ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން އައްޑޫއަށް ވަޑައިގެންފި

Nov 6, 2022

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އައްޑޫ ސިޓީ އަށް ވަޑައިގެންފި އެވެ.

މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އެމަނިކުފާނު އައްޑޫ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސް ޔާމީން އައްޑޫއަށް ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އައްޑޫ އަށް ކުރައްވާ މިދަތުރުފުޅުގައި އެ ސިޓީގެ ހުރިހާ ރަށަކަށް ރައީސް ޔާމީން ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

އައްޑޫއަށް ރައީސް ޔާމީން ވަޑައިގަންނާތީ ޕީޕީއެމްއާއި ޕީއެންސީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ދުރާލައި އައްޑޫއަށް ގޮސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމުން ކަންތައްތައް ދުރާލައި ވަރަށް ބޮޑަށް އިންތިޒާމުކޮށްފައިވެ އެވެ.

ރައީސް ޔާމީން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތައް އިތުރުކުރައްވާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެމަނިކުފާނާ ހަވާލުކޮށްފައި ވަނިކޮށެވެ.

ރިޔާސީ ޓިކެޓް ހަވާލުކުރެއްވި ފަހުން އެމަނިކުފާނު އެންމެނ ފުރަތަމަ ވަޑައިގެންނެވީ ހއ. އަތޮޅަށެވެ. މިދިޔަ މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި އެމަނިކުފާނު ވަޑައިގަތީ ހއ. ދިއްދޫ، އިހަވަންދޫ، ބާރަށް، ކެލާ އަދި ތުރާކުނަށެވެ. އޭގެފަހުން މިދިޔަ މަހުގެ ތިންވަނަ ހަފްތާގެ ތެރޭގައި ރައީސް ޔާމީން ވަނީ ނ. އަތޮޅުގެ ބައެއް ރަށްތަކަކަށް ވެސް ވަޑައިގެންފަ އެވެ.