ޖޭއެސްސީ

ދެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށްފި އެވެ.

ފަނޑިޔާރުން އައްޔަނު ކޮށްފައިވަނީ ދ. ކުޑަހުވަދޫ އަދި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ޖޭއެސްސީން މިއަދު ބުނީ މެޖިސްޓްރޭޓް ކޯޓުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކާ ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީން އިންޓަވިއުކުރުމަށްފަހު ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުގެ ގޮތުގައި މ. ވޭވަށް، ކޯނާ، ޔާސިރު މުހައްމަދު އަދި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުގެ ގޮތުގައި ރ. މަޑުއްވަރީ، ރުވާގުގެ، އިބްރާހިމް ނައީމް އައްޔަނުކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރުކަމަށް އައްޔަނު ކުރުމުގެ ކުރިން ޔާސިރު ވަނީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމް އަދާކުރައްވާފަ އެވެ. ޝަރުއީ ދާއިރާއަށް ތިން އަހަރު ދުވަހު ހިދުމަތްކޮށްފައިވާ ޔާސިރު ވަނީ ބެޗްލާ އޮފް ޝަރިއާ އެންޑް ލޯ ހާސިލު ކުރައްވާފަ އެވެ.

ނައީމް ވަނީ ޝަރުއީ ދާއިރާއަށް ފަސް އަހަރު ދުވަހު ހިދުމަތްކުރައްވާފަ އެވެ. ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމް އަދާކުރައްވާފައިވާ ނައީމްއަކީ ޝަރީއަތާއި ގާނޫނުން ބެޗްލާ ޑިގްރީ އާއި މާސްޓާ އޮފް ޝަރީއާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.