ވާހަކަ

ނިވެމުންދާ ބައްތި

(ބުރާސްފަތި ދުވަހުގެ ނޫހާ ގުޅޭ)

އެކަކަށް ފަހު އަނެކަކަށް އެޚަބަރު ލިބި އެންމެންގެ ލޯ ފެންކަޅި ކުރުވަމުން ދިޔައެވެ. މުޅި ތަނުގައި ކަރުނައިގެ އޮއިވަރު ދެމިގަތެވެ. އާލިޔާ ޚަބަރު ހުސްވުމާ އެކު އަވަސް ފަރުވާދޭ ބަޔަށް ބަދަލު ކުރެވުނެވެ. އާލިޔާގެ މަންމަ ހުރީ އާލިޔާގެ ކައިރީގައެވެ. އެހެން ކުދިން އަވަސް ފަރުވާދޭ ބަޔާއި އައިސީ ޔޫ އާއި ދެމެދު ދުވެދުވެ ތިއްބެވެ. އެންމެންގެ މޫނުމަތިން ވެސް ހާސްކަމާއި ހިތްދަތިކަން ފާޅުވަމުން ދިޔައެވެ.

އާލިޔާ ހޭއަރާތޯ ޑޮކުޓަރުން މަސައްކަތް ކުރަމުން ދިޔައެވެ. އަދި މިހާތަނަށް ދެވުނު އެއްވެސް ފަރުވާ އަކުން އާލިޔާ އަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. މިދަނޑިވަޅުގައި މިޚަބަރު އެންމެ މުހިންމު ވާނެ އެއްފަރާތަކީ ސައުންނެވެ. އުއްމީދާ އެކުގައި އާލިޔާގެ މަންމަ ސައުންނާއި ގުޅޭތޯ ހިތްވަރު ކުރަމުން ދިޔައެވެ. ކުރި ހުރިހާ މަސައްކަތެއް ވީ ނާކާމިޔާބެވެ. ސައުންގެ ފޯނު ވަނީ ނިންވާލައިފައެވެ. އެގޭ ދޮށަށް ތިމާގެ ކުއްޖަކު ފޮނުވައިގެން އެ ޚަބަރު ދޭން ކުރި މަސައްކަތް ވެސް ވީ ނާކާމިޔާބެވެ. ގޭގެ ސެކުރީޓީ ގާޑުގެ ފުށުން އެނގުނީ ސައުން ރާއްޖޭން ބޭރަށް މިއަދު ފުރިކަމެވެ. ދިޔައި ކޮންތަނަކަށް ކަމެއް ނޭނގުނެވެ.

އެހެން ކަމުން އެޚަބަރު އެވަގުތު ދެވޭނެ އެއްވެސް ގޮތެއް ނުވިއެވެ. ޑޮކުޓަރުންގެ ބޮޑު ޓީމަކުން އާލިޔާ ހޭ އެރުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ޓެސްޓް ތަކުގެ ނަތީޖާ ލިބުނީ ހަތަރުގަޑި ތިރީހުގައެވެ. މުޅި ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލީ ދެ ޚަބަރަކުންނެވެ. މުޅިތަނުގައި ވަނީ ރުއިމެވެ. އެކަކު އަނެކަކުގެ ގައިގައި އޮޅުލަމުން ރޮއި ޝަކުވާ ކުރަމުން ދިޔައެވެ. އެކަނިވެރިވީކަމުގެ ޝަކުވާއެވެ. ބައްޕައާއި ދޮންތަ އާއި ނުލައި އާއިލާގެ އުފާވެރިކަން ނެތްކަމުގެ ޝަކުވާއެވެ. އާލިޔާގެ މަންމަ ހުރިހާ ކުދިންގެ ކުރިމަތީގައި ހިތްވަރުކޮށް ނަޞޭހަތްތެރި ވަމުން ދިޔައެވެ. "ނުރޮއި، ގުދުރަތުގެ މިނިންމުން ގަބޫލު ކުރޭ! ބައްޕަގެ ޖަނާޒާގެ ކަންތައް އަވަސްކުރޭ!" މަންމައާއި ބޮޑުބޭބެ އާ ދެމީހުން އާލިޔާ ބޭރަށް ގެންދިއުމުގެ ކަންތައް ހަމަޖެއްސޭތޯ ބަލާނަން" ލޮލުގައި ޖަމާވެ ފައިވާ ކަރުނަތައް ފޮހެލިއެވެ. ހިތްވަރުގަދަ މައެއްގެ ގޮތުގައި ސާބިތުވިއެވެ. މަރުވެދާ މީހާގެ މައްޗަށް ކަރުނަ އަޅާ ރުއިމަކީ އެފުރާނައަށް ނުތަނަވަސްކަން ވެރި ކުރުވާނެ ކަމެއް ކަމަށް ވިސްނައިދިނެވެ. ރުއިމަކުން ކުރާނެ ފައިދާއެއް ނެތެވެ. ހެޔޮދުޢާ ކުރާށެވެ. ކަލާނގެ ހަޟުރަތުން ޝިފާއަސް އެދޭށެވެ. ހިތްވަރު ކުރަންވާނީ އެންމެފަހުގެ ޚިދުމަތުގައި ބައިވެރި ވުމަށެވެ. ރޮއި ހިތާމަކޮށް ހެދުމުން މަރުވެދާ މިހާގެ ޚިދުމަތަށްވުރެ ދިރި ހުރި ފުރާނައަށް ޓަކައި ދޭންޖެހޭ ވަގުތާއި ޚިދުމަތް އިތުރުވެ، އެ އުފަލުން މަޙުރޫމު ވެދާނެއެވެ. އޭރުން އެފުރުޞަތު ވެސް ނުލިބޭނެއޭ ބުނެ ހުރިހާ ކުދިންގެ ބޮލުގައި ބޮޑުބޭބެ ފިރުމާލިއެވެ.

އާއިލީ ލޭގެ މިވަރުގަދަ ކުލުނުގައި ގާތް ތިމާގެ އެންމެން ހޮސްޕިޓަލަށް ޖަމާވަމުން ދިޔައެވެ. ލޯދެކޭ ރައްޓެހިންނާއި އަވަށްޓެރިންގެ ހިތުގައި އެ އާއިލާއަށް ޓަކައި ވަނީ ހަމްދަރުދީއެވެ. ކޮންމެ މީހެއްގެ ދުލުންވެސް ބުނެވެމުން ދިޔައީ ކިހާ ދެރަ ހެއްޔެވެ؟ މިއީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟ މަސައްކަތެއް ކޮށްގެން ދެންތިބި ކުދިންނަށް އަޅާލަންވީ ފަރާތް ވެސް އެ ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. ދުނިޔެއަކީ މިކަހަލަ ތަނެކެވެ. އެއްދުވަހުއް ހެއްވިއްޔާ އަނެއްދުވަހު ރޮއްވާލައެވެ. ކޮންމެ ކަމެއްވެސް ހިނަގަމުން ދަނީ ގުދުރަތުގެ ނިޔާއާއި އެއްގޮތަށެވެ. ތަގުދީރުގެ އެވަރުގަދަ ޕުލޭން ނިކަމެތި އިންސާނުނަށް ބަދަލެއް ނުކުރެވެއެވެ. ނިމުން އަންނަހިނދު ނިޔާގެ ކުރިމަތީގައި ކކިޔަމަންވުން ނޫން ގޮތެއް ނުވެއެވެ.

