މިއުވާން މުހައްމަދު

"ދީނާ ހިލާފު ކަމެއްކުރަން ފުރުސަތެއް ނުދޭނަން"

ރާއްޖޭގައި އިސްލާމް ދީނާއި ހިލާފުވާ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ސަރުކާރުން ނުދޭނެ ކަމަށާއި، އެފަދަ އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއުވާން މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީގެ ހިތަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހިންދޫ ދީނުގެ އަޅުކަމަކުން ފެށި މައްސަލަ ހޫނުވުމުން އެ މައްސަލަ ބަލައިދިނުމަށް ފުލުހަށް ހުށަހަޅާފައި ވަނިކޮށެވެ.

މިއުވާން ވިދާޅުވީ ދީނާއި ހިލާފުކަމެއް ހިނގާނަމަ އެކަން ބަލައި އަޅަންޖެހެ ފިޔަވަޅުތައް ސަރުކާރުން ފަސްނުޖެހި އަޅާނެ ކަމަށެވެ. ދީނީ ކަންކަމުގައި އިހްމާލު ނުވާނެ ކަމުގައި ޔަގީންކަންވެސް ދެއްވެވި އެވެ.

"މިފަދަ ކަމެއް ހިނގާނަމަ އަޅުގަނޑުމެން މިފަދަ ކަމެއް ދޫކޮށެއް ނުލާނަން. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. އިސްލާމް ދީނާ ހިލާފު އަމަލެއް ރާއްޖޭގައި ހިންގުމުގު ފުރުސަތެއް ނުދޭނަން،" މިއުވާން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވި ފަހުން އިސްލާމް ދީނާ ހިލާފު ޝިއާރުތައް ފާޅުކުރުމާއި ދީނާ ހިލާފު އަމަލުތައް ރާއްޖޭގައި ހިންގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ނަމަވެސް މިތުހުމަތުތައް ސަރުކާރުން އަބަދުވެސް ދޮގުކުރެ އެވެ.