ޑރ. މުހައްމަދު މުއިއްޒު

ބޮޑެތި މަޝްރޫއުތަކަށް ދެން ފަސޭހައިން ލޯނު ލިބޭނެ: މިނިސްޓަރު މުއިޒް

އިގްތިސޯދީ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ ލޯނު ހޯދަން ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ވަރަށް ފަސޭހަވެގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިފްތިތާހު ކުރުމާއި ގުޅިގެން ޗައިނާގައި މިހާރު ކުރިއަށްދާ ބޯޑު މެންބަރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ގައުމަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، ތަރައްގީގެ ބިޔަ މަޝްރޫއުތައް ފަށަން ބޭނުންންވާ ލޯނު ނުލިބުން ކަމަށެވެ. ނަމަވެސް އޭއައިއައިބީގެ މެންބަރަކަށް ރާއްޖެ ވެގެންދިއުމާއެކު، ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ވަރަށް ބޮޑަށް ފަސޭހަވެ، ބޮޑެތި ލޯނުތައް ރާއްޖެއަށް ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

މުއިޒް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގައި އަރަނިވެރި އިގްތިސާދެއް ގާއިމްކޮށް، ތަރައްގީވެފައިވާ ތަނަކަށް ހައްދަވަން ކަމަށެވެ. ހުޅުމާލެ ޔޫތު ސިޓީ ތަރައްގީކުރުމާއި އެ ސިޓީ އާއި ގުޅިގެން އަންނަ އިންފްރާސްޓްރަކްޗާގެ އެކި މަޝްރޫއުތަކާއި "އައި ހެވަން" ފަދަ މަޝްރޫއު ތަކަކީ އެ މަގުސަދާ ހަމަޔަށް ރާއްޖެ ވާސިލުކުރުމަށް ޕްލޭންކުރި މަޝްރޫއު ތަކެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓްތައް އިތުރުކޮށް، ޕްރައިވެޓް ސެކްޓާ ވިޔަފާރި ފުޅާކޮށް، ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖެ އަކީ އުފެއްދުންތެރިކަމުގެ ރޮނގުން ކުރިއަރާފައިވާ ފުދުންތެރި ގައުމަކަށް ހެދުމަކީ މިއަދުގެ ސަރުކާރުގެ އަޒުމް،" މިނިސްޓަރު މުއިޒް ވިދާޅުވި އެވެ.

މިނިސްޓަރު މުއިޒް ވިދާޅުވީ، މިއަހަރު ރާއްޖޭގެ ޖީޑީޕީ، 4.8 އިން 6.4 ޕަސެންޓަށް އިތުރުވެގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި ފާހަގަކުރަމުންދާ "ވިޒިޓް މޯލްޑިވްސް އިޔާ" ނިމޭއިރު ފަތުރުވެރިކަމުން ލިބޭ އާމްދަނީ 5.2 ޕަސެންޓަށް އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މީގެ އިތުރުން ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާގެ މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުން 33 ޕަސެންޓް ކަނޑައަޅައި އެކަމާ ގުޅޭ ޕޮލިސީތައް ތައްޔާރުކުރަމުންދާ ކަން ވެސް މިނިސްޓަރު ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވ އޭއައިއައިބީ ބޭންކުގެ ސަބަބުން ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތިސޯދީ ގުޅުން ވަރުގަދަވެގެންދާނެ ކަމަށާއި އެއާ އެކު ގަބޫލުފުޅުކުރައްވަނީ އެ ބެންކުގެ ސަބަބުން ރާއްޖެއާއި މުޅި އޭޝިއާ ސަރަހައްދަށް ކުރިއަށް އޮތްތަނުގައި އިގްތިސޯދީ ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

މިމަހުގެ 19 އަށް ކުރިއަށްދާ އޭއައިއައިބީ ބޭންކް ބައްދަލުވުމުގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ ރާޢްޖޭގެ ފަރާތުން އެ ބެންކަށް ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުގެ ހައިސިއްޔަތުންނެވެ.

އޭއައިއައިބީ ބޭންކަކީ، އޭޝިއާގެ ގައުމުތަކުގެ ގުޅުން ރަނގަޅުކޮށް ސަރަހައްދީ އެހެން ބޭންކް ތަކާއި ގުޅިގެން، އޭޝިއާގެ ގައުމުތަކުގެ އިގްތިސާދީ ތަރައްގީއަށް މަސައްކަތް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ އިސްނެންގެވުމުގެ ދަށުން އުފެއްދި ބޭންކެކެވެ.