ނޮވެމްބަރު ތިނެއް

ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ 34 ވަނަ ނަސްރުގެ ދުވަސް މިއަދު ފާހަގަކުރުމުގެ ގޮތުން 3 ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. މިރަސްމިއްޔާތުގައި ސިފައިންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ނޮވެމްބަރު 3ގެ ހަނދާނީ ބިނާ ސަރަހައްދުގައި މިއަދު ހެނދުނު 6 ޖެހި އިރު ފެށި މި ރަސްމިއްޔާތުގައި ސިފައިންގެ ދިދަ ޕާޓީގެ އޮފިސަރުން ވަނީ ހަނދާނީ ބިނާގައި ދިދަ ޖަހާ ގާޑް މައުންޓް ކޮށްފަ އެވެ.

ދިދަ ޕާޓީގެ ހަރަކާތްތައް ނިމުމުން ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ބޭކަލުންގެ ހަނދާނުގައި ހަތް ބަޑީގެ ސަލާމެއް އަރުވައި ހަމަހިމޭން ކަމުގެ ސުކޫތެއް ވަނީ ގެނެސްފަ އެވެ.
\
މި ރަސްމިއްޔާތުގައި ސިފައިންގެ އަޒުމު އާކޮށްފައިވެ އެވެ. މި ހަރަކާތް ކުރިއަށް ގެންދެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ގާއިމުވެ ތިބޭ ހުރިހާ މަރުކަޒެއްގައި ސިފައިން މިއަދު ފަތިސް ނަމާދު ކުރީ ޖަމާއަތުގަ އެވެ. މާލޭގައި ސިފައިން ފަތިސް ނަމާދު ޖަމާއަތުގައި ކޮށްފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. ފަތިސް ނަމާދަށްފަހު ނަސްރުގެ ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ވަނީ ކޮށްފަ އެވެ.

ނަސްރުގެ ދުވަހާ ގުޅިގެން މިއަދު ހަވީރު ހިނގާލުމެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. ހިނގާލުން ފެށުމަށް ހަމަޖައްސާފައިވަނީ ބޮޑު ތަކުރުފާނު މަގު ކަޅުތުއްކަލާކޮށި ކުރިމަތިންނެވެ. ހިނގާލުމުގެ ބައިވެރިން އެ ސަރަހައްދުން ބޮޑުތަކުރުފާނު މަގުން އިރަށް ހިނގާފައި ބްރިޖު ސަރަހައްދަށް ގޮސް އަނބުރާ ކަޅުތުއްކަލާ ކޮށި ކައިރިއަށް އައިސް ހިނގާލުން ނިންމާލާނެ އެވެ.