އެމްއެންޑީއެފް

އެމެރިކާގެ ކޯސްތަކަަކަށް ފުރުސަތު ހުޅުވާލައިފި

އެމެރިކާގައި ހުންނަ "ޔުނައިޓެޑް ސްޓޭޓްސް އެއާފޯސް އެކެޑެމީ"ގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ދިވެހިންނަށް ހުޅުވާލައިފި އެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ލިބިފައިވާ މީހެއް ކަމުގައިވާން ޖެހެ އެވެ. ކައިވެނި ކޮށްގެން ނޫޅޭ އަދި އަންނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ނަފްސާނީ އަދި ޖިސްމާނީ ގޮތުންވެސް ދުޅަހެޔޮ މީހަކަށް ވާން ޖެހެ އެވެ.

މީގެ އިތުރުން "ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް" ނުވަތަ "އެމެރިކަން ކޮލެޖް ޓެސްޓިން" ހަދާފައިވާ މީހެއް ކަމުގައިވުމާއި، "ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިން ލޭންގްއޭޖް" ހަދާފައިވާ މީހެއް ކަމުގައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޖުމްލަ ހަ ފުރުސަތު ހުޅުވާލާފައިވާ މި ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިންނެވެ.

އެމްއެންޑީއެފް ބަންޑާރަކޮށްޓަށް ގޮސްގެންނާއި އީމެލްގެ ޒަރިއްޔާއިން އެޕްލިކޭޝަން ފޯމް ހުށަހެޅޭނެ އެވެ.

މި ކޯސްތަކުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި އެއިރޮނޮޓިކަލް އިންޖިނިއަރިން، އެސްޓްރޮނޮޓިކަލް އިންޖިނިއަރިން، ކޮމްޕިއުޓާ ސައިންސް، މިލިޓަރީ ސްޓްރެޓެޖިކް ސްޓަޑީޒް، މެކޭނިކަލް އިންޖިނިއަރިން، ސައިބާ ސައިންސް، ބަޔޮލޮޖީ، ލީގަލް ސްޓަޑީޒް، މެތަމެޓިކްސް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސާޗް، ފިލޯސަފީ، ސިސްޓަމް އިންޖިނިއަރިން އަދި މީޓިއޮރޮލޮޖީ ހިމެނެ އެވެ.

މިކޯސް ފުރިހަމަ ކުރުމުން ބެޗްލާސް ޑިގްރީއެއް ހާސިލްވުމުގެ އިތުރުން އެމްއެންޑީއެފްގެ އޮފިސަރެއްގެ ރޭންކު ލިބޭނެ އެވެ.