ފިނިޕޭޖް

ޖީޖީ ހަދީދުވެސް ޓްވިޓާއިން ވަކިވެއްޖެ

ޓެސްލާ އަދި ސްޕޭސްއެކްސްގެ ވެރިޔާ މަހުޖަނު އެލޯން މަސްކް ޓްވިޓާ ގަތުމާ ގުޅިގެން ގިނަ އަދަދެއްގެ ސެލިބްރިޓީން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެންމެ ފަހުން ޓްވިޓާ ދޫކޮށްލީ މޮޑެލް އަދި ސެލެބްރިޓީ ޖީޖީ ހަދީދްއެވެ.

އޭގެ ސަބަބަކީ އެލޯން މަސްކަކީ ކޮންޓްރަވާޝަލް މީހަކަށް ވެފައި، ކަންކަމާމެދު މަސްލަހަތަށާއި ކުރާނެ އަސަރަށް ނުބަލާ ހިޔާލު ފާޅުކޮށް ފްރީ ސްޕީޗް ޕްރޮމޯޓްކުރާ މީހެކެވެ.

އޭނާ ޓްވިޓާ ގަނެފައިވަނީ ވެސް ބޮޑު މައްސަލަގަނޑެއްގެ ތެރެއިންނެވެ. ޓްވިޓާ ގަތުމުގެ ކުރިންވެސް އެލޯން ބުނެފައިވަނީ އޭނާ ޓްވިޓާގެ "ކޮންޓެންޓް މޮޑެރޭޝަން" ގަވާއިދު ބަދަލުކޮށް، ވަޔަލެންޓް ނުވެ، މިނިވަންކަމާއެކު ހިޔާލުފާޅުކުރުމާއި ބަހުސް ކުރާނެ ޑިޖިޓަލް ޕްލެޓްފޯމަކަށް ޓްވިޓާ ބަދަލުކުރާނެ ކަމަށެވެ.

އެހެންނަމަވެސް ޓްވިޓާއަކީ ހިތު ހުރިހާ އެއްޗެއް ގޮވޭނެ ޕްލެޓްފޯމެއް ނޫން ކަމަށާއި ބުނާ އެއްޗެއްގެ ޒިންމާ ނަގަންޖެހޭ ކަމަށްވެސް އެލޯން ބުންޏެވެ. އޭނާ މިހެން ބުނެފައިވަނީ ޓްވިޓާގައި އިޝްތިހާރު ކުރާ ކުންފުނިތައް ހިތްހަމަ ޖައްސައިދިނުމަށް ކަމަށް ބެލެވެ އެވެ.

ޓްވިޓާއާ ހަވާލުވެ، އެލޯން ވަނީ ގިނަ އަދަދެއްގެ މުވައްޒަފުންނާއި މެނޭޖްމަންޓް-ލެވެލްގެ މީހުން ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.

ޖީޖީ ހަދީދް އިންސްތަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އެލޯން ފަދަ މީހަކު ޓްވިޓާގެ ވެރިއަކަށް ހުރެ، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އަޅަމުންދާ ފިޔަވަޅުތަކަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖީޖީ ބުނީ ޓްވިޓާގެ ލީޑާޝިޕް ބަދަލުވުމާ އެކު ނަފްރަތާއި ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރު ދޭ ޕްލެޓްފޯމަކަށް މަޑުމަޑުން ޓްވިޓާ ބަދަލުވަމުން ކަމަށާއި އެފަދަ ޕްލެޓްފޯމެއްގައި ހިއްސާވާން ބޭނުން ނުވާ ކަމަށެވެ. ޓްވިޓާ އަކީ އެންމެންނަށް އަމާން ޕްލެޓްފޯމެއް ކަމަށް ނުބެލެވޭ ކަމަށާއި އެފަދަ ޕްލެޓްފޯމަކުން ހެޔޮކަންތައްތަކަކަށް ވުރެ ދެރަ ކަންތައްތަކެއް ހިނގުން ކައިރި ކަމަށްވެސް ބުންޏެވެ.

ޖީޖީގެ އިތުރުން "ގްރޭސް އެނަޓޮމީ" އަދި "ބްރިގަޓަން"ގެ ޑައިރެކްޓާ ޝޮންޑާ ރައިމްސް، އެކްޓްރެސް ޓިއާ ލިއޯނީ، ލަވަކިޔުންތެރިން ޓޯނީ ބްރެކްސްޓަން އާއި ސޭރާ ބަރޭލިސް، އެކްޓަރުން ކަމަށް ޖޯޝް ގެޑް، ރޮބް ރެއިނާ، ޖޯޖް ޓާކޭ އަދި "ސްޕައިޑާމޭން" ކޮމިކްސް ހެދި އެރިކް ލާސަން ވެސް ވަނީ ޓްވިޓާ ދޫކޮށްލާފަ އެވެ.