އަލިފާން

ދޯންޏެއްގެ އިންޖީނުގައި ރޯވި އަލިފާން ނިއްވާލައިފި

ސަން އައިލެންޑް ރިސޯޓުން ކުނި ބަރުކޮށްގެން ހުޅުމާލެ ދަތުރުކުރި "ސީއެމްއެފް-2" ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނުގެ ޑީސަލް ޓޭންކުގައި ރޯވި އަލިފާން އެމްއެންޑީއެފް ހުޅުމާލެ ފަޔާ ސްޓޭޝަންގެ ސިފައިން ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނީ ދަންވަރު 3:51 ހާއިރު އެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ސިފައިން 3:55 ހާއިރު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ދޯނީގެ އިންޖީނުގެ ޑީސަލް ޓޭންކްގައި އަލިފާން ރޯވީ ހުޅުމާލޭ ފިއުލް ސަޕްލައި މޯލްޑިވްސްގެ ހުޅަނގުން އެ ދޯނި ހުޅުމާލޭ ބަނދަރަށް ވަންނަނިކޮށެވެ. ހާދިސާ ހިނގުމުން އެ ވަގުތު އާންމުންގެ އެހީތެރިކަމާއެކު ދޯނި އެދިމާލު ބަނދަރަށް ގާތްކުރުމުން އެމްއެންޑީއެފް ހުޅުމާލެ ފަޔާ ސްޓޭޝަންގެ ސިފައިން ވަަނީ ފޯމް ބޭނުންކޮށްގެން އަލިފާން ނިއްވާލާފަ އެވެ.

ހާދިސާގައި ދޯނީގެ އިންޖީނުގެ ޑީސަލް ޓޭންކުގެ އިތުރުން ކުނީގެ ގޮތުގައި މި ދޯނީގައި ހުރި ބާ ދަނގަޑާއި ޓައިރާއި ލަކުޑިފަދަ ތަކެތީގައިވެސް ވަނީ ރޯވެފަ އެވެ. އަލިފާން ނިއްވާލާފައިވަނީ ފަތިހު 4:48 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.