އާދަމް ޝަރީފު އުމަރު

ކަނޑުން ގެއްލުނު ބައި ހޯދުމުގެ ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި

ދިވެހިރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން އިއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.

ގަރާރުގެ ދީބާޖާ ނުވަތަ ފެށުމުގައި ބުނެފައިވަނީ މި ގަރާރަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ ރާއްޖޭގެ މަސްކަނޑުން ދިވެހި މަސްވެރިން މަސް ބާނަބާނަ ތިއްބާ އެ ކަނޑުން ބައެއް ގެއްލުމާ ގުޅިގެން އެ ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅާ ގަރާރެއް ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ ދިވެހިންނަކީ ޒަމާނުއްސުރެ ކަނޑުމަހުގެ މަސްވެރިކަމުން އެމީހުންގެ ކެއިންބުއިމާއި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދައިގެން ދިރިއުޅެމުން އައި ބަޔަކަށް ވެފައި ދިވެހި މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ވަރުގަދަ އެއް ލޭނާރު ކަމަށެވެ. މަސްވެރި އާއިލާތަކުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އޮޑިދޯނި ފަހަރާއި އާލާތްތަކާއި ވަސީލަތްތައް ތަރައްގީކޮށް އަދި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 200 ނޯޓިކަލް މޭލު ބޭރަށް ނިކުމެވޭ ފެންވަރުގެ ބޮޑެތި އޮޑިދޯނި ފަހަރު އުފައްދާފައިވާ ކަންވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ގަރާރުގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ދެކުނުން އޮންނަ މަސްކަނޑުން 45،331 އަކަކިލޯމީޓަރު ރާއްޖެއަށް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިދިޔަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ނިންމިއިރު ސަރުކާރުން ދިވެހި މަސްކަނޑުގެ ދިފާއުގައި ނުވަތަ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ރާއްޖޭގެ މަސްކަނޑުން ބައެއް ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 248 ވަނަ މާއްދާގެ (ށ)ގައި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑުގައްޔާއި ކަނޑުގެ އަޑީގެ ބިމުގައިވާ ދިރުންހުރި އަދި ދިރުމެއް ނެތް ތަބީއީ އަގުހުރި ހުރިހާ އެއްޗެއް މިލްކުވެގެން ވަނީ ދިވެހި ދައުލަތަށް ކަމަށް ބަޔާންކުރާކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ދިވެހި މަސްކަނޑަކީ ރާއްޖޭގެ އިގްތިސާދީ އަދި ސިޔާދަތީ ބާރުތަކާ ނުހަނު ގުޅުންހުރި ތަނަކަށްވާއިރު ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރާއްޖެއަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކުރުމުން ރާއްޖެއަށް ލިބިފައިވާ ގެއްލުމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް މިގަރާރުގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.

"އިޓްލޮސްގެ ނިންމުން ދިވެހި ރައްޔިތުން ބަލައިނުގަންނާތީވެ އެ ނިންމުން މުރާޖައާ ކުރުމަށް ދިވެހި ސަރުކާރުން އިޓްލޮސްއަށް އަވަހަށް ހުށަހެޅުމަށާއި ރާއްޖޭގެ މަސްކަނޑުން ގެއްލުނު ސަރަހައްދު ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ވަގުތުން ފެށުމަށާއި އެ މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ދެމެހެއްޓުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހެޅީމެވެ." ގަރާރުގައި ނިންމާލަމުން ބުނެފައިވެ އެވެ.