ޗާގޯސް އާކިޕެލާގޯ

ޗާގޯސް މައްސަލަ: ރައީސްގެ ސިޓީ ހާމަކުރަން ކުއްލި މައްސަލައެއް

ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
0%
0%
100%

ޗާގޯސްއާ މެދު ދިވެހި ސަރުކާރުތަކުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު ބަދަލުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސް ސަރުކާރަށް ފޮނުވި ސިއްރު ސިޓީ ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.

މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް މިސަރުކާރުން ބަލައިގަނެ މޮރިޝަސްއަށް ރައީސް ސޯލިހް ސިއްރު ސިޓީއެއް ފޮނުއްވީ ދިވެހި ރައްޔިތުންގެ މަސްލަހަތަށް އިސްކަން ނުދީ އަދި މަޖިލީހުގެ ބަހެއްވެސް ނެތި ކަމަށެވެ. އެހެންވެ މިމައްސަލައިގައި އެދިފައިވަނީ އެ ސިޓީ ހާމަކުރުމަށާއި އެ ސިޓީ ފޮނުވަން ޖެހުނު ސަބަބު ހާމަކުރުމަށެވެ.

ކުއްލި މައްސަލައިގައި އިތުރަށް ބުނެފައިވަނީ ރައީސްގެ ސިޓީފުޅާ ގުޅިގެން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމި ނިންމުންތަކާ ގުޅިގެން ރާއްޖެއަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން މިއަދު ވަނީ އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ.

އާދަމް ޝަރީފް ވަނީ ދިވެހިރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅުއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910