މިއަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ސިއްހީ ދާއިރާގެ ތަރައްގީއާ ގުޅޭ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގައި ހިމެނޭ 21 މަޝްރޫއެއް ނިންމާލާފައިވާ ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަސީމު މިމައުލޫމާތު ހިއްސާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށްފަހު އެ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
ނަސީމް ވިދާޅުވީ މިއަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ 32 މަޝްރޫއެއްގެ މަސައްކަތް ކަމަށާއި މިހާތަނަށް 21 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
ޓެންޑަ މަރުހަލާގައި ބީއެމްއެލް ފައިނޭންސިންގެ ހަތަރު މަޝްރޫއެއް އެބައޮތް ކަމަށާއި ޓެންޑާ ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވި 13 މަޝްރޫއެއްގެ ތެރެއިން 12 މަޝްރޫއެއްގެ ޓެންޑާ މަރުހަލާ ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ނަސީމު ވިދާޅުވީ މިސަރުކާރުން ރަށްރަށުގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލް މަޝްރޫއުތަކުގައި ކުވައިތު ފަންޑަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށެވެ. އެގޮތުން ކުވައިތު ފަންޑުން ރާއްޖޭގައި ޖުމުލަ 11 ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވި އެވެ. މީގެތެރޭގައި ހިމެނެނީ 30 އެނދުގެ ހަތް ހޮސްޕިޓަލަކާއި 50 އެނދުގެ ދެ ހޮސްޕިޓަލަކާއި 100 އެނދުގެ ދެ ޓާޝަރީ ހޮސްޕިޓަލެވެ.
މީގެ އިތުރުން ކޮންޓްރެކްޓިން ފައިނޭންސްގެ ދަށުން ހަތަރު ހޮސްޕިޓަލެއް ތަރައްގީ ކުރާނެ ކަމަށާއި ޑޮއިޗެ ބޭންކުގެ އެހީ ދަށުން ދެ ހޮސްޕިޓަލެއް އިމާރާތް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. ޑޮއިޗެ ބޭންކުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ ސްޕޭންގެ ކުންފުންޏަކާ ގުޅިގެންނެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޕޮލިސީ ރިޕޯޓްގައިވާ ގޮތުން މިއަހަރުގެ ދައުލަތުގެ ބަޖެޓްގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ސިއްހީ ދާއިރާއަށް މިހާތަނަށް 108.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.