ނޮވެމްބަރު ތިނެއް

ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިފި

ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިފި އެވެ.

ނޭޝަނަލް އާޓް ގެލެރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މައުރަޒު ހުޅުއްވައިދެއްވައި އެތަން ބައްލަވާލައްވާފަ އެވެ.

މި މައުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަސްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ.

މި މައުރަޒުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެއެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަސްރުގެ ދުވަހު ބޭނުންކުރި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ބަހައްޓާފައިވެ އެވެ.

މި މައުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ނެޝަނަލް އާޓް ގެލެރީގައެވެ.

މައުރަޒު އާންމުންނަށް ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށް، މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން ރޭގަނޑު 10:00 އަށެވެ.