ރަޝިއާއަށް އަސްކަރީ ދަރަޖައިގެ ޑްރޯން ސަޕްލައިކުރި ކަމަށް އީރާނުން އެއްބަސްވެއްޖެ އެވެ. މިއީ މީގެ ކުރިން އީރާނުން ދެކޮޅުހަދާފައި އޮތް ކަމެކެވެ.
އީރާންގެ ޑްރޯންތައް ޔުކްރޭން ހަނގުރާމާގައި -- ޔުކްރޭނާ ދެކޮޅަށް ރަޝިއާ ބޭނުންކުރާ ކަމަށް ބުނެ ދެކެވުނު ވާހަކަތައް އީރާނުން އޮތީ ދޮގުކޮށްފަ އެވެ.
ރަޝިއާއަށް ޑްރޯން ޝިޕްމަންޓެއް ފޮނުވި ކަމަށްް އިރާން އެއްބަސްވި ނަމަވެސް، މިހާރު ވެސް ބުނަނީ އެއީ ޔުކްރޭން ހަނގުރާމާގައި ބޭނުންކުރަން ފޮނުވި ޑްރޯންތަކެއް ނޫން ކަމަށެވެ.
އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާން ވިދާޅުވި ގޮތުގައި ރަޝިއާއަށް ޑްރޯން ޝިޕްމަންޓް ފޮނުވިއިރު ޔުކްރޭން ހަނގުރާމައެއް ނުފަށަ އެވެ. އަދި ޔުކްރޭން ހަނގުރާމަ ފެށިދާނެ ކަމަށް ބެލެވިފައި ވެސް ނުވެ އެވެ.
ހުސައިން އަމީރު އަބްދުއްލަހިޔާން ވިދާޅުވި ގޮތުގައި ރަޝިއާއަށް އަސްކަރީ އުފެއްދުންތައް ފޮނުވީ ޔުކްރޭން ހަނގުރާމައަށް ތައްޔާރުވުމަކަށް ނޫނެވެ. ރަޝިއާ އާއި އިރާންއާ ދެމެދު ދިފާއީ އެއްބަސްވުމެއް އޮންނަ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ޔުކްރޭނާ ދެކޮޅަށް އީރާނުން އެހީތެރިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެކެވެ. އަދި ރަޝިއާއަށް ދުރު ރާސްތާ ބެލިސްޓިކް މިސައިލް އީރާނުން ފޮނުވާ ކަމަށް ބުނަނީ ވެސް އިރާނަށް ފިއްތުންތައް ކުރިމަތި ކުރުވާށެވެ.
ޔުކްރޭންގެ ރައީސް ޒެލެންސްކީ ވެސް ވަނީ އީރާންގައި އުފައްދާ ޑްރޯންގެ ތޮށިތައް ޔުކްރޭން މަގުތަކުން ފެންނަ ކަމަށް ވިދާޅުވި އެވެ.
އެހެން ނަމަވެސް އީރާނުން ބުނަނީ ޒެލެންސްކީ ހިތްވަރު ހޯއްދަވަނީ ހުޅަނގުގެ ބުނުންތަކުން ކަމަށާއި، ހުޅަނގުގެ ނިޔަތަކަށް ވެފައި އޮންނަނީ އީރާން އެކަހެރިކޮށް ޖަމާއަތުން ބޭރުކޮށްލުން ކަމަށެވެ.
ހުޅަނގުގެ ބައެއް މީޑިއާތަކުން ވަނީ އީރާންގެ ޑްރޯންތައް ކަމަށް ބުނެ ޝަހީދު މަރުކާ އާއި މުޖާހިދު މަރުކާގެ ޑްރޯންތަކެއްގެ ބައިތަކެއް ޚަބަރުގައި ދައްކާފަ އެެވެ. އަދި އެއީ ޔުކްރޭންގެ މަދަނީ ބިނާތަކަށް ހަމަލާދޭން އުޅެނިކޮށް ވައްޓާލާފައި ހުރި ޑްރޯންތަކެއް ކަމަށް ބުނެފަ އެވެ.
އީރާންގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ކުށްހީކުރުމަކީ ޔުކްރޭނަށް ހެދޭ ގޯހަކަށް ވާނެ އެވެ. އަދި ދެގައުމުގެ ދެމެދުގައި ސީދާ މަޝްވަރާ ކުރެވިގެން ނޫން ގޮތަކަށް ޝައްކުފިލައި ނުދާނެ އެވެ.
އެހެން ނަމަވެސް، އީރަން ބުންާ ގޮތުގައި އީރާނާ އެކު މަޝްވަރާ ކުރުމަކީ ޔުކްރޭނަށް މަނާކަމެކެވެ. ހުޅަނގުން އޮންނަނީ އީރާނާ އެކު މަޝްވަރާ ނުކުރުމަށް އެ ގައުމަށް ޕްރެޝަރުކޮށްފައި ކަމަށް އީރާނުން ބުނެ އެވެ.