ދ. ޖުޑިޝަރީ ދާއިރާގެ ހިންގުން ކުޑަހުވަދޫ ކޯޓްގެ މެޖިސްޓްރޭޓް އަބްދުލް ގާދިރު އާދަމާއި ހަވާލުކޮށްފި އެވެ.
ޖޭއެސްސީން މި ނިންމުން ނިންމާފައިވަނީ ދ. ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއް ރައްޒާގު މުހައްމަދު ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ.
ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލާ މައްސަލައެއްގެ ޝަރީއަތަށް އަބްދުއްރައްޒާގު މުހައްމަދު ހުށައަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮޔަކީ، ފޯޖްކޮށްފައިވާ ސޮއެއް ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާކަން ފުލުހުން ޖޭއެސްސީއަށް ވަނީ އަންގާފަ އެވެ. އެހެން ކަމުން އިސް މެޖިސްޓްރޭޓް އަބްދުއް ރައްޒާގު ސުލޫކީ މައްސަލައެއް އެ ކޮމިޝަނުން ވަނީ ބަލަން ފަށާފަ އެވެ.
އޭގެ ފަހުން ޖަނަވަރީ ހަތްވަަނަ ދުވަހުން ފެށިގެން ވަނީ އޭނާ ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ސަސްޕެންޑް ކޮށްފައެވެ.
ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަންގެ އިއްޔެ ބަދަލްވުމުގައި ދ. ޖުޑިޝަރީ ދާއިރާގެ ހިންގުން ކުޑަހުވަދޫ ކޯޓްގެ މެޖިސްޓްރޭޓް އަބްދުލް ގާދިރު އާދަމާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިފަހުން ޖޭއެސްސީއަށް އައި ބޮޑު ބަދަލާއެކު ވަރަށް ގިނަ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ދަނީ ފިޔަވަޅު އަޅަމުންނެވެ. އަދި އެންމެ މަތީ ކޯޓުން ފެށިގެން ދަށުގެ ކޯޓްތަކުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ފަނޑިޔާރު ކަމުން ވަކި ކުރުމަށް މަޖިލީހަށް ވެސް ވަނީ ހުށައަޅާފަ އެވެ. އެ ހުށައެޅުމާ އެއްގޮތަށް މަޖިލީހުން ފާސް ކޮށްގެން ގިނަ ފަނޑިޔާރުންތަކެއް ވަނީ މަގާމުން ދުރުކޮށްފަ އެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ އެންމެ އިސް ކޯޓް ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރުން ވެސް ހިމެނެ އެވެ.