އެކި ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމަށް މިއަހަރު ކުރި ހޭދަ މިދިޔަ އަހަރަށް ވުރެ 122.1 އިންސައްތަ އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފެން ފޯރުކޮށްދިނުމަށް 9.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ބަޖެޓުގައި ހިމަނާފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު އެވަރެޖްކޮށް ފެން ޓަނަކަށް ހިނގީ 2،318 ރުފިޔާ އެވެ. މިދިޔަ އަހަރު ފެން ފޯރުކޮށްދިނުމަށް ޖުމުލަ 4.3 މިލިއަން ރުފިޔާ ހިނގި އެވެ.
ފެން ފޯރުކޮށްދިނުމަށް ފާއިތުވި ފަސް އަހަރު ހިނގި ހަރަދު
- 2021 ވަނަ އަހަރު - 4.3 މިލިއަން ރުފިޔާ
- 2020 ވަނަ އަހަރު - 9.2 މިލިއަން ރުފިޔާ
- 2019 ވަނަ އަހަރު - 11 މިލިއަން ރުފިޔާ
- 2018 ވަނަ އަހަރު - 3.3 މިލިއަން ރުފިޔާ
- 2017 ވަނަ އަހަރު - ހަތަރު މިލިއަން ރުފިޔާ
ހޫނު މޫސުމުގައި ރަށްރަށުގައި ބޯފެނުގެ ދަތިކަން އާދަޔާހިލާފަށް ބޮޑުވެ ރާއްޖޭގެ ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާންޖެހޭކަން ބަޖެޓުގައި ފާހަގަކޮށްފައިވެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވިއްސާރަ މޫސުން އަންދާޒާ ކުރަން ދަތިވެ އަދި ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިޔުމުގެ ސަބަބުން ބިމުގެ ފެން ފަށަލަ ތަޣައްޔަރުވެ ގުރުދަތީ ގޮތުން ލިބެން ހުންނަ ސާފު ބޯފެން ހޯދަން ގިނަ ރަށްރަށުގައި ދަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ބަޖެޓުގައި ބުނެފައިވަނީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ ވައުދު ފުއްދުމަށްޓަކައި އެ މަސައްކަތާ ގުޅޭ އުމްރާނީ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
ރަށްރަށުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތަށް އޮކްޓޫބަރު 13 ވަނަ ދުވަހުގެ ނިޔަލަށް 113.6 މިލިއަން ރުފިޔާ ހަރަދުވެފައިވާކަން ބަޖެޓުގައި ފާހަގަކޮށްފައިވެ އެވެ.