ފިނިޕޭޖް

"ސުޕަމޭން"ގެ ކޮސްޓިއުމް ބޮޑު އަގުގައި ވިއްކާލައިފި

ސުޕަމޭންގެ ރޯލު ކުރިން ކުޅެފައިވާ ކްރިސްޓޮފާ ރީވް ބޭނުންކުރި "ސުޕަމޭން" ކޮސްޓިއުމް ނީލަމުގައި ތިން ލައްކަ އަށް ވުރެ ގިނަ ޑޮލަރަށް ވިއްކާލައިފި އެވެ.

ޕްރޮޕް ސްޓޯ އޮކްޝަން ހައުސް އިން ނީލަންކީ ކޮސްޓިއުމަކީ ކޮންމެވެސް ވަރަކަށް ބޭނުންކޮށްފައި ހުރުމުން ކުޑަކޮށް ހަލާކުވެފައިވާ ކޮސްޓިއުމް އެކެވެ. އެކަމަކު މި ކޮސްޓިއުމް މައިގަނޑު ގޮތެއްގައި ވަރަށް ރަނގަޅަށް ބަލަހައްޓާފައިވެ އެވެ.

މުޅި ކޮސްޓިއުމް 1978 ގައި ނެރެނު "ސުޕަމޭން"، 1980 ގައި ނެރުނު "ސުޕަމޭން ||" އަދި 1983 ގައި ނެރުނު "ސުޕަމޭން |||" ގައި ބޭނުންކޮށްފައިވާ ކަމަށް އޮކްޝަން ހައުސް އިން ބުނެފައިވެ އެވެ.

މި ވިކުނު ކޮސްޓިއުމްގައި ޓިއުނިކް، ޖަގިޔާ، ބެލްޓް، ލެގިންސް، ކޭޕް އަދި ބޫޓު ހިމެނެ އެވެ. އަދި މި ކޮސްޓިއުމް ވިކިފައިވަނީ 359،375 ޑޮލަރަށެވެ. ކޮސްޓިއުމް ގަތް ފަރާތް ވަނީ ސިއްރުކޮށްފަ އެވެ.

ކޮސްޓިއުމް ނީލަންކީ އިރު ޑިސްޕްލޭ ކޮށްފައިވަނީ ކްރިސްޓޮފާ ރީވްގެ ލައިފްސައިޒް މެނެކުއިންއެއްގަ އެވެ.

ސުޕަމޭން ކޮސްޓިއުމްގެ އިތުރުން "ސްޓާ ވޯޒް: ނިއު ހޯޕް" ގައި ޑާތް ވޭޑާ ބޭނުންކުރި އަންގި އާއި ޕިއާސް ބްރޮސްނަން "ގޯލްޑަން އައި" ގައި ބޭނުންކުރި ފިސްތޯލަ ވެސް ވަނީ ބޮޑު އަގުގައި ވިއްކާލާފަ އެވެ.