންނަށް މިއަދު މަޖުބޫރުވެފައިވާ ކަމަށެވެ. އެ މައްސަލައިގައި އެކި ސަރުކާރުތަކުން އަމަލުކުރި ގޮތް ދިވެހިންނަށް ނޭނގޭ ކަމަށާއި އެކަމުން ދޭހަ ވަނީ އެ މައްސަލައިގައި އެއްވެސް ސަރުކާރަކުން ރާއްޖޭގެ ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކޮށްފައި ނުވާކަން ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ޗާގޮސް މައްސަލައިގައި ސަރުކާރުން ކަންކުރި ގޮތް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއަކުން ބެލުމަށް ގޮވާލައި އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފަ އެވެ. ޗާގޮސް މައްސަލައިގައި ސަރުކާރުން ކުރިން އިހުތިޔާރުކުރި ސިޔާސަތު ބަދަލުކުރުމުގެ ސަބަބުތައް ދެނެގަނެ އެ މައްސަލައިގެ ތެރެއަށް ފައިސާ އާއި ނުފޫޒު ނުވަންނަކަން ހާއްސަ ކޮމިޓީން ކަށަވަރުކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅީ މޮރިޝަސްގެ ފަރާތުން ނެވެ.
މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ރާއްޖެ އޮތީ އެއްވެސް ތަނެއް ދޫކޮށްލާ ގޮތަށް ނޫން ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ކަނޑުގެ އިމުގެ މައްސަލަ ކުރިއަށް ދަނިކޮށް ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތު އެ ސަރަހައްދުގެ މައްޗަށް އޮތް ތަނެއް ކަމަށް ގަބޫލުކޮށް ރާއްޖޭން ވޯޓު ދޭން ނިންމިކަން ވަނީ ހާމަކޮށްފަ އެވެ. ރާއްޖޭގެ އެ ނިންމުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި އެވެ.
މިކަމުގައި ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޗާގޮސް އާކިޕެލާގޯގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ގައުމުގެ މައްސަލައަކީ މޮރިޝަސް އާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެއް ކަމަށާއި ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫން ކަމަށެވެ.
"އދ. ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާއި ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަ އެކެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ދިވެހި ސަރުކާރުން އެކަމުގައި އަމަލުކުރި ގޮތުން ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅި އެވެ.
ކުއްލި މައްސަލައިގެ ބަހުސްގައި އިދިކޮޅު ސިޔާސީ ޕާޓީތަކާއި އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފަ އެވެ.