ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރި ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އެވެ.
ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްވީ 23 މެންބަރުންގެ ވޯޓުންނެވެ. ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 19 މެންބަރުންނެވެ.
ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާސަތާއި ސްޓޭންޑް ބަދަލުކުރި ސަބަބު ސަރުކާރުން ރައްޔިތުންނަސް ހާމަކޮށްދިނުމަށް ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ. މީގެ އިތުރުން ޗާގޯސް މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ދެމެހެއްޓުމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްއަށް ފޮނުއްވި ސިޓީ ހާމަކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ.
"މޮރިޝަސްއާއިއެކު ހަދާފައިވާ ޑީލް ތަހުގީގުކޮށް އެ ކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް،" ކުއްލި މައްސަލައިގައި ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ ބިމުން ވެލިފުކެއްގެ މިންވަރު ވިޔަސް އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކޮޑި އިންޗިއެއްގެ މިންވަރު ވިޔަސް އެއްވެސް ބަޔަކަށް ދިނުމަކީ ނުވަތަ ވިއްކުމަކީ ދިވެހިން ދެކޮޅު ހަދާ ކަމެއް ކަމަށެވެ.
ފޯޅަވަހި ހިމެނޭ ގޮތުން ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސް އައިލެންޑްސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް އެގައުމުން އިންޓަނޭޝަނަލް ޓްރިބިއުނަލް ފޮ ލޯ އޮފް ދަ ސީ އަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ބަދަލުކުރި މައްސަލަ އިދިކޮޅުން މިދިޔަ އަހަރުވެސް މަޖިލީހަށް ހުށަހެޅި އެވެ.
ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންކަން ގާނޫނު އަސާސީގައި ބަޔާންކުރާކަން މެންބަރު އާދަމް ޝަރީފު ފާހަގަކުރެއްވި އެވެ.
މެންބަރު އާދަމް ޝަރީފު ވިދާޅުވީ ޗާގޮސް މައްސަލައަކީ ރާއްޖޭގެ ސިޔާސީ، ހާރިޖީ، އިގުތިސާދީ އަދި ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތަކާ ގުޅުންހުރި މައްސަލައެއް ކަމަށެވެ.
"އެމްޑީޕީ ލީޑްކުރާ ކޯލިޝަން ސަރުކާރު އައުމުގެ ކުރިން ދިވެހިރާއްޖެއިން ވަކާލާތުކޮށްފައިވަނީ މޮރިޝަސްއާ ދެކޮޅަށް، ޗާގޮސްގެ މައްޗަށް ބާރު ހިނގާ ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމަށް ކަމަށްވެފައި، އެގޮތަށް އޮތުމުން އެ ސަރަހައްދުން ރާއްޖެ ހިމެނޭ ބައި ހޯދުމަށް މޮރިޝަސްއިން ވަކާލާތުކުރުމުގެ ފުރުސަތު،" ހަނިވާ ކަމަށް މެންބަރު ވިދާޅުވި އެވެ.
ކުއްލި މައްސަލައިގައި މެންބަރު އާދަމް ޝަރީފު ވިދާޅުވީ ރައްޔިތުންނާއި ރައްޔިތުންގެ މަޖލީހަށް އެއްވެސް ކަމެއް ހާމަކުރުމެއް ނެތި ކުރިން ރާއްޖެއިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ކުއްލިއަކަށް ބަދަލުކޮށް މޮރިޝަސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ގައުމުކަމުގައި ސަރުކާރުން ނިންމަވާ އެކަން ރައީސް ސޯލިހް މޮރިޝަސްއަށް ސިޓީއަކުން އެންގެވުމަކީ އިޔާދަ ނުކުރެވޭފަދަ ބޮޑު ގެއްލުން ރާއްޖެއަށް ލިބޭކަމެއް ކަމަށެވެ.
"ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ބަދަލުކުރުމަށް ސަރުކާރުން އަޑި ނޭނގޭ ޑީލެއް، އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އިންނަވައިގެން ހައްދަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ވިދާޅުވަމުންދާ،" ކަމަށް މެންބަރު އާދަމް ޝަރީފު ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި އޮތް ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުމާ ގުޅޭ މައްސަލައިގައި ހުކުރު ދުވަހު ހުކުމްކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ.