އީޕީއޭ

މަޑިތަކަށް ގޯނާ ކުރާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ގެއްލުން ލިބޭ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ދީފި އެވެ.

އީޕީއޭގެ އިއުލާނެއްގައި ބުނެފައިވަނީ ދަތުރުފަތުރުކުރުމުގައާއި ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސްނޯކްލިން، ޑައިވިން، ކްރޫޒިން ފަދަ ހަރަކާތްތައް ހިންގާ ރު މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ފޯރާގޮތަށް ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަ ކަމަށެވެ. އަދި މިކަމާމެދު ކަންބޮޑުވެ ހިތާމަކުރާ ކަމަށާއި މިފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ގާނޫނުގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގައި އުޅޭ ހުރިހާ ބާވަތެއްގެ މަޑިވަނީ ހިމާޔަތް ކޮށްފަ އެވެ. ހިމާޔަތްކޮށްފައިވާ އެއްވެސް ދިރޭ އެއްޗެއްގެ ތޮބީއީ ގޮތަކަށް ނުވަތަ ގުދުރަތީ ނިޒާމަށް ބުރޫ އަރާފާނެ އަމަލެއް ހިންގުމަކީވެސް ގާނޫނީގޮތުން މަނާ ކަމެކެވެ.

މީގެ އިތުރުން ކަނޑުފަޅުގެ ދިރުންތަކަކީ އޮޅު ޖަނަވާރުކަމުގައި ނުވެފައި އެތަކެތީގައި އަތްލާ ކާންދީ ހެދުމަކީ އޭގެ ތޮބީއީ ގޮތްތަކަށާއި ގުދުރަތީ ނިޒާމަށް ބުރޫ އަރާ ތަފާތު ބަލިތަކަށް އެ ދިރުންތައް ހުށަހެޅިގެންދާނެ ފަދަ އަމަލެއްކަން އީޕީއޭއިން ވަނީ ހަނދާންކޮށްދީފަ އެވެ.

އީޕީއޭއިން ވަނީ ކަނޑުފަޅުގައި އުޅަނދުފަހަރު ދުއްވާއިރުއާއި ފަތުރުވެރިކަމާއި ގުޅޭ ހަރަކާތްތައް ހިންގުމުގައި އެއްވެސް ބާވަތެއްގެ މަޑިއެއްގެ ގުދުރަތީ ދިރުމަށް ބުރޫ ނާރާނެ ގޮތަށް މަދުވެގެން ތިން މީޓަރު ނުވަތަ 10 ފޫޓު ދުރުން މަޑީގެ ހިތްގައިމު މަންޒަރުތައް ބަލާލުމަށް އިލްތިމާސްކޮށްފަ އެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭގޮތުން އީޕީއޭއިން އަންގާ އެންގުންތައް ތަންފީޒު ކުރުމަށް އެއްބާރުލުން ދިނުމަށްވެސް އީޕީއޭއިން އެދިފައިވެ އެވެ.