ޓީޗަރަކާއި އޭނާގެ ދަރިވަރެއްގެ އޮންނަ ގުޅުމަކީ ވަރަށް މުހިއްމު އެހާމެ ނާޒުކު ގުޅުމެކެވެ. ޓީޗަރުންގެ އަސްލު މަގުސަދަކީ ދަރިވަރުންނަށް އުގަންނައިދިނީ އަދި ދަރިވަރުން ކިޔެވުމުގައި ކުރި އަރައި ދާން އެހީތެރިވެ، ހިތްވަރު ދިނުމެވެ. އަދި އެކުދިންގެ މުސްތަގްބަލް ބިނާކުރުމަށް މަގުދެއްކުމެވެ.
ނަމަވެސް ޕާކިސްތާނުގެ މި ޓީޗަރާއި ދަރިވަރަށް މިކަންކަން އެހާ މުހިއްމެއް ނުވި އެވެ. އަދި ޓީޗަރަކާއި ދަރިވަރެއްގެ އޮންނަން ޖެހޭ ގުޅުމަށްވުރެ ތަފާތު ގުޅުމެއް ބާއްވަން މި މީހުން ބޭނުންވި އެވެ. އުމުރުގެ ތަފާތު އިންތިހާއަށް ބޮޑު ވިޔަސް އެންމެ ރަނގަޅެވެ.
އުމުރުން 52 އަހަރުގެ ޓީޗަރާއި 20 އަހަރުގެ ދަރިވަރުގެ ލޯބީގެ ވާހަކަ އެ ގައުމުގެ މީޑިއާތަކުގެ ސަމާލުކަމަށް އެހާ ބޮޑަށް އައީ އެމީހުންގެ އުމުރުގެ ތަފާތު ބޮޑުކަމުގެ އިތުރުން މައިންބަފައިންނާ ދެކޮޅަށް އެމީހުން މިހާރު ކައިވެނި ކޮށްގެން އުޅޭތީ އެވެ.
ޒޯޔާ ނޫރް އަކީ ބީ.ކޮމް އަށް ކިޔަވާ ދަރިވަރެކެވެ. އޭނާއަށް ލޯބި ވެވުނީ މި މާއްދާ ކިޔަވައިދޭ ޓީޗަރު ސާޖިދު އަލީ ދެކެ އެވެ. ޒޯޔާ ބުނާ ގޮތުގައި އޭނާއަށް އެންމެ ބޮޑަށް ސާޖިދުއާ ގަޔާވެވުނީ އޭނާގެ ޝަޚްސިއްޔަތު އެހެން މީހުންނާ ތަފާތު ވީމަ އެވެ. އެހެންވެ ފުރަތަމަ ޕްރޮޕޯސް ކުރީ ވެސް ޒޯޔާ އެވެ.
ޒޯޔާގެ ޕްރޮޕޯސަލް އަށް ސާޖިދު ފުރަތަމަ ބުނީ ނޫނެކޭ އެވެ. އަދި ވިސްނާލަން ވަގުތުކޮޅެއް ދިނުމަށް އެދުނެވެ. ސަބަބަކީ ޓީޗަރެއްގެ ހައިސިއްޔަތުން އޭނާ ޒޯޔާ އަށް ލޯބީގެ ނަޒަރުން ބަލާފައި ނުވާތީ އެވެ.
އުމުރުން ދުވަސްވެފައި ހުއްޓަސް ސާޖިދު އަކީ ވެސް ކައިވެންޏެއް ކޮށްގެން އުޅޭ މީހެއް ނޫނެވެ. އެހެންވެ ހަފުތާއެއްހާ ދުވަހު ވިސްނާލުމަށްފަހު ޒޯޔާގެ ޕްރޮޕޯސަލް ގަބޫލު ކުރީ އެވެ.
ޒޯޔާ އާއި ސާޖިދު ކައިވެނިކުރުމަށްފަހު އެމީހުންގެ ގުޅުމުގެ ވާހަކަ ޕާކިސްތާނުގެ ޔޫޓިއުބު ކޮންޓެންޓް ކްރިއޭޓާ ސައްޔިދު ބާސިތު އަލީ އަށް ކިޔައިދީފައި ވެއެވެ. މި ވީޑީއޯ މިހާރު ވައިރަލް ވެފައިވާއިރު ވަރަށް ގިނަ ބަޔަކު ވީޑިއޯ އަށް ކޮމެންޓްކުރަމުން އެބަދެ އެވެ.
ޒޯޔާ ބުނި ގޮތުގައި ސާޖިދު އާއި އެހެން ޓީޗަރުންނާ ވަކި ތަފާތެއް ނެތެވެ. އަދި ކައިވެންޏަށް އެހުމާ ހަމައަށް ވެސް ސާޖިދުގެ އަމަލުތައް ހުރީ ޓީޗަރެއްގެ އަމަލުތައް ބަހައްޓާ ގޮތަށެވެ. ނަމަވެސް ހަފުތާއަކު ވިސްނުމަށްފަހު އޭނާ ޒޯޔާގެ ޕްރޮޕޯސަލް ގަބޫލުކުރީ އެވެ.
ޒޯޔާ އާއި ސާޖިދުގެ އުމުރުގައި 32 އަހަރުގެ ތަފާތެއް އެބަހުއްޓެވެ. އެހެންވެ ޒޯޔާ އާ ކައިވެނިކުރަން ސާޖިދު ފަސް ޖެހުނެވެ.
ސާޖިދު ބުނާ ގޮތުގައި ޒޯޔާގެ ޕްރޮޕޯސަލް އަށް ފަހު އޭނާ ޒޯޔާ އާ ދޭތެރޭ ލޯބީގެ ނަޒަރުން ވިސްނަން ފެށުމުން ހަފުތާއެއް ތެރޭ ޒޯޔާ ދެކެ ލޯބި ވެވުނީ ކަމަށެވެ.
ޒޯޔާ ބުނަނީ ސާޖިދު އަކީ ވަރަށް މޮޅު ޓީޗަރެއް ކަމަށާއި އޭނާގެ ކިޔަވައިދިނުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ސާޖިދު ބުނީ ޒޯޔާ އަށް މީރުކޮށް ކައްކަން އެނގޭ ކަމަށާއި އެއީ އޭނާ ވަރަށް ހިތްހަމަޖެހުނު ސިފައެއް ކަމަށެވެ.
ދެ މީހުން މިހާރު ވަނީ އާމްދަނީ ލިބޭނެ އާ ގޮތެއް ވެސް ހޯދާފަ އެވެ. އެގޮތުން ޒޯޔާ އޮންލައިންކޮށް ކުރާ މަސައްކަތުން އޭނާއަށް މިހާރު 1.5 ލައްކަ ރުޕީސް ލިބިއްޖެ އެވެ. ކޮމާސްގެ ދާއިރާއިން ކިޔަވަމުންދާއިރު އޭނާއަށް ލިބިފައިވާ ތައުލީމާއި ސާޖިދުގެ ތައުލީމާއި ތަޖުރިބާ އާއެކު އެމެޒޯން ޕްރޮގްރާމެއް ކަމަށްވާ ފުލްފިލްމަންޓް ބައި އެމެޒޯން (އެފްބީއޭ ހޯލްސޭލް) ގައި ބައިވެރިވި މި ކޯސް އެމީހުން ވަނީ ފުރިހަމަކޮށްފަ އެވެ. އަދި އެމެޒޯންގެ ވިޔަފާރިތައް ކުރިޔަށްދާގޮތް ދެ މަސް ތެރޭގައި ދަސްކޮށްލައި މިހާރު އެ ވިޔަފާރި ދެ މީހުން ވަނީ ފަށާފަ އެވެ. ޒޯޔާއަށް ލިބުނު ފައިސާ އަކީ އެ ވިޔަފާރިން އެމީހުން ހޯދި ފައިސާ އެވެ.
ޒޯޔާ ބުނި ގޮތުގައި މި ވިޔަފާރިން ފައިދާ ލިބެން ފެށީ ހަ މަސް ދުވަސް ވަންދެން ވިޔަފާރި ދަސްކޮށް އޭގެ ތަމްރީނުތައް ހަދައިގެންނެވެ.
ޒޯޔާ އާއި ސާޖިދުގެ އާއިލާއިން އެމީހުންގެ ކައިވެންޏާ ނުރުހުނަސް އިންޓަނެޓުން އެމީހުންގެ ލޯބީގެ ވާޙަކަ ބެލި މީހުން ވަނީ މި ދެމަފިރިންނަށް ކައިވެނީގެ މަރުހަބާ ކިޔައި އުފާވެރި ހަޔާތަށް އެދިފަ އެވެ.