އަލިފާން

އަލިފާން ރޯވީ ތެޔޮ ތާހެއްގައި ހުޅުހިފައިގެން

Nov 7, 2022

ހުޅުމާލޭގެ އިމާރާތެއްގައި މިރޭ އަލިފާން ރޯވީ އެ ގޭގައި ދިރިއުޅޭ ބަޔަކު ތެޔޮ ތާހެއް އުދާފައި ހަނދާންނެތި ބަހައްޓާފައި ހުއްޓާ ތެޔޮ ތާހުގައި ހުޅު ހިފައިގެން ކަމަށް ސިފައިންގެ އިން ބުނެފި އެވެ.

މިރޭ އިރުއޮއްސުނު ވަގުތު އަލިފާން ރޯވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ބީޗް ކުލަބް ކައިރީ ހުރި އިމާރާތެއްގެ ތިންވަނަ ފަންގިފިލާގަ އެވެ.

ސިފައިންގެ އިން ބުނީ މި ގޭގެ ބަދިގޭގައި އަލިފާން ރޯވެގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ހުޅުމާލޭ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިރޭ 7:18 ހާއިރު ކަމަށެވެ. އޭގެ ފަސް މިނެޓް ފަހުން ސިފައިން އެ ސަރަހައްދަށް ދިޔައިރު އަލިފާން ނިއްވާލާފައިވާ ކަމަށްވެސް ބުންޏެވެ.

އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ބަދިގޭގެ ހުޑާއި ބައެއް ތަންތަން އަނދާފައިވާ ކަމަށް ސިފައިންގެ އިން ބުނެ އެވެ.