ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭނުންފުޅަކީ ސިޔާސީ އާ ޑްރާމާއެއް ކުޅުއްވުން ކަމަށާއި އެ ޑްރާމާ ފެއްޓެވީ ބޭސް ފަރުވާއަށް ބޭރަށް ވަޑައިގަންނެވުމުގެ ލީގަލް ޑޮކިއުމެންޓްގައި މިއަދު ސޮއި ކުރައްވާފައި އިރާލެއްވުމަށްފަހުގައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ވިދާޅުވީ އެއްވެސް ބޭފުޅަކު މެދުވެރިކޮށް އެއްވެސް މަޝްވާރައެއްގައި މުއްދަތެއް ނެތް ގޮތަށް ބޭސް ފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައި ގަންނަވަން ރައީސް ނަޝީދަށް ޔަގީން ކަމެއް ވެސް، ހުއްދައެއްވެސް ދީފައި ނޯންނާނެ ކަމަށާއި ރައީސް ނަޝީދަށް ދީފައި ވަނީ އޮންނަ އުސޫލުގެ ތެރެއިން ރާއްޖޭން ބޭރުގައި ބޭސް ފަރުވާ ކުރަން ދޭ 30 ދުވަހުގެ މުއްދަތު ކަމަށެވެ.
ނަޝީދުގެ ލީގަ ޓީމުން މިރޭ ވިދާޅުވީ ރައީސް ނަޝީދު ބޭރަށް ވަޑައިގަތުމަށް ހުއްދަ ދެއްވީ ސްރީލަންކާގެ ހާރިޖީ ވަޒީރު ވަޑައިގެން ބޭއްވި މަޝްވަރާރަކުގައި ކަމަށާއި. އަދި އެ މަޝްވަރާތަކަށްފަހު މުއްދަތަކެއް ނެއް ގޮތަށް ބޭސްފަރުވާ ކުރައްވަން އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ނަޝީދަށް ހުއްދަ ދެއްވަން ސަރުކާރުން އެއްބަސްވެ އެ ޔަގީންކަން ދެއްި ކަމަށެވެ.
"އޭނާ ރައީސް ނަޝީދު އުޅުއްވަނީ ސީޔާސީ އާ ޑްރާމާއެއް ކުޅުއްވަން، އެކަން އެގޮތަކަށް ނުވާނެ. އެ ޑްރާމާ ފެށުނީ މިއަދު ހަވީރު ލިޔެކިޔުންތަކުގައި ސޮއި ކުރެއްވުމަށްފަހު ކަރުދާސްތައް އިރާލެއްވި ހިސާބުން ފެށިގެން." އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ މިއަދު ނަޝީދާއި އޭނާގެ ވަކީލުންތަފާތު ވާހަކަފުޅެއް ދެއްކެވި އިރު މީގެ ކުރިން ގެއަށް ބަދަލު ކުރެއްވި ދުވަހު ވެސް އޮންނަ އުސޫލުގެ ތެރެއިން ރައީސް ނަޝީދާއި އަނބިކަނބަލުން ލައިލާ އަލީ ހަމަ އެ ލިޔެކިޔުންތަކުގައި ސޮއި ކުރެއްވި ކަމަށާއި އަދި ގޭގައި ހުންނަވަނިކޮށް ލައިލާ ބޭރަށް ވަޑައިގަންނަވަން ޖެހި ވަޑައިގަތުމުން ވެސް އެ ޕޭރެންޓްޝިޕް ލިޔެކިޔުންތަކުގައި ލައިލާގެ ބަދަލުގައި އާއިލާގެ އެހެން ބޭފުޅަކު ސޮއި ކުރައްވާ ޒިންމާ ނެންގެވި ކަމަށެވެ.
"އާއިލާއާ ބައްދަލު ނުކުރެވިގެން ކޯޓަށް ވެސް ވަޑައިގެންނެވި، ގޭއަށް ބަދަލުވެ ވަޑައިގަތް ލިޔުމުގައ ވެސް ދޭބޭފުޅުން ސޮއި ކުރެއްވި އަދި މިއަދުވެސް ސޮއި ކުރެއްވި. ސޮއި ކުރައްވާފައި ލިޔުންތައް އިރާލެއްވީ. އެހެންވީމާ މިއީ ޑްރާމާއެއް... އެ ޑްރަމާ ބަލާކަށް ބޭނުމެއް ނުވޭ، ރައީސްނަޝީދަށް ލިބި ވަޑައިގަންނަވާނީ ބޭސް ފަރުވާއަށް 30 ދުވަހުގެ މުއްދަތު މިއީ ނަޝީދަސް ވިޔަސް އަޅުގަނޑަސް ވިޔަސް އެހެން މީހަކަށް ވިޔަސް އޮންނަ ގޮތް." އުމަރު ވިދާޅުވި އެވެ.
ލިޔެކިޔުންތަކުގައި ސޮއި ކުރެއްވުމަށްފަހު އިރާލެއްވި ކަމަށް ބުނާ ބުނުން ރައީސް ނަޝީދުގެ ވަކީލުން ވަނީ މިރޭ ވަނީ ދޮގުކޮށްފަ އެވެ. އަދި ޓީމުން ބުނެފައި ވަނީ ރައީސް ނަޝީދު މިރޭ އިނގިރޭސި ވިލާތަށް ވަޑައި ނުގެންނެވީ އާއިލާގެ ބޭފުޅަކު ޒިންމާ ކުރުވާ ގަރާރެއްގައި ސޮއި ކުރާ ގޮތަށް ފަހުން ސަރުކާރުން ޝަރުތުތަކެއް ކުރިމަތި ކުރުވުމުން ކަމަށެވެ.
ޓެރަރިޒަމް ކުށް ސާބިތުވެގެން 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ 30 ދުވަހަށެވެ. އަދި އޮޕަރޭޝަނަށް ފަހު ޑޮކްޓަރު ލަފާގެ މަތިން މުއްދަތު އިތުރު ކުރާނަމަ 45 ދުވަސް ދޭ ގޮތަށެވެ. މި ހުއްދަތައް ދީފައި ވަނީ ރައީސް ނަޝީދުގެ މައި ބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހި ރާއްޖެއިން ބޭރުން އެ އޮޕަރޭޝަން ކުރަން ޖެހުމުން ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ހާއްސަ ލަފަޔަކާއެކު އެވެ.