ދުނިޔެ

ރަޝިއާއާ މަޝްވަރާކުރަން އެމެރިކާ ޔުކްރޭނަށް ބާރުއަޅަނީ

ޔުކްރޭން ހަނގުރާމަ އެމެރިކާއަށް ވެސް ބޮޑު ކަމަކަށް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

ޔުކްރޭން ހަނގުރާމަ ނިންމޭނެ ގޮތެއް ހޯދުމަށް އެމެރިކާއިން ޔުކްރޭންގެ ވެރިންނަށް ސިއްރިއްޔާތުގައި ބާރުއަޅަމުންދާ ކަމަށްވެސް ވެއެވެ.

އެމެރިކާ ސަރުކާރުން ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީއަށް މިހާރު ވިސްނައިދެނީ ހަނގުރަމަ ނިންމެން އޮތީ ޔުކްރޭނުން އިސްނަގައިގެން ކަމެވެ. އެހެންކަމުން މަޝްވަރާއަށް ޔުކްރޭން ތައްޔާރުކަން ހާމަކުރަން ޖެހޭ ކަމަށެވެ.

ޖޯ ބައިޑަން ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ވޮޝިންގްޓަން ޕޯސްޓުން ބުނާ ގޮތުން ޒެލެންސްކީ ސަރުކާރުން ރަޝިއާ އާއެކު މަޝްވަރާއަށް ތައްޔާރު ކަމަށް ބުނެ އެކަން ރަޝިއާއަށް އަންގަން ޖެހެ އެވެ.

އެ ގޮތުން ރަޝިއާ އާއި މަޝްވަރާއަށް ތައްޔާރުނަމަ ރަޝިއާ އަބަދުވެސް މަޝްވަރާއަށް ތައްޔާރު ކަމަށް އެބުނާ ބުނުމުގައި ހުރި ސީދާކަމެއް ދުނިޔެއަށް ހާމަވާނެ އެވެ. އޭރުން ޔުކްރޭނަކީ ސުލްހައަށް އެދޭ ގައުމަކަށް ވާނެކަން ދުނިޔެއަށް އެނގޭނެ ކަމަށްވެސް އޮފިޝަލުން ބުނެ އެވެ.

އޮފިޝަލުން ބުނާ ގޮތުން މަޝްވަރާގެ މޭޒުދޮށަށް ދާން ތައްޔާރު ކަމަށް ޔުކްރޭން ކޮންމެހެން ބުނާނެ ކަމެއް ނެތެވެ. އެހެން ނަމަވެސް މަޝްވަރާއަށް ތައްޔާރުމަ އެކަމަށް އިސްނަގާ ގައުމުތަކުން ދެން އޮތްބައި ކުޅޭ ކަމަށް އޮފިޝަލުން ބުނެ އެވެ.

ވޮޝިންގްޓަން ޕޯސްޓުން ބުނާ ގޮތުން ޔުކްރޭން ހަނގުރާމަ ދިގުދެމިގެން ދިއުމުގައި އެމެރިކާއަށް އަދި ޔުކްރޭނަކަށް ވެސް މޮޅެއް ނެތެވެ. ބޭކާރު ހަރަދުތަކެއް ނުކޮށް ފަރުޖެއްސެން އޮތީ ވެސް ހަނގުރާމަ ހުއްޓުވައިގެންކަން ޖޯ ބައިޑަން ސަރުކާރު މިހާރު ގަބޫލުކުރާ ކަމަށް ވެއެވެ.

ޒެލެންސްކީ ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިއާގައި ޕޫޓިން ވެރިކަމުގައި ހުންނެވިހާ ހިނދަކު ސުލްހައަށް މަޝްވަރާއެއް ނުކުރެވޭނެ އެވެ. އެހެންނަމަވެސް ރަޝިއާގެ ވެރިކަން ބަދަލުވެ، އެހެން ރައީސަކު ސަރުކާރާ ހަވާލުވެ ވަޑައިގެންފިނަމަ މަޝްވަރާ ކުރެވިދާނެ ކަމަށް ޒެލެންސްކީ އޮތީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، ތަޖުރިބާކާރުން ދެކޭ ގޮތުގައި މަޝްވަރާއާ ނުލައި ޔުކްރޭން ހަނގުރާމަ ނުނިމޭނެ އެވެ. މިއީ ރަޝިއާ އާއި ޔުކްރޭނާ ދެމެދު ހިނގާ ހަނގުރާމައަކަށް ވުމުން މުހިންމީ ދެ ގައުމުގެ ވެރިން އެއްމޭޒު ދޮށަށް ޖަމާވުން ކަމަށްވެސް ތަޖުރިބާކާރުން ބުނެ އެވެ.