ފިނިޕޭޖް

ޗާލީ ހަނެމް ސްކްރީން ރައިޓަރަކަށް

"ސަންސް އޮފް އެނާކީ"ގެ ޖެކްސް ޓެލާގެ ރޯލް އަދާކުރި ޗާލީ ހަނެމް ސްކްރީން ރައިޓާއަކަށް ވާން އެދޭ ކަމަށް ބުނެފި އެވެ.

މީގެ އިތުރުން ޗާލީ ބުނީ އޭނާ އެކްޓްކުރަން ބޭނުންވަނީ އަމިއްލައަށް ލިޔާ ސްކްރީން ޕްލޭތަކަށް ބިނާކޮށްފައިވާ ފިލްމްތައް ކަމަށެވެ.

"އަހަރެން މި މަސައްކަތްކުރަނީ 'ޝާންތާރާމް' އަށްފަހު ފުލްޓައިމްކޮށް ލިޔުންތެރިއަކަށްވެ، ކެރިއާ މުޅިން އަނެއްކޮޅަށް ޖަހާލަން. އަހަރެން އެކްޓްކުރުން ހުއްޓާލަނީކީ ނޫން. ބޭނުންވަނީ އަހަރެން ލިޔާ ވާހަކަތަކަށް އެކްޓްކުރަން،" ޗާލީ ބުންޏެވެ.

"ޝާންތާރާމް" އަކީ ޗާލީ ކުޅެފައިވާ އެޕަލް ޓީވީ+ ސީރީޒެކެވެ. މި ސީރީޒް ބިނާކޮށްފައިވަނީ ގްރެގަރީ ޑޭވިޑް ރޮބާޓްސްގެ ވާހަކަ އަށެވެ.

ޗާލީ ބުނީ އޭނާ މިހާރުވެސް ބައެއް ފީޗާ ފިލްމްގެ ސްކްރީންޕްލޭ އާއި މިނީސީރީޒްގެ ސްކްރީންޕްލޭ ލިޔަމުން ދާއިރު، އިންގްލެންޑްގެ ނިއުކާސަލްގައި އޭނާ އުޅެބޮޑުވި އަވަށާއި އޭނާގެ މަރުވެފައިވާ ބައްޕަ އާއި އެއްކޮށް އުޅެ ބޮޑުވި މީހުންނަށް ކޮންމެސް ވަރަކަށް ބިނާކޮށް ޓީވީ ޝޯއެއް ވެސް ހަދަމުންދާ ކަމަށެވެ.

ޗާލީގެ ބައްޕައަކީ ބާކީކުރާ ދަގަނޑު ވިއްކި ވިޔަފާރިވެރި އެކެވެ.

ޗާލީގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ކޯލްޑް މައުންޓަން"، "ޕެސިފިކް ރިމް"، "ކިން އާތާ: ލެޖެންޑް އޮފް ދަ ސްވޯޑް" ފަދަ ފިލްމް ހިމެނެ އެވެ.