އިސްލާމިކް ބޭންކް

އަހަރުތަކަކަށްފަހު އިސްލާމިކް ބޭންކުގެ ޗެއާމަންގެ މަގާމަށް ބަދަލެއް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗެއާމަންގެ މަގާމަށް އަބޫ މުހައްމަދު މަޖެދުރު ރަހްމާން އައްޔަންކޮށްފި އެވެ.

އިސްލާމިކް ބޭންކުގެ ޗެއާމަންގެ މަގާމަށް އިއްޔެ އައްޔަނު ކުރި މަޖެދުރު ރަހްމާން އަކީ 2021 ވަނަ އަހަރު އޮކްޓޫބަރު މަހުން ފެށިގެން ބޯޑު މެންބަރެއްގެ ގޮތުގައި އިސްލާމިކް ބޭންކުގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

ރަހްމާން ވަނީ ދުނިޔޭގެ ގިނަ އަދަދެއްގެ ބޭންކުތަކެއްގެ އިތުރުން ވިޔަފާރި ކުންފުނިތަކުގައި މީގެ ކުރިންވެސް މަސައްކަތް ކުރައްވާ، އިސް މަގާމުތަކެއް އަދާކުރައްވާފަ އެވެ. އަދި މިހާރު އޭނާ ހުންނެވީ އޭކޭހާން އެންޑް ކޮމްޕެނީ ލިމިޓެޑްގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރުގެ ވެސް މަގާމުގަ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗެއާމަންގެ މަގާމުގައި މީގެ ކުރިން ހުންނެވީ ނަޖްމުލް ހަސަން އެވެ. މިއީ 2012 ވަނަ އަހަރަށްފަހު މި ބޭންކުގެ ޗެއާމަންގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކުރި ފުރަތަމަ ފަހަރެވެ.