އާދަމް ޝަރީފު އުމަރު

"އިސްތިއުމާރީ ބާރެއްގެ އަތްދަށަށް ގައުމު ހިނގައިދާނެ ކަމުގެ ބިރު އެބައޮތް"

މިއަދު ގައުމަށް އޮތީ ބޭރުން ބަޔަކު އަރާ ގައުމުގެ މިނިވަންކަން ނަގާލުމުގެ ބިރެއް ނޫން ކަމަށާއި ގައުމުގެ ވެރިން ބޭރުގެ ބަޔަކަށް ގައުމު ވިއްކާލާ އިސްތިއުމާރީ ބާރެއްގެ އަތްދަށަށް ގައުމު ހިނގައިދާނެ ކަމުގެ ބިރު ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް ވިދާޅުވީ ނޮވެމްބަރު 3 ވަނަ ދުވަހަކީ ގައުމުގައި މީހުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވި ދުވަހެއް ކަމަށާއި އެދުވަހުގެ މަންޒަރުތައް ފެނުނު އެއްވެސް މީހެއްގެ ހިތުން އެދުވަސް ފިލައިގެން ނުދާނެ ދުވަހެއް ކަމަށެވެ. މިހާރު ފެންނަމުން މިދަނީ ގައުމަށް އިހުލާސްތެރި ނޫން ބަޔަކު ގައުމުގެ ސިޔާދަތައް ބުރޫއަރާ ކަހަލަ ކަންކަން ކުރަމުންދާ މަންޒަރު ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

މީގެ 34 އަހަރު ކުރިން ނޮވެމްބަރު 3 ވަނަ ދުވަހު ގައުމުގެ މިނިވަންކަން ގެއްލުވާލަން ބަޔަކު އައީ ބަޑިއާއި ބޮމާއި ހަނގުރާމައިގެ ވަސީލަތްތައް ހިފައިގެން ކަމަށާއި މިހާރު ގައުމުގެ މިނިވަންކަން ނަގާލަން މަސައްކަތްކުރަމުން ދަނީ ދިވެހިންގެ ވިސްނުމާ ފިކުރާ ކުޅެގެން ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

"ގައުމުގެ މިނިވަންކަން ދިފާއު ކުރެވޭނީ އެބައެއްގެ އަމިއްލަވަންތަ ކަމެއް އޮވެގެން. އަމިއްލައަށް ކަންކަން ކުރެވިގެން. ބަޔަކު އަތުން ލޯނު ތަކެއް ނަގާ އެ ދެއްކޭނެ ފެންވަރު ނެތިގެން ގައުމު ވިއްކާލާ ހާލަތައް ދިޔައީމަ މިނިވަންކަމެއް ނޯންނާނެ." ޝަރީފް ވިދާޅުވި އެވެ.

ފޯޅަވަހި މައްސަލައިގައި ގައުމުގެ ހައްގުގައި ބަސް ބުނުމުގެ ގާބިލިއްޔަތުކަން ހުރި ވެރިޔަކު ނެތް ކަމަށާއި މިގޮތަށް މިކަން ދަންޏާ ފަހުން ގައުމުގެ ވެރިއަކަށް އެހެން ގައުމެއްގެ މީހެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކުރިން ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ ނަސްރުގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި 19 ދިވެހިން ޝަހީދުވެގެން ދިޔުމުން އެކަމުގެ ހަނދާން އާކޮށް އެބޭފުޅުންގެ ހިތްވަރުން ހިތްަަރު ލިބިގަތުމަށްކަމެވެ.

ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަ ކުރަން މާބޮޑު އިސްކަމެއް ނުދެއްވާކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ ދައުލަތުގެ މީޑިޔާއިންވެސް މިދުވަހުގެ ވާހަކައެއް ދައްކާ ތަން ނުފެންނަ ކަމަށެވެ. އަދި ސްކޫލުތަކުގައިވެސް ދުވަހާ ގުޅޭ މަޒުމޫނު ލިޔުން ނުވަތަ ވާހަކަދެއްކުމުގެ މުބާރާތެއް ކަހަލަ ހަރަކާތެއްވެސް ނުފެންނަ ކަމަށެވެ.

"2009، 2010 އަދި 2011 ފިޔަވާ 2018 ވަނަ އަހަރާ ހަމައަށް، ކޮންމެ އަހަރަކު ނަސްރުގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ ވަނީ. މިހާރުގެ ސަރުކާރުން އޭ ކެޓަގަރީގެ ދުވަހެކޭ ބީ ކެޓަގަރީގެ ދުވަހެކޭ ކިޔަސް މިދުވަހާއި ހުކުރު ހޮނިހަރަކާއި ނެތް ތަފާތެއް. ހާއްސަ ކަމެއް ނެތް." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ސިފައިން އެދުވަސް ފާހަގަ ކުރާނެ ކަމަށާއި އެކަމާ މެދު ޝައްކެއް ނުކުރާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އެހެން އެއްވެސް މުއައްސަސާއަކުން މިކަމަށް މާބޮޑު އަހަންމިއްޔަތު ކަމެއް ނުދޭ ކަމަށެވެ.

ސިފައިން ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ ދުވަހުގެ ތަހުނިޔާ ޓްވީޓެއް މެދުވެރިކޮށް ވިދާޅުވެފަ އެވެ.