އީޕީއޭ

ރިސޯޓް ތަކުން މޫދާއި ކަނޑަށް ކުނިއެޅުން ހުއްޓާލަން އަންގައިފި

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދާ އެއްގޮތަށް އަމަލުކޮށް، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން މޫދަށާއި ކަނޑަށް ކުނި ނޭޅުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެެވެ.

އީޕީއޭ އިން ބުނީ ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަވާ ގޮތަށް ކުނި މެނޭޖުކުރުމަށް އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އެހެންކަމުން މޫދަށް ކުނި އެޅުން ހުއްޓާލައި ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް އީޕީއޭއިން އިލްތިމާސް ކޮށްފައިވެ އެވެ.

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ރިސޯޓަކާ ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެނަމަ އުކާލެވޭނީ ހަމައެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ ނުވަތަ ބަޔޯޑިގްރޭޑަބަލް ތަކެތި ކަމުގައި ބުނެފައިވެ އެވެ.

މިގޮތުން އުކާލެވޭ ކުނި އުކާލަންޖެހޭނީ އަތޮޅުން ބޭރަށް ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށް ކަމުގައިވެސް ގަވައިދުގައި ބުނެފައިވެ އެވެ. އެހެންކަމުން ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް އީޕީއޭ އިން ހަނދާންކޮށްދީފައިވެ އެވެ.

އީޕީއޭ އިން މީގެކުރިންވެސް މި އެންގުން ރިސޯޓުތަކަށް އަންގައި ހަނދާންކޮށްދީފައިވެ އެވެ.

ފަތުރުވެރިކަމުގެ ބޮޑު ބައެއް ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުގެ ރީތިކަމުގެ މައްޗައް ބިނާވެފައިވާއިރު ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކުން އެތަންތަން ހިމާޔަތްކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ ބައެއް ކައުންސިލްތަކުން އަބަދުވެސް ޝަކުވާ ކުރެ އެވެ.