ޕީޕީއެމް

ދެ ބައި އިލެކްޝަން ވެސް ކާމިޔާބު ކުރީ ޕީޕީއެމް

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ދެ ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފި އެވެ.

މިއަދު ބޭއްވީ ނ. މަގޫދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް އަންހެން މެމްބަރަކު ހޮވުމުގެ އިންތިހާބާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބޭއްވި އިންތިހާބެވެ.

މި ދެ އިންތިހާބުގައިވެސް ވާދަކުރީ ޕީޕީއެމް އާއި އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

މަގޫދޫ ކައުންސިލް އިންތިހާބުގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް ޔުމްނާ ކާމިޔާބުކުރީ 124 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ފަރީދާއަށް ލިބުނީ 115 ވޯޓެވެ.

ކަލައިދޫ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ސަފިއްޔާއަށް ލިބުނީ 197 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ޚުވައިލަތަށް ލިބިފައިވަނީ 192 ވޯޓެވެ.

އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެމްޑީޕީގެ ބައި އިލެކްޝަން ކޮމިޓީގެ ޗެއާ އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ މިއަދަކީ އެމްޑީޕީ އަށް ނާކާމިޔާބު ދުވަހެއް ކަމަށެވެ.

"އެމްޑީޕީގެ ކެންޑިޑޭޓުން އަދި ކެމްޕޭން ޓީމުތަކުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރިއްޔާ،" މަހްލޫފް ވިދާޅުވެފައިވެ އެވެ.