ލޯބިވާ ފިރިމީހާގެ ވަކިވުމަކީ ދިރިއުޅުމުގައި ފޫނުބެއްދޭ ފަދަ ހިތް ދަތި ވޭނެކެވެ. ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނު ކަހަލައެވެ. އާއިލާގެ ހުރިހާ ޒިންމާއެއް ނަގަމުންދާ ދަރިފުޅު އެ ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. މައެއްގެ ވޭނަކީ ބަޔާން ކުރަން ދަތި އިހުސާސެކެވެ. ކެތްތެރިކަމުގެ މި އިމްތިހާނުގައި އެހެންކުދިން ހިތްހަމަޖައްސައި ދިނުމަށް ޓަކައި ލޮލުގައި ޖަމާވަމުން އައި ކަރުނަތައް މައިމީހާގެ ލޮލުން އެއޮހޭ ކަރުނައަކީ ކުދިންގެ ހިތަށްމާބޮޑަސްއަސަރު ކުރާނެ ކަމެކެވެ. ޖަމާ ވަމުންދާ ކަރުނަތައް އޮހުމުގެ އިޒުނަ ދެވޭކަށްމިވަގުތަކުނެތެވެ. ވީމާ ހިތް ވަރާއެކު މިބޮޑު އިމްތިހާނާއި ކުރިމަތިލައި ނަމޫނާ މައެއްގެ ގޮތުގައި ދެމި ހުރުމަށްއަޒުމުކަނޑައަޅައި ފުންނޭވަޔަކާއެކު ނޭފަތް ފޮޅާލިއެވެ. އަތުގެ ނުފުށުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.

އެކަނި ވެލެވޭ ފަހަރަކުން މިނިވަން ކަމާ އެކު ރޯލުމަށެވެ. ފިރިމީހާ އެ ވަނި އެންމެ ފަހުގެ ޚިދުމަތަށް، ބޭނުން ވެފައެވެ. ޖަނާޒާގެ އެންމެހާ ކަމެއްގައި ބައިވެރިވާން ބޭނުމެވެ. އެހެނަސް ލޯބިވާ ދަރިފުޅު އެހާލަށް ދޫކޮށް ލައިފައި ދާކަށް ނުކެރުނެވެ. އެފަކީރު އެވަނީ ދިރިހުރުމާ މެދު އުއްމީދު ގެއްލިފައެވެ.

އެހެން މީހުންގެ ހެޔޮ ދުޢާއަށް ބޭނުން ވެފައެވެ. މަޔަކަށް ވީތީ ހިތްވަރު ކުރަން ޖެހެއެވެ. މި އިމްތިހާނުގައި ކެތްތެރިވެ ހެޔޮ ދުއާކުރުން ނޫން ގޮތެއްނެތެވެ. ރައްބުގެ ވެރި އިލާހަށް ދުޢާކުރިއެވެ. އާލިޔާއަށް އަލުން ދިރުން ދެއްވުންއެދިއެވެ. ދުޅަހެޔޮ ހަޔާތަކާއެކު އަދި އެއްފަހަރު ދިރިއުޅުމުގެ ފުރުޞަތު ފަހިކޮށް ދެއްވާ ތޯއެވެ. މައްޗަސްއުފުލިފައިވާ ދެއަތުން މޫނު ފިރުމާލިއެވެ.

ފަތިސްނަމާދުން ނިމި ސަހަރާއަށް ފިރިމީހާ ގެންދިއުމުގެ ކުރިން މޫނު ދެކި ފަހުގެ ސަލާމްކުރިއެވެ. " މާއާފްކުރޭ! ހުރިހާ ވަގުތެއް އެކުގައި ހޭދަ ކުރަން ބޭނުން. އެކަމަކު އަހަރެމެން ދެމީހުންގެ ލޯބި ފުރަތަމަ ރަމުޒު ކޮށްދިން ދަރިފުޅު އެ ވަނީ އާދަންފުޅުގެ ވަކިވުމާ އެކު އެނބުރި އައުން ނުވާ ދުނިޔެއަށް ދިއުމަށް އިންތިޒާރު ކުރާ ހާލުގައި. އަހަރެން ހުވަތްފަތް ހާލުގައި މިތިބަ ފަސްކުދިންނާ އެކު އެކަނި ދިރިއުޅޭނީ ކިހިނެއް" ތިޔަދަނީ ލޯބިވާ އާލިޔާ ވެސް ގޮވައިގެންހޭ ސުވާލު ކުރާ ނަޒަރަކުން އާދަންފުޅުގެ މޫނުގައި ފިރުމާލިއެވެ. ފެންކަޅި ވެފައިވާ ލޮލުން އޮހޮރެމުން ދިޔަ ކަރުނަ ތައް ފޮހެލުމަށްފަހު އާދަންފުޅުފުގެ ހަށަމަށް ލެވިފައިވާ އަތުގައި ބޮސްދިނެވެ. އެހިނދު އާދަންފުޅު ސަހަރާއަށް ގެންދިއުމަށްޓަކައި ވޯޑުން ނެރެގެން ގެންދިޔައެވެ.

ޑޮކުޓަރުންގެ ރިޕޯޓުން އެނގުނީ އެ ހިތާމަވެރި ޚަބަރާ އެކު އާލިޔާއަށް ވަނި ހާރޓް އެޓޭކެއް ޖެހިފައި ކަމެވެ. ލަސްނުކޮށް ފަރުވާ އަވަސްކުރުމަށް ބޭރަށް ގެންދެވޭ ވަރު ވޭތޯ ޑޮކުޓަރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދިޔައެވެ. އެންމެފަހުން ދިން ޚަބަރަކީ ބޭރަށް ގެންދެވޭ ވަރަށް އާލިޔާގެ ހާލަތު ސްޓޭބަލު ވުމުން ފުރަންވީކަމެވެ.

ކޮންމެދުވަހަކު ވެސް އޮފީސް ހުޅުވަނީ އާލިޔާއެވެ. ހުރިހާ މުއައްޒަފުން އޮފީހަށް އައިސް އޮފީސް ނުހުޅު ވާތީ ކިޔުގައި ތިއްބެވެ. ނަވާލު އާލިޔާގެ ފޯނަށް ގުޅޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އޮފީހުގެ މަސައްކަތު ބައިގައި މަސައްކަތް ކުރާ އަލިބެ ބުނީ އާލިޔާގެ ބައްޕަ ނިޔާވެގެން ސަހަރާގައި އޮތް ވާހަކަ ރައްޓެއްސަކު ހެނދުނު ބުނިވާހަކައެވެ. އެހެން ބުނުމާ އެކު ނަވާލު ވަގުތުން ދިޔައީ ސަހަރާއަށެވެ. އެތަނުން އާލިޔާއެއް ނުފެނުނެވެ. އެގޭ ކުއްޖެއް ކުރެން އާލިޔާ ކޮބައިތޯ ސުވާލު ކުރުމުން އެދިން ޚަބަރުން ނަވާލުގެ ބަސް ހުސްޓުނެވެ. އިތުރަށް އެންމެ ސުވާލެއް ވެސް ނުކުރެވުނެވެ. އޭރު ކަށިނަމާދަށް ތައްޔާރުވެއްޖެއެވެ. ވުމާ އެކު ކަށިނަމާދުގައި ބައިވެރި ވުމަށްފަހު ނަވާލު ގެ މިސްރާބު ހުރީ ހޮސްޕިޓަލަށެވެ. ދަމުން އޮފީސް ބަންދު ކަމަށް ބުނެ ހުރިހާ މުއައްޒަފުން ގެއަށް ދިއުމަށް އެދުނެވެ.

އައި ސީޔޫ އިން ނެރެގެން އާލިޔާ ގެންދާތަން ފެނުމުން ނަވާލު ވެސް އެމިހުންގެ ފަހަތުން ދިޔައެވެ. މީހުން ގިނަކަމުން އާލިޔާއައި ކައިރި ވެވޭ ގޮތެއް ނުވިއެވެ. ނަވާލުއަސް އެހިސާބަށް ނުދެވެނީސް ކުރިމަތިން އޮތް އެންބިއުލަންސަށް އާލިޔާ އަރުވައިފިއެވެ. މީހުންގެ ފުށުން އެނގުނުގޮތުގައި އާލިޔާ ގެންދެވުނީ އިންޑިޔާއސއް ގެންދިއުމަށެވެ.

ނަވާލުގެ މަސައްކަތަކަށްވީ ސައުންނާއި ގުޅޭތޯ ބެލުމެވެ. ދެދުވަސްވެގެން ދިޔައިރުވެސް ސައުންނާއި ގުޅޭނެ އެއްގޮތެއްވެސް ނުވިއެވެ. އޮފީހުގެ ތަޅުދަނޑި އާލިޔާގެ ގެއިން ލިބުނެވެ. ވުމާއެކު ޖެހިގެން އައި ދުވަހު އޮފީހުގެ ކަންތައްތައް ކުރިއަށްގެންދިޔައެވެ. ނަވާލު އޮފީހުގެ ހުރިހާ ޒިއްމާއަކާއި އަމިއްލައަސް ހަވާލުވިއެވެ. ވުމާއެކު އާލިޔާގެ ކެބިންއިން ބައެއް ލިޔެ ކިޔުން ބޭނުންވާތީ އެކެބިންގެ ވަތް ގަޑެއް ހުޅުވާލިއެވެ. ނަވާލުއަށް އާލިޔާގެ ފޯނު ފެނުނެވެ. ސައުންނާއި ގުޅުދާނެ ކަމުގެ އުއްމީދު އާވިއެވެ. ވަގުތުން ފޯނު ނެގިއެވެ. ނަސީބު ހާދަ ދެރައެވެ. ފޯނުވަނީ ނިވިފައެވެ. އަވަސް އަވަހަށް ފޯނު ޗާރޖަށް ޖެހިއެވެ. ޗާރޖުވާނެ އިރަކަށް ކެތްތެރި ކަމެއްނެތި އިންތިޒާރު ކުރަމުން ދިޔައެވެ. ފޯނު ހުޅުވާލި ތަނުން ފޯނު ރިންގުވާން ފެށިއެވެ. ނަވާލުގެ މޫނުމަތިން ހިނިތުންވުން ފާޅުވިއެވެ.

ބޭރު ނަމްބަރަކުން ގުޅާތީއެވެ. އަވަސްއަވަހަށް ހަލޯ އޭ ގޮވާލިއެވެ. އެވަގުތު އެކޮޅުން ހަލޯއޭ ބުނުމަށްފަހު އިތުރު އެއްޗެކޭ ނުބުނެ ފޯނު ކަނޑާލިއެވެ. ނަވާލު އެނަމްބަރަށް ގުޅަން އުޅެއުޅެ ދެން ނުގުޅެނުނެވެ. ސައުން ކަމަށް ހީކޮށް ކަންތައްވެފައި ވާގޮތް މެސެޖު ކުރިއެވެ. މިކޮޅުގެ ހާލަތު ބަޔާން ކޮށް މެސެޖު ފޮނުވާލިއެވެ.

ހަފުތާއެއްވެގެން ދިޔަ އިރުވެސް ސައުންގެ ފޯނެއް އާލިޔާގެ ފޯނަކަށް ނާދެއެވެ. އެކަމާ ޚުދު ނަވާލު ވެސް ރުޅިއައެވެ. ހިތްހަމަ ނުޖެހުނެވެ. އާލިޔާއާއި މެދު ސައުންގެ ހިތުގައި ރަހުމެއް ނެތްކަމަށް ދެކުނެވެ. ރާއްޖެއިން ބޭރުގައި ވިޔަސް އަނބިމީހާގެ ހާލު ބަލަން ވާނެ ކަމަށް ދެކުނެވެ. ސައުންނާއި ގުޅެން އާލިޔާ އެދުވަހު އިންކާރު ކުރަމުން ބުނި ބައެއް އިބާރާތްތައް ނަވާލުގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ. "އަލަތު އަނބި މީހަޔާއި ކުދިނަށްދޭ ފަދަ ލޯތްބެއް ނުލިބޭނެއެ. އެދުވަހަކުން އާލިޔާ ބާކީވެދާނެއެ. އޭރުން ހިތް ހަލާކުވާފދަ ހިތާ މައުފުލަން ޖެހި މިދުނިޔެ ދޫކުރަން ޖެހުމަކީ ... ނަވާލު އެއްލިގެން ގޮސް ހިޔާލީ ދުނިޔެއިން ހޭލައްވާލީ ރިންގު ވަމުންދިޔަ ނަވާލުގެ ފޯނެވެ. ނަމްބަރަށްބެލުމެއްނެތި ފަރުވާކުޑަ ރާގެއްގައި ހަލޯއޭ ބުންޏެވެ. ވަހާކަ ދައްކަނީ ސައުންކަން އެނގުމުން ރަނގަޅަށްގޮނޑީގައ ހަމަޖެހިލަމުން ސައްޗަކަށްހުރިހާ ވާހަކައެއް އަމުނާލިއެވެ. އަދި ވަރަށްހިތަްހަމަ ނުޖެހުމާއެކު އާލިޔާއާމެދު ކަންތައް ތިޔަ ކުޜި ވަރަށް އިހާނެތި ކޮށް ކަމަށް ބުނަމުން ދިޔައެވެ. ސައުން ކިޔާ އެއްޗެއް ނަވާލު ނާހައެވެ. އޭނަކިޔަން ބޭނުންހުރިހާއެއްޗެއް ކިޔާ ނިމުމުން ފޯނު ކަނޑާލިއެވެ. އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ.

ސައުންނަށް ނަވާލު ކީއެއްޗެއް މާބޮޑަށް ސާފުވާ ގޮތެއް ނުވިއެވެ. ނަވާޅުގެ ފޯނަށް ގުޅަން ކުރިމަސައްކަތް ހުއްޓާލަން ޖެހުނީ ނަވާޅުގެ ފޯނު ނިއްވާލައިފައި ވާތީއެވެ. އެންމެފަހުން ސައުންގެ ރައްޓެއްސަކު ފޮނުވައިގެން އާލިޔާގެ ގެއިން ޚަބަރު ބެލިއެވެ. ރަހުމަތްތެރިޔާގެ ފޯނު ކޯލާ އެކު ސައުންގެ ބަސްހުއްޓުނެވެ. އަތުގައިވާ ފޯނު އަތުން ދޫވެ ދިޔަ ކަން ވެސް ނޭނގުނެވެ. ވަގުތުން ދަތުރު ކުރުކޮށްލުމަށްފަހު މިޝްކާއާއި ކުދިން މެލޭޝިޔާއިން ރާއްޖެއަށް ފޮނުވާލުމުގެ ތައްޔާރީތައް ހަމަޖެއްސިއެވެ. އަދި ސައުން އިންޑިޔާއަށް ދިއުމުގެ ހުރިހާކަމެއް ނިންމާއި ކުދިން ފުރުވާލިއެވެ. ސައުންގެ ހިތް އަވަސްވަމުން ދިޔައެވެ. އާލިޔާގެ މަންމައަށް ގުޅައިގެން ކަންތައްތައް ދާނުދާގޮތް ބަލަމުން ދިޔައެވެ. ދަންވަރުގެ ފުލައިޓުން އިންޑިޔާއަށް ދާނެ ވާހަކަ ބުނުމަށްފަހު ފޯނުކަނޑާލިއެވެ.

ސައުން ވިސްނާލިއެވެ. އާލިޔާއާއި މެދު އަޅާލަންވީވަރަށްސައުންނަށް އަޅައި ނުލެވޭކަމަށްދެކުނެވެ. އެކަމުގެ ސަބަބުން އާލިޔާގެ ހިތަށްކުރާނެ އަސަރާމެދު ފުރަތަމަ ފަހަރަށްވިސްނާލެވުނެވެ. މިޝްކާއާއި ކުދިން ގޮވައިގެން އެތަނުން އަނެއްތަނަށްދަތުރު ކުރާއިރު އެފަކީރު އޮފީހުގައި އަރާމެއްނެތި މަސައްކަތް ކުރަމުންދާ ގޮތް ހިތަސް ސިފަވެ ހަމދަރުދީ ވެވުނެވެ. އެގޮތަށް ކަންތައް ކުރުމުން އާލިޔާދެރަވާނެ މިންވަރު ހިތަށް އެރުމާއެކު ލޮލުން ކަރުނަ ނިރާލިއެވެ. އެވަރުގެ ބޮޑު ކަމެއް ނިމިގެން ދިޔަ އިރު ސައުންނަށް ވަގުތުން އެކަންތައްތައް ނޭނގުނީ އެ ދެމެދުގައިވާ ދުރު ކަމަކުންކަން އިހުސާސްކުރެވުނެވެ. (ނުނިމޭ)