އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ބައްދަލުކުރެއްވުމަށް އެ މިނިސްޓްރީއަށް ގޮސް އެތަނުން ނިކުންނަން ދެކޮޅު ހެދުމުން މިނިސްޓަރު އެންމެ ފަހުން ބެލެނިވެރިންނާ ބައްދަލުކުރައްވައިފި އެވެ.
އަރަބިއްޔާ ސްކޫލާ ގުޅޭ އެތައް މައްސަލައެއް ހައްލު ނުވެ ފުނިޖެހިފައި އެޑިޔުކޭޝަން މިނިސްޓްރީގައި އެބައޮތެވެ.
ބެލެނިވެރިން މިއަދު އެޑިޔުކޭޝަން މިނިސްޓަރާ ބައްދަލުކުރަން އެ މިނިސްޓްރީއަށް ދިޔައީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ސުޖާއު އަބްދުއްރަހީމް ކުއްލި ގޮތަކަށް އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކުރުމާ ގުޅިގެން އެކަން ހިނގާދިޔަ ގޮތެއް ސާފުކުރުމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީ ހިންގަމުން ގެންދާ ވެލާނާގެ ބިލްޑިން އަށް މިއަދު އަރަބިއްޔާގެ ބެލެނިވެރިން ދިޔައީ ހެނދުނު 10:00 އެހާއިރު އެވެ. އެކަމަކު ބެލެނިވެރިންނާ ބައްދަލުކުރައްވާ ވަރަށް ވުރެ މިނިސްޓަރުގެ މަސައްކަތް ބުރަކަމަށް ވިދާޅުވެ ބައްދަލުކުރެއްވުމަށް މިނިސްޓަރު ފުރަތަމަ ދެކޮޅު ހެއްދެވި ކަމަށް ބެލެނިވެރިޔަކު އަވަސް އަށް މައުލޫމާތު ދެއްވާފައިވެ އެވެ. ނަމަވެސް މިނިސްޓަރާ ބައްދަލުކުރުމަށްފަހު ނޫނީ ގެއަށް ނުދާން ބެލެނިވެރިން ގަދަކޮށްފައި ތިބުމާ ގުޅިގެން މެންދުރުފަހު 3:00 އެހާއިރު މިނިސްޓަރު ވަނީ ބެލެނިވެރިންގެ ތެރެއިން ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.
ބެލެނިވެރިން އެޑިޔުކޭޝަން މިނިސްޓްރީ ދޮރުމަތީގައި ތިއްބާ ފުލުހުން ގޮސް އެ މީހުން ފޮނުވާލުމަށް މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް ބެލެނިވެރިން ގޮތް ދޫނުކޮށް ތިބުމާ ގުޅިގެން ފުލުހުން ފަހުން އެތަނުން ދިޔައީ އެވެ.
މިނިސްޓަރާ އެކު ބެލެނިވެރިން ބޭއްވި ބައްދަލުވުމުގައި އަރަބިއްޔާއަށް ކުރިމަތިވެފައި ހުރި މައްސަލަ މީގެކުރިންވެސް މިނިސްޓަރަށް ސާފުކޮށްދީފައިވާ ގޮތަށް މިއަދު އެކަން ކޮށްދީފައިވާ ކަމަށް މައުލޫމާތު ހިއްސާކުރި ބައެއް ބެލެނިވެރިން ބުނެފައިވެ އެވެ. އަދި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ދީފައިވާ ބިމުގައި ޖަމާލުއްދީން ސްކޫލުގެ އިމާރާތެއް އެޅުމަކީ އަރަބިއްޔާގެ އާ އިމާރާތުން ޖާގައެއް ގެއްލިގެން ދިއުން ކަމަށްވާތީ އެކަން އެގޮތަށް ނުކުރުމަށް ބެލެނިވެރިން މިނިސްޓަރުގެ ކިބައިން އެދުނު ކަމަށްވެސް މައުލޫމާތު ހިއްސާކުރި ބެލެނިވެރިން ބުނެފައިވެ އެވެ.
އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ސަރުކާރުން ވަނީ މަސައްކަތް ހަވާލުކޮށްފަ އެވެ. މިމަސައްކަތް 420 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ 168 މިލިއަން ރުފިޔާ އަށެވެ.