ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ބަރުދަން ލުއިކުރާ ކަމަށް ބުނާ ބޭހެއް ވިއްކުން މަނާކޮށްފި

ބަރުދަން ލުއި ކުރުމަށްޓަކައި ބޭނުންކުރާ ފަތްޕިލާވެލީގެ ބޭހެއް ކަމަށް ބުނާ "ޖަމު ސުރުޓް އަޔު" ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެ އޮތޯރިޓީ އިން މިއަދު ބުނެފައިވަނީ އިންޑޮނީޝިއާގެ މި އުފެއްދުމުގައި އިންސާނުންގެ ހަށިގަނޑަށް ނުރައްކާވާ ދެ މާއްދާއެއް ކަމުގައިވާ ސިބުޓްރަމައިން އަދި ލައިޑޮކައިން ހިމެނޭ ކަމަށް ދުނިޔޭގެ ގަައުމުތަކުން ކޮށްފައިވާ ލެބޯޓްރީ ތަހުލީލުތަކުން އެނގިފައިވާ ކަމަށެވެ.

މި ބޭސް އިޝްތިހާރު ކުރަނީ 100 ޕަސެންޓު ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ފަތްޕިލާވެލީގެ ބޭހެއްގެ ގޮތުގައެވެ. ނަމަވެސް މި އުފެއްދުމުގައި ހިމެނޭ ލައިޑޮކައިން އަކީ އައްސި ކުރުމަށް ބޭނުންކުރާ ބޭހެއް ކަމަށާއި، މިފަދަ މާއްދާއެއް ބޭނުންކުރުމަކީ އިންސާނާގެ ހަށިގަނޑަށް އަންދާޒާ ނުކުރެވޭވަރުގެ ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށް އެމްއެފްޑީ އިން ބުނެ އެވެ.

މީގެ އިތުރުން ސިބުޓްރަމައިންގެ ސަބަބުން ނުރައްކާތެރި ސައިޑް އިފެކްޓްތަކާއި ކުރިމަތި ވެދާނެކަމަށްވެސް އޮތޯރިޓީގެ ބަޔާނުގައިވެ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މި އުފެއްދުން މިހާރު ވަނީ މަނާ ކުރަން ފަށާފަ އެވެ.

ޖަމު ސުރުޓް އަޔު އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން އެމްއެފްޑީއޭ އިން މަނާ ކޮށްފައިވާއިރު އިންޓަނެޓް ފަދަ ތަންތަނުން މިފަދަ އުފެއްދުންތައް ގަންނައިރު ފުރިހަމަ މައުލޫމާތު ހޯދައި "ހެލްތް ފްރޯޑް" ތަކަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